އިންޑިއާގެ އުތުރު އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ ޑިސްޓްރިކްޓްއެއް ކަމަށްވާ އުންނާއޯގައި މިދިޔަ ބުރާސްފަތި ދުވަހު ރޭޕްގެ ޝިކާރައަކަށްވެ، ގައިގައި އެތަން މިތަން ޒަހަމްކޮށް، ރޯކޮށްލި ޒުވާން އަންހެނަކު، ހުކުރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މަރުވެއްޖެއެވެ.

ޚަބަރު ލިބޭ ގޮތުގައި މި ޒުވާނާ މަރުވެފައިވަނީ އިންޑިއާގެ ސަފްދަޖުން ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން ދަނިކޮށް، ކާޑިއެޓް އެރެސްޓެއް އައިސްގެންނެވެ. އެ ހޮސްޕިޓަލުގެ ތަރުޖަމާނުވެސް ވަނީ މިކަން ހާމަކުރައްވާފައެވެ.

އެ ޒުވާނާ މަރުވުމުގެ ކުރިން، ހޮސްޕިޓަލުން ބޭރުގައި ހުރެ ނޫސްވެރިންނާ ވާހަކަދައްކަމުން، އެކުއްޖާގެ ބޭބެއަކު ވަނީ އޭނާއަށް އެ އަނިޔާ ދިން މީހުން ދޫވެގެން ނުވާނެ ކަމަށާ، އެމީހުން ދަންޖައްސާ މަރާލަންޖެހޭނެ ކަމަށް އޭނާގެ ކޮއްކޮ އެދޭ ކަމަށް ބުނެފައެވެ.

އެންމެ ފަހުން ރޭޕްގެ ޝިކާރައަކަށްވެ، ގައިގެ އެތަން މިތަނަށް ބޮޑެތި ޒަހަމްތަކެއް ލިބި، ހަށިގަނޑުގައި ރޯކޮށްލުމުގެ ވޭނުގައި އޮތް އުމުރުން 23 އަހަރުގެ ޒުވާނާއަށް މިކަން ކުރިމަތިވީ، އޭނާގެ ވަކީލުންނާ ބައްދަލުކުރަން ދިޔަ މަގުތަމަތީގައެވެ. 5 މީހުންގެ ގުރޫޕަކުން އޭނާ ރޭޕްކޮށް ލާއިންސާނީ އަނިޔާ ދީފައިވާއިރު، މީގެ ކުރިން އޭނާ ރޭޕްކުރި 2 މީހަކުވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

އަނިޔާވެރި 5 ފިރިހެނުންގެ އަތް ދަށުން ސަލާމަތްވެ، ރޯވެ އަނދަމުންދިޔަ އަލިފާން ބޯޅަގަނޑެއްގެ ސިފާގައި އެ ޒުވާނާ ދުވަމުން ގޮސް، އެހީތެރިކަން ހޯދުނުއިރު އޭނާގެ ހަށިގަނޑުގެ 90 ޕަސެންޓް ވަނީ ފިހިފައެވެ.

ޖަނަވާރުތަކަށް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުންދިޔަ ޑރ ޕްރިޔަންކާ ރެޑީ ރޭޕްކޮށް އަންދާ މަރާލި ހާދިސާއާއި ގުޅިގެން އިންޑިއާ ހަލަބޮލިވެފައިވަނިކޮށް، މި ޒުވާނާވެސް އެފަދަ އަނިޔާތަކެއްގައި މަރުވެދިޔައީ ވޭނުގައި ގާތްގަނޑަކަށް 40 އަކަށް ގަޑިއިރު ހޭދަކުރުމަށް ފަހުގައެވެ.

ރޭޕްގެ މައްސަލައަކީ އިންޑިއާއަށް ބޮޑު މައްސަލައަކަށްވެފައިވާއިރު ޕްރިޔަންކާ ރެޑީއަށް ލާއިންސާނީ އަނިޔާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 4 މީހުންވެސް މިހާރު ވަނީ މަރާލާފައެވެ. އެމީހުން މަރާލާފައިވަނީ ޖަރީމާ ހިންގި ސީންއަށް ގެންދިއުމުން، ފުލުހުންގެ ހަތިޔާރު އަތުލުމަށްފަހު ފިލަން މަސައްކަތް ކުރުމުގެ ސަބަބުން، އިންޑިއާ ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކެއްގައެވެ. މައްސަލަ ތަހުގީގުކޮށް ނުނިމެނީސް މިފަދަ ގޮތަކަށް 4 މީހުން މަރާލި މައްސަލައާއި ގުޅިގެން އިންޑިއާގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.

ކަންމިހެން އޮތްއިރު، އިންޑިއާ ފުލުހުން ވަނީ، އަންހެނުންނާ އަންހެން ކުދިން ބޭރަށް ނިކުމެ އުޅުމުގައި އަމިއްލަ ރައްކާތެރިކަމާ ސަލާމަތްތެރިކަން ހޯދުމަށް އިލްތިމާސްކޮށްފައެވެ.