ބާޒާރުގައި އަނެއްކާ ވެސް ފިޔާގެ އަގު އުފުލިއްޖެއެވެ.

މިއަދު ބާޒާރުގެ ގިނަ ފިހާރަތަކުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 45ރ. އަށެވެ. ބަސްތާއެއް ލިބެނީ 750-900އާ ދެމެދުގެ އަގެއްގަ އެވެ. މި އަގުގައި ބާޒާރުގައި ފިޔާ ވިއްކާތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ.

ފިޔާގެ އަގު އުފުލުނީ އިންޑިއާއިން ފިޔާ ވިއްކާ އަގަށް ބަދަލުތައް ގެނައުމުގެ ސަބަބުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިއާއިން ފިޔާ އަގު ބޮޑުކޮށްފައިވާއިރު މި ހަފްތާ ތެރޭގައި އޭޝިއާގެ ގައުމުތަކުގައި ފިޔާގެ އަގު ހުރީ ކިލޯއެއް ހަތަރު ޑޮލަރު (61.68ރ) ގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އިންޑިއާއިން ފިޔާގެ އަގު ބޮޑު ކުރީ އެ ގައުމަށް ކުރި ވިއްސާރައިގެ ސަބަބުން ދަނޑުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ފިޔާ އުފެއްދުން މަދުވުމާ ގުޅިގެންނެވެ. އަދިވެސް އެ ގައުމުގައި ފިޔާގެ އަގު ކޮންޓްރޯލެއް ނުކުރެއެވެ.

ރާއްޖޭގެ ބާޒާރުގައި ފިޔާގެ ވިޔަފާރި ކުރަމުން އަންނަ މީހަކު ބުނީ އިންޑިއާއިން ގެންނަ ފިޔާގެ އަގު ބޮޑުވި ނަމަވެސް ރަތް ފިޔާ (ޗައިނާއިން އެތެރެ ކުރާ ފިޔާ) ގެ އަގަށް ބަދަލެއް ނާންނަ ކަމަށެވެ. ރަތް ފިޔާ ބަސްތާއެއް ބާޒަރުގައި އުޅެނީ 650ރ. އަށެވެ.

ބާޒާރުގައި ފިޔާގެ އަގު އުފުލިފައި ވާއިރު ބައެއް ތަންތަނުން ފިޔާ ވަނީ ހުސްވެސްވެފައެވެ.

އެންމެ ފަހުން ފިޔާގެ އަގު ބޮޑުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަސްތެރޭގައެވެ. އޭރު ފިޔާ ބަސްތާއެއްގެ އަގު އުޅެނީ ހާހަކަށްވުރެ މަތީގައެވެ.