ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތައް ފާސްވުމުން އެކަމުން ރައްޔިތުންނަށް ލިބިގެންދާނެ ލުއި ފަސޭހަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުންނަށް ބަޔާން ކޮށްދެމުން އެބަ ގެންދެއެވެ.

މިގޮތަށް ރައީސް އޮފީހުން ބަޔާން ކޮށްދެމުން ގެންދަނީ ރައީސް އޮފީހުގެ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ވީޑިއޯ ޕޯސްޓެއްގައެވެ. އެ ވީޑިއޯއިން ދައްކަނީ ތޮއްޖެހިފައިވާ މާލޭގައި އިތުރު ގޮތެއް ނެތިގެން ދިރިއުޅެމުން އަންނަ މީހެއްގެ ވާހަކަތަކެވެ. އެގޮތުން ރަށުގައި އުޅޭއިރު ލިބޭ ހިތްހަމަޖެހުމުގެ ވާހަކަތައް އެމީހާ ހިއްސާ ކުރެއެވެ. އެހެންނަމަވެސް ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމުގެ ގޮތުން މާލެ ބަދަލުވެ ކުޑަ ކުޑަ ކޮޓަރި ގަނޑެއްގައި ލިބޭހާ މުސާރައެއް ކުއްޔަށް ދައްކައިގެން އުޅޭ ނިކަމެތި ހާލު، ހިތާމައާ އެކުގައި އެމީހާ ހިއްސާ ކުރާ އަޑު އެ ވީޑިއޯ ކްލިޕުން އިވެއެވެ.

"ވަޒީފާ ހޯދަދޭން އަންނަން މިޖެހުނީ މާލެއަށް. ދަރިންނަށް ލިބޭހާ ލާރި އެ ދައްކަނީ ކުއްޔަށް. ހިތައް އަރާ މިނޫން އެހެން ދުވަހެއް އަންނާނެ ބާއޭ. އަހަރުމެންގެ ރަށުގައި ހިތްހަމަޖެހިގެން އާއިލާއާއެކު، އުޅެވިދާނެ ދުވަހެއް އަންނާނެ ބައޭ. އަމިއްލަ ރަށުގަ އަމިއްލައަށް ފުދިގެން. މި ތޮއްޖެހިފަ އޮތް ބަންދުން މިނިވަން ވާނެ ދުވަހަކަށް ވަރަށް އުންމީދުކުރެވޭ،" ވީޑިއޯގައި އަންހެން މީހާ ކިޔައިދެއެވެ.

އަންހެން މީހާގެ ވާހަކަތަކަށް ފަހު ދެން އަޑު އިވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދައްކަވާ ވާހަކަފުޅެއްގެ އަޑެކެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކާއި އެ އިސްލާހުތައް ފާސްވުމުން ރައްޔިތުންނަށް ލިބިގެންދާނެ ފޮނި މީރުކަން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެއެވެ.

"މި އިސްލާހުތަކާއެކު ރާއްޖެ ހިންގުމަށް އިންގިލާބީ ބަދަލެއް އަންނާނެ. އިސްލާހުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ މާލީ ބާރުވެރިކަން ކައުންސިލަކައް ދިނުންް. އަދި ކައުންސިލްތަކުގެ އިހްތިސާސްތަކުގެ ތެރޭގައި ހިމެނޭ ބިމާއި، ރަށްތަކާއި، ފަޅާއި، ފަރުތަކުން ނެގޭ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ސީދާ ކައުންލްތަކަށް ލިބޭގޮތައް ހަމަޖެހިގެން ދާނެ. އަދި ކައުންސިލްތަކަށް އިންތިހާބްކުރާ މެންބަރުންގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރެވިގެން ދާނެ" ރައީސް ވިދާޅުވެއެވެ.

ރައީސް އޮފީހުން މިފަދަ ވީޑިއޯއެއް ހިއްސާކޮށްފައި ވާއިރު އިއްޔެ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ފާސްކޮށްފައެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާކުރުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަ ކޮށްދިނުމާ އެކު، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހި ކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލުތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލްތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދުގެ ފައިސާ ކައުންސިލުތަކަށް ދިނުމާއި، ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެން ދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދޭ ގޮތަށް ވެސް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.