ސައުދީ އަރަބިއްޔާގެ ރަސްމީ ތެޔޮ ކުންފުނި ސައުދީ އަރަމްކޯގެ ހިއްސާ، ފުރަތަމަ ފަހަރަށް އާންމުންނަށް ވިއްކައިގެން 25.6 ބިލިއަން ޑޮލަރުގެ ރެކޯޑް އަދަދަކަށް ވިޔަފާރި ކުރިއަށް ޖައްސާލައިފިއެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުން އައިޕީއޯ ނުވަތަ ފުރަތަމަ ފަހަރަށް އަންމުންނަށް ހިއްސާ ވިއްކައިގެން ހޯދާފައިވާ އާމްދަނީއަށް ބަލާއިރުވެސް ރެކޯޑް މިންވަރަކެވެ. މިއާ އެންމެ ގާތް ކުރާ އަދަދަކަށް އާމްދަނީ ހޯދީ އަލީބާބާ ކުންފުނިން 2014 ވަނަ އަހަރުއެވެ. އަލީބާބާގެ އައިޕީއޯއަށް އެކުންފުންޏަށް ލިބުނީ ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރެވެ.

ބައިނަލްއަގުވާމީ ފަރާތްތަކުން މާ ބޮޑު ސަމާލުކަމެއް ލިބިފައި ނުވި ނަމަވެސް، ސައުދީ އަރަމްކޯގެ އާންމު ހިއްސާގެ ވިޔަފާރި އާމްދަނީ ރެކޯޑް މިންވަރަކަށް އުފުލާލީ، ސަރަހައްދީ އިންވެސްޓަރުންގެ އިތުރުން ސައުދީގެ ދޭސީ އިންވެސްޓަރުންނަށް ބަރޯސާވެގެންނެވެ.

25.6 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލާފައި ވާއިރު، މި ހިއްސާތަކުގެ ވިޔަފާރި މުއާމަލާތްތައް ފެށުމާއެކު، އައިޕީއޯގެ އަގު 1.7 ޓްރިލިއަން ޑޮލަރަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ ސައުދީއިން ކަނޑައެޅި 2 ޓްރިލިއަން ޑޮލަރަށްވުރެ ގާތްގަނޑަކަށް 300 ބިލިއަން ޑޮލަރުގެ ފަރަގެކެވެ.

ސައުދީ އަރަމްކޯގެ ހިއްސާގެ ވިޔަފާރި ފުޅާކުރުމަކީ ސައުދީގެ އިގުތިސޯދީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށް އެގައުމުގެ ނުފޫޒު ގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ގެންގުޅުއްވާ ވަރުގަދަ އަމާޒެކެވެ.