ޒަމާން ބަދަލުވެއްޖެއެވެ. އިރެއްގައި އަންހެނުން ގޭގައި ތިބެ، ފިރިން މަސައްކަތަށް ފޮނުވިއަސް މިއަދު މިއީ އެދުވަހެއް ނޫނެވެ. އަނބިން ވެސް މަސައްކަތް ނުކޮށް މިއަދު ފަރަކު ޖެއްސޭކަށް ނެތެވެ. ދެމީހުން އެއްކޮށް ކުރާ މަސައްކަތުން ދިރިއުޅުން ކޮޅަށް ޖެހެނީ ކިރިޔަ ކިރިޔާއެވެ. 2000ގެ އަހަރުތަކުގެ ކުރީކޮޅު އަންހެނުންނާއި ފިރިހެނުން ހަމަހަމަ ވާން ޖެހޭނެ ކަމަށް ބުނެ އަޑު އުފުލިއެވެ. ނަމަވެސް އޭރު އެކަން މާ ބޮޑަށް "ވައިގަ" ހިފާ ގޮތެއް ނުވިއެވެ.
އެހެންނަމަވެސް މިއަދު އެންމެ ގަދައަށް އަޑަށް ބާރުލާފައި އެންމެން ދައްކަނީ މި ވާހަކައެވެ. ޖިންސީ ހަމަހަމަކަމުގެ ވާހަކައެވެ. ސަރުކާރުގެ އެންމެ އިސް މަގާމުން ފެށިގެން އެންމެ އާދައިގެ މުސާރައެއް ލިބޭ މަގާމުތަކުންވެސް އަންހެނުންނަށް ޖާގަ ދޭން ޖެހޭނެ ވާހަކައެވެ. ބައެއް ގައުމުތަކުގައި އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ސިޔާސީ މައިދާނަށް އަންހެންވެރިންވެސް ނެރެ އެމީހުންނަށް ސިޔާސީ ދާއިރާއިން ކުރިއަށް ދެވޭނެ މަގުތައް އަންނަނީ ތަނަވަސް ކުރަމުންނެވެ.
ދިވެހިރާއްޖެއާ އެންމެ ކައިރިން އަވަށްޓެރި އިންޑިއާއަށް ބަލާލާއިރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކްސަބާއަށް 2009ވަނަ އަހަރު އިންތިހާބުވީ 52 އަންހެން މެންބަރުންނެވެ. ނަމަވެސް 2014ވަނަ އަހަރު އެ އަދަދު ވަނީ 23 ޕަސެންޓު އިތުރުވެފައެވެ. އެގޮތުން އެ އަހަރު ލޮކްސަބާއަށް 64 އަންހެން މެންބަރުން އިންތިހާބުވިއެވެ. މި އަހަރު ވަނީ އަނެއްކާވެސް އިތުރުވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިއަހަރު 78 އަންހެން މެންބަރުން އިންތިހާބުވިއެވެ. މި ތަފާސް ހިސާބުތަކުން ދައްކައި ދެނީ އެގައުމުން އަންހެނުން ބާރުވެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކެވެ.
މިއަހަރުގެ މާޗު މަހު ވޯލްޑް ބޭންކުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައިވެސް އެންމެ ދަތި އުނދަގޫ ކަމަކަށް ވެފައިވަނީ ފިރިހެނުންނާއި އެއް ހަމައެއްގައި އަންހެނުންނަށް ވަޒީފާ އަދާ ކުރުމެވެ. ނުވަތަ ކުރު ގޮތަކަށް ބުނާނަމަ ޖިންސީ ތަފާތު ކުރުމެއް ނެތި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމެވެ. އެގޮތުން މިފަދަ އެއްވެސް ތަފާތު ކުރުމެއް ނެތި މުޅި ދުނިޔޭގައި އަންހެނުންނަށް މަސައްކަތު މާހައުލުން ޖާގަ ދީފައިވަނީ ހަ ގައުމަކުންނެވެ.
ކޮންމެއަކަސް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރޭގައި މި ކުޑަކުޑަ ދިވެހިރާއްޖެވެސް މިއަދު އަންނަނީ ހިމެނެމުންނެވެ. ގާނޫނީ ގޮތުންވެސް ރާއްޖެއިން އަންނަނީ ކުރިއެރުންތަކެއް ދުނިޔޭގެ ބައެއް އެހެން ގައުމުތަކާ އަޅާ ބަލާއިރު ހޯދަމުންނެވެ. ވަކިން ހާއްސަކޮށް ރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ގައުމަކަށް ބަލާއިރު އަންހުންނަށްވެސް ގިނަގުނަ ފައިދާތަކެއް ލިބޭނެ ގޮތަށް ދައުލަތުގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލު ގެންނަމުންދާ ގައުމެއްގެ ގޮތުގައެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިގެންދިޔަ އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ކުޑަކުޑަ ރާއްޖެވެސް މިވަނީ ތާރީހުގެ ތެރެއަށް ވަދެގެން ގޮސްފައެވެ. އެގޮތުން ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ދިނުމަށް ހާއްސަ ކުރެވި، ގާނޫނުން އެކަން މިވަނީ ލާޒިމްކޮށްފައެވެ.
އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުންނާއި އަދި ވަކިން ހާއްސަކޮށް އަންހެނުންނަށް ކައުންސިލްތަކުގެ 33 ޕަސެންޓު ދިނުމަށް ގާނޫނުން ލާޒިމްކުރުމާއި ގުޅިގެން އެކަމަށް ސަރުކާރަށް ޝުކުރު ދަންނަވާ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުން އަންހެނުންނަށް 33 ޕަސެންޓް ދީގެން، އަންހެނުން ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި، ދިވެހިރާއްޖޭގެ އިޖުތިމާއީ ކަންކަމުގައި، ދިވެހިރާއްޖޭގައި ބަސްބުނުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ. ދެތިން އަންހެން މެންބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ނުވަތަ ކެބިނެޓަށް ދެތިން އަންހެނުން ލެވުމުން އަންހެނުންނަށް ހަމަހަމަ ފުރުސަތު އޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އީވާ ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މި ގެނައި އިސްލާހުގައި އަންހެނުންގެ ދައުރަށް ވަކި ހާއްސަ ބާބެއް ކަނޑައަޅާފައި ވެއެވެ. އެ ބާބުގައިވާ ގޮތުން، ރަށްރަށާއި ސިޓީ ކައުންސިލްތައް ހިނގަނީ އަންހެނުންގެ ދައުރު ރައްކާތެރި ކުރެވި އަންހެނުންގެ ބައިވެރިވުމާ އެކުގައި ކަން ކަށަވަރު ކުރުމަށްޓަކައި ކައުންސިލްތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަން ވާނެ އެވެ. މި މަގުސަދު ހާސިލްކުރަން ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ޖެހޭ ކަމަށް އެ ބާބުގައި ވެއެވެ. މިއީ ރާއްޖޭގައި އިންތިހާބީ މަގާމުތަކެއް އަންހެނުންނަށް ހާއްސަ ކުރާ ފުރަތަމަ ފަހަރެވެ.
މި ގާނޫނަށް ގެނައި އިސްލާހާ އެކު، ސަރުކާރުގެ ވަފްދުތައް ރަށަށް ދާއިރު ރަށުތެރެ ސާފުކޮށް، ކުނިކަހާ ދައުލަތުގެ އިސް ބޭފުޅުންނަށް އަންހެނުން ކެއުން ތައްޔާރުކޮށް ދިނުން ނިމުމަކަށް އައީއެވެ. މިއަދު މި ގާނޫނާ އެކު އަންހެނުންވެސް ސަރުކާރުގެ ވަފްދުތަކާ އެކު ރަށުގެ އެހެނިހެން ކަމުވޮށިގެންވާ މީހުންނާ އެކު ބައްދަލުވުންތަކުގައި ބައިވެރިވެ ރަށުގެ ތަރައްގީއަށް ނިންމާ ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިޔައީއެވެ.