ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މަޖިލީހުން އިސްނަގައިގެން ކުރުމަށް ނިންމަވާފައިވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖަލުތަކުގައި ތިބި ބައެއް ގައިދީންގެ އާއިލާތަކުން ލުޔެއް ހޯދުމަށް އެދި ފޮނުވާފައިވާ ސިޓީތައް ލިބެމުންދާ ކަމަށާއި، އެމަނިކުފާނަށް ލިބިފައިވާ ސިޓީތަކުގައި އެދިފައިވާ އެދުންތައް ބަލައި ދިނުމަށް އެދި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުއްވި ކަމަށެވެ. އެ ގޮތުން، ގައިދީންތަކަކާ ގުޅޭ ތަފާތު 12 ސިޓީއެއްގައި ހިމެނޭ މައްސަލަތައް ދިރާސާކުރުމަށްފަހު އެ ކޮމިޓީން ހުށަހެޅިކަންކަން މަޖިލީހުގެ ތަޅުމަށް ނަޝީދު އިއްވަވައިދެއްވިއެވެ.

ނަޝީދު ވިދާޅުވީ، މިވަގުތު ޕެރޯލް ހައްގުވާ 200 އަށް ވުރެ ގައިދީން އެ ހައްގު ނުލިބި، އިންތިޒާރުގައި ތިބިއިރު، ކްލެމެންސީ ބޯޑަށް 600 އަށް ވުރެ ގިނަ ގައިދީން ހުށަހަޅާފައިވާ ކަމަށެވެ. ހަމައެއާއެކު ޕެރޯލަށް ޝަރުތު ހަމަވާ އެތައް ބަޔަކަށް ސައްހަ މައުލޫމާތު ނުލިބިގެން އެ ހައްގުން މަހުރޫމްވެފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ޖަލުތަކާ ޕެރޯލްގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް، މުޅި ނިޒާމް ހަރުދަނާކޮށްގެން މެނުއީ އެ މައްސަލަތަކަށް ހައްލު ހޯދައިދެވެންނެތް ކަމަށް ކޮމިޓީން ބުނެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ / ފޮޓޯ: މަޖިލިސް

އެ ކޮމިޓީން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ޕެރޯލް ބޯޑުން މިހާރު އެކަށީގެންވާ މަސައްކަތް ނުކުރެވޭކަން ހިމެނެއެވެ. ގާނޫނަށް ގެނެވޭ އިސްލާހެއްގެ ތެރެއިން ޕެރޯލް ހައްގުވާ ފަރާތްތަކަށް އެ ހައްގު ހޯދައިދިނުން ޕެރޯލް ބޯޑާ މަތިކޮށް، އެ ބޯޑުގެ މަސައްކަތްތައް ރިޕޯޓުކުރާނެ ފަރާތެއް ކަނޑައެޅުމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ. ހަމައެއާއެކު، ކްލެމެންސީ ބޯޑުގެ މަސައްކަތްތައް އަވަސްކުރަން އެ ބޯޑުގެ އިދާރީ އޮނިގަނޑު ހަރުދަނާކުރުމާއި، ކޮމިއުނިޓީ ސެންޓެންސިން ޕްރޮގްރާމެއް ގާނޫނަށް ގެނެވޭ އިސްލާހެއްގެ ތެރެއިން އެކުލަވާލައި، އެކަމުގެ ނިޒާމެއް ގާއިމުކުރަން ހޯމް މިނިސްޓްރީއާ ހަވާލުކުރަން ކޮމިޓީން ހުށަހަޅާފައި ވެއެވެ. މީގެއިތުރުން، މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ގިނަ އަދަދެއްގެ ގައިދީން ޖަލުތަކުގައި ތިބިއިރު، އެމީހުންނަށް ތަހުލީލީ ފަރުވާ އަވަސްކުރުމުގެ ގޮތުން ރީހެބިލިޓޭޝަން ހިދުމަތްތައް ޕްރައިވަޓައިޒް ކުރުން މުހިންމުކަމަށް ކޮމިޓީން ބުނެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ އިތުރުން ޖުޑީޝަރީ ކޮމިޓީ ގުޅިގެން ނެގޭ ސަބް ކޮމިޓީއަކުން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ޑްރާފްޓުކޮށް މުޅި ނިޒާމު ހިންގާނެ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތްކޮށް ދިނުމަށް އެ ދެ ކޮމިޓީއަށް ފޮނުވަން ނިންމަވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.