ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރުގެ ގާތިލުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި އޮތީ، ހުޅުމާލޭގައި ހިނގި އެ ހާދިސާގެ މައުލޫމާތު އެނގޭ އެއްވެސް މީހަކު ހުރި ނަމަ، ފުލުހުންނާ އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ފުލުހުން މިހާރުވެސް ގެންދަނީ އެ ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލެއަށް އެތެރެވެ ބޭރުވާ ހުރިހާ ވެހިކަލެއް ޗެކް ކުރުމާއި، ހާދިސާ ހިނގި ސަރަހައްދުވެސް ދަނީ ބަލަމުންނެވެ.

ހުޅުމާލޭގައި މަރާލި ކާރު ޑްރައިވަރު ދުއްވި ޓެކްސީ

މަރާލާފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރާލަން ޖެހުނު ސަބަބެއް އަދި ސާފު ނުވާ އިރު، އޭނާ ދުއްވި ޓެކްސީ އޮތީ، މަގުމަތީގައި ހުރި ބިއްގަނޑެއްގައި ޖެހިފައެވެ. އަދި އެ ޓެކްސީ އޮތީ ސްޓާޓު ކުރި ގޮތަށް ނިއްވާވެސް ނުލައެވެ.

ރޭ ހިނގި އެ ހާދިސާގައި މަރުވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާ މަގުމަތީގައި ވެއްޓިފައި އޮއްވާ ފުލުހުންނެވެ. އޭނާ މަރުވިކަން ފުލުހުން އިއުލާނު ކުރީ 10 ޖަހަން އުޅެނިކޮޅެވެ.