ހދ. ހަނިމާދޫގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އެރަށުން ދިވެއްސަކަށް ބިރު ދައްކާ އަނިޔާކޮށްގެން ގެންގުޅޭ ކަމުގެ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ރަހީނު ކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ ރަހީނު ކޮށްފައިވާ މީހާ ސަލާމާތް ކޮށް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިޒުވާނާގެ ހާލަތު އަދި ސާފުވާ ގޮތެެއް ނުވެއެވެ.

ރަހީނު ކުރުމުގެ މިމައްސަލަ ހިނގީ ކޮންކަމަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.

ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. ހައްޔަރު ކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ހައްޔަރު ކުރި ދެމީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.