އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ ފައުޖުން މެމްބަރުންގެ އަދަދު، ކުރިއަށް އޮތް ތަނުގައި މަދުކުރުމަކީ، ތޯލިބާނުންނާއެކު ކުރިއަށްދާ މަޝްވަރާތަކާ ކަނޑައެޅިގެން ގުޅުން އޮތް ކަމެއް ނޫންކަމަށް އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ވިދާޅުވެއްޖެއެވެ.

ރޮއިޓާޒް ނިއުސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އެސްޕާގެ މި ވާހަކަފުޅަކީ، އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު، ކުރިއަށް އޮތް ތަނުގައި މަދުކުރާނެ ކަމުގެ ސިގްނަލެކެވެ. ކަންމިހެން އޮތްއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުށްލި ގޮތަކަށް ދާދިފަހުން އަފްގާނިސްތާނަށް ކުރެއްވި ދަތުރުފުޅުގައިވެސް މިފަދަ ވާހަކަފުޅުތަކެއް ވަނީ ދައްކަވާފައެވެ. އެގޮތުން 18 އަހަރުވީ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ގެނެސް، ހަނގުރާމަ ހުއްޓާލުމަށް ތޯލިބާނުންވެސް ރުހޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އަސްކަރީ ބާރުތަކާއެކު އެހީއާއިއެކު ނޫސްވެރިއަކު އަފްގާނިސްތާނުގައި ހަރަކާތްތެރިވަނީ/ފޮޓޯ: ހިދާޔަތުﷲ އާމިދު

އެމެރިކާއާއި ތޯލިބާނުންނާ ދެމެދު ދެ ފަރާތުންވެސް ގަބޫލުކުރަނިވި އެއްބަސްވުމަކަށް އާދެވިއްޖެނަމަ އަފްގާނިސްތާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ އަދަދު ބޮޑުތަނުން މަދުކުރެވިގެންދާނެއެވެ. ކަންމިހެން އޮތް ނަމަވެސް، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސްއާއި އަލްގައިދާ ފަދަ އެހެނިހެން ހަނގުރާމަވެރި ޖަމާއަތްތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދެމުންދާ ސަމާލުކަން ކުޑަވާނެ ކަމަކަށް ނުބެލެވެއެވެ.

އެސްޕާ ވިދާޅުވީ އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ އަސްކަރިއްޔާގެ މެމްބަރުންގެ އަދަދު މަދު ކުރުމަކީ އަފްގާނިސްތާނުގައި ހިންގާ ހަމަނުޖެހުންތަކުގެ އަދަދު އިތުރުވެގެންދާނެ ކަމެއް ނޫންކަން ކަށަވަރު ކުރުމަށް، އެމެރިކާގެ ބައިވެރިންނާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އަފްގާނިސްތާނަކީ އެމެރިކާއަށް ހަމަލާ ދެވޭ ވަރުގެ ނުރައްކާތެރި ޓެރަރިސްޓުންތަކަކަށް އަމާން ފަސްގަނޑަކަށް ވެގެން ނުދާނެ ކަން ކަށަވަރު ކުރުމަށްވެސް އެމެރިކާގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށްދާކަން އެސްޕާ ވަނީ ހާމަކުރައްވާފައެވެ.

އަފްގާނިސްތާނުގެ މަގުމަތީގެ އާންމު ހާލަތު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ރޮއިޓާޒް

އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާ އަސްކަރިއްޔާގެ 13000 އެއްހާ ސިފައިން އަފްގާނިސްތާނުގެ ފަސްގަނޑުގައި އެބަތިއްބެވެ. އަދި ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، އަފްގާނިސްތާނުގައި ތިބޭނެ އެމެރިކާ ސިފައިންގެ އަދަދު 8600 އަށް ދަށްކުރެވުން އެކަށީގެންވާކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. މި ސިފައިންނަކީ ޓެރަރިޒަމްއާއި ދެކޮޅަށް މިޝަންތައް ހިންގުމުގެ އިތުރުން، އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކަށް ބޭނުންވާ ލަފާދޭ މުޝީރުންގެ ގޮތުގައި މަސައްކަތްކުރާނެ ފަންނީ ބައެއްކަމުގައިވެސް ބެލެވެއެވެ.