ސަރުކާރު ހިއްސާވާ 19 ކުންފުންޏަކާ އެކު ނުހިންގާ ކުންފުނިތަށް އުވާލަން ނިންމައި، ކުންފުނީގެ ނަންތައް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފިއެވެ.
މިއަދު ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ "ކޮމްޕެނީސް އިން ލިކުއިޑިޓޭޝަން" ލިސްޓުގައި، މައިގަނޑު ގޮތެއްގައި ހިމެނެނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ކުންފުނިތަކާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެކި ބޭނުން ތަކަށް އުފައްދާފައިވާ ކުންފުނިތަކެވެ.
އެ ކުންފުނިތަކުގެ ތެރޭގައި، ކުންފުނި އުފެދިގެން އައިއިރު ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށް އަދި ހިދުމަތްތައް ދިން ކުންފުނިތައް ވެސް ހިމެނެއެވެ.
އެ ކުންފުނިތަކުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ފެލިވަރު ފިޝަރީޒް އަދި ކޫއްޑޫ ފިޝަރީޒް ކުންފުނީގެ އިތުރުން މޯލްޑިވްސް ރޯޑް ޑިވްޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި ހަޒާނާ މޯލްޑިވްސް ފަދަ ގިނަ ކުންފުނި ތަކެއް ހިމެނެއެވެ.
ސަރުކާރުގެ މި ކުންފުނިތަކަކީ ފައިދާއެއް ނުލިބި ގެއްލުމުގައި ގިނަ މުއްދަތަކަށް ކުރިއަށް ގެންދަން ޖެހުމުން އުވާލަން ނިންމާފައިވާ ކުންފުނިތަކެވެ. މީގެ ތެރެއިން ގިނަ ކުންފުނިތަކަކީ ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް މަސައްކަތެއް ނުކުރާ ކުންފުނިތަކެވެ.
ސަރުކާރު ހިއްސާވާ 29 އަށް ވުރެ ގިނަ ކުންފުނި އޮތް ނަމަވެސް މި ކުންފުނިތަކުގެ ތެރެއިން އަމިއްލަ ފައިމައްޗަށް ތެދުވެ، ވިޔަފާރި ކުރެވެނީ ނިސްބަތުން މަދު ކުންފުންޏަކަށެވެ. އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކުގެ ބައެއް މަސްއޫލިއްޔަތުތައް މިހާރު ވަނީ ބައެއް އެހެން ކުންފުނިތަކާ ހަވާލުކޮށްފައެވެ.