މަސްވެރިކަމަށް ލޯބިކުރާ އަދި މަސްދަތުރެއްގައި ބައިވެރިވެ މަޖާ ކޮށްލަން ބޭނުންނަމަ "ހިނގާ މަހަށް" މިހެން ޖަހާ ރައްޓެހިން ޓެގްކޮށްލައިގެން މަސް ދަތުރެއްގައި ބައިވެރިވެވިދާނެއެވެ. މަސްވެރިންގެ ދުވަހާ ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީން އިންތިޒާމް ކުރާ މަސްދަތުރެއްގެ ވާހަކަ ސޯޝަލް މިޑިއާގައި ހޫނު ގަދަކޮށް ދަނީ ދެކެވެމުންނެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން "ހިނގާ މަހަށް" ގެ ނަމުގައި މަސްދަތުރެއް ބާއްވަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން މި މަސްދަތުރު ބާއްވަން ހަމަޖެހިފައި ވަނީ، މި މަހުގެ 6 އިން 7 އަށް ކަމަށާއި، އަދި މި ތަރުރަކީ މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މަސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ހަމައެއާއެކު، ދޮށީގެ މަސްވެރިކަން ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މަޖާ މަސްދަތުރަކަށް ވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މަސްދަތުރުގައި ރައްޓެއްސަކާ އެކު ބައިވެރި ވުމަށް ބޭނުންވާ ފަރާތްތައް "ހިނގާ މަހަށް" ޓެގް ކުރުމަށްފަހު މި މަސްދަތުރުގައި ބައިވެރި ވެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ބައިވެރިވާ ފާރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތައް އިއުލާން ކުރެވިގެން ދާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މަސްވެރިންގެ ދުވަހަށް ހާއްސަކޮށް ބާއްވާ މި މަސްދަތުރުގައި ބީއެމްއެލް ހަމަޖައްސާފައި ވާއިރު ބީއެމްއެލުން ވަނީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ވެސް މަސްދަތުރެއް ރާވާފައެވެ.
މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބީއެމްއެލުން ވަނީ އެ ކުންފުނީގެ އަންހެން މުވައްޒަފުންނާއި ގއ. ގެމަނަފުށީ އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 30 އަންހެނުންގެ ޓީމެއް އެކުވެގެން މަހަށް ގޮސްފައެވެ. މި މަސްދަތުރަށް ގިނަ ބައެއްގެ ތައުރީފާއި ސަޕޯޓު ލިބިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. އެ މަސްދަތުރުގެ މައިގަނޑު މަގްސަދަކަށް ވެގެން ދިޔައީ ދިވެހި އަންހެނުންނަށް މަސްވެރިކަމުގެ އުކުޅުތައް ދަސްކޮށް ދިނުމަށާއި މަސްވެރިކަމުގެ ތެރެއަށް އަންހެނުންގެ މެދުގައި އޮންނަ ޝައުގު އާލާކުރުމެވެ.
ބީއެމްއެލުން އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ދިވެހި މަސްވެރިން" ޖަމިއްޔާ އާ ގުޅިގެން އަންހެންނުންނަށް މަސްވެރިކަން ދަސްކޮށްދިނުމަށާއި މަސްވެރިކަމުގެ ތަޖުރިބާ އަންހެނުންނަށް ދިނުމުގެ ގޮތުން ބޭއްވި މި ހަރަކާތުގައި 300 ކިލޯގެ މަސް ވަނީ ބާނައިފައެވެ.
ރަސްމީ ދުވަހެއްގެ ގޮތުގައި މަސްވެރިންގެ ދުވަހެއްގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.
މާތްކަލާކޯ ފޮޓޯއިން މިފެއްނަނީ ކޮންރަށެއްގެ ކުދިންނެއް ރޮލާމަސްކާލަންތަ ނޫނީ ބޯލަންތަ އެއުޅެނީ ހާދަބޮޑުމަހެކޭތީ ؟