އުރީދޫ މޯލްޑިވްސް އިން އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް މި މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު އިސްލާހު ކުރަން، ހާއްސަ ގޮތުން ބާއްވާ އީޖީއެމް މި މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ކުންފުނީގެ ހިއްސާދާރުންނާއެކު ހާއްސަ ގޮތުން ބާއްވާ މި ބައްދަލުވުން އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެންގައި ކަމަށް އުރީދޫން ބުނެއެވެ.

އެ ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮންނާނީ އެ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އިސްލާހު ތަކެއް ހުށަހެޅުމާއި، އެ އިސްލާހުތަކާ ގުޅޭ ގޮތުން ހިއްސާދާރުންގެ މެދުގައި މަޝްވަރާކުރުމާއި އެ އިސްލާހުތަކަށް ވޯޓަށް އަހައި، ފާސް ކުރުމެވެ. އެ ޖަލްސާގައި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ޑޭމިއަން ފިލިޕް އާއި މެނޭޖިންގް ޑިރެކްޓަރު ނަޖީބު ޚާން ވާހަކަ ދައްކަވާނެއެވެ.

އުރީދޫ މޯލްޑިވްސްއިން ދަރުބާރުގޭގައި ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

އުރީދޫ ވަނީ އެ ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުތައް އާއްމުކޮށްފައެވެ. މި އިސްލާހުތަކުގައި އެ ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރު ކަމުގެ މުއްދަތު ސާފުކޮށް ބަޔާން ކުރާ އިސްލާހެއް ވެސް ހިމަނާފައި ވެއެވެ.

މި އިސްލާހަކީ މިދިޔަ މާޗު މަހު އޮތް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ހުށަހެޅި އިސްލާހެކެވެ. މީގެ އިތުރުން އުރީދޫ އިން ބުނީ މި ހާއްސަ ޖަލްސާގައި މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށެވެ.