ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން ސެޕްޓެމްބަރު 2019 އިން ފެށިގެން ފުވައްމުލަކުގައި ހިންގަމުން ދިޔަ "ގަރލްސް ޓު ކޯޑް" ޕްރޮގްރާމް އިއްޔެ ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދެވިފައި ވާ ކަމަށްވެސް ދިރާގުން ބުނެއެވެ.
މީގެ އިތުރުން ސޮފްޓްވެއާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ފެށިގެން ނިމުމާއި ހަމައަށް ކުރަންޖެހޭ އެކި އެކި ކަންތައްތަކަށް ދަރިވަރުން އަހުލުވެރި ކުރުމަށާއި އަދި މި ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ތައްޔާރުކުރަންޖެހޭ ވެބް ސައިޓް ތައްޔާރުކުރުމަށް އެހީތެރިވުމަށް ވިމެން އިން ޓެކްގެ ފަރާތުން މިޑް ރިވިއު ވޯކްޝޮޕެއް ކުރިއަށްގެންދެވުނު ކަމަށްވެސް ދިރާގުން ބުނެއެވެ.
ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިސް އެންޑް ޓެކްނޮލޮޖީގައި ހިންގުނު މި ޕްރޮގްރާމު ޖުމްލަ 16 ދަރިވަރުން ފުރިހަމަ ކުރިކަމަށައި މި ޕްރޮގްރާމްގެ ބައިވެރިވީ 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންގ އަށް މުޅިން އައު ކުދިން ކަމަށްވެސް ދިރާގުން ބުނެއެވެ.