ފުރިޖަކަށް ލައިގެން ގެންގުޅޭނަމަ 1 އަހަރުވާއިރުވެސް ހަލާކު ނުވާނެ ކަމަށް ބުނާ ބްރޭންޑެއްގެ އާފަލެއް، އެމެރިކާގެ ބާޒާރުތަކުގައި ވިއްކަން ފަށައިފިއެވެ.

'ކޮސްމިކް ކްރިސްޕް'ގެ ނަން ދީފައިވާ މި ބްރޭންޑްގެ އާފަލަކީ 20 އަހަރު ދުވަހުގެ މަސައްކަތުން ތައާރަފުކުރި ބްރޭންޑެއް ކަމަށް މައުލޫމާތު ލިބެއެވެ.

'ކޮސްމިކް ކްރިސްޕް'އަކީ އާފަލުގެ 2 ބާވަތެއް ކަމަށްވާ 'ހަނީކްރިސްޕް' އަދި 'އޮންޓަޕްރައިޒް'ގެ ކްރޮސްބްރީޑެއް ކަމަށް ބުނާއިރު، މި ބާވަތުގެ އާފަލު އެންމެ ފުރަތަމަ ހައްދާފައިވަނީ ވޮޝިންގްޓަން ސްޓޭޓް ޔުނިވަސިޓީގައި 1997 ވަނަ އަހަރު ކަމަށް ޚަބަރު ލިބެއެވެ.

ހަލާކުނުވެ އަހަރެއްހާ ދުވަސްވަންދެން ފުރިޖުގައި ގެންގުޅެވޭނެ ކަމަށް ބުނާ 'ކޮސްމިކް ކްރިސްޕް' އާފަލު/ފޮޓޯ: ޔެކީމާ ހެރަލްޑް

'ކޮސްމިކް ކްރިސްޕް' ލޯންޗްކުރުމަށް ގާތްގަނޑަކަށް މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ވޮޝިންގްޓަން ސްޓޭޓް ޔުނިވާސިޓީގައި މި އާފަލު ހެއްދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ކޭޓް އީވާންސް ބުނީ، މިއީ އާދަޔާ ހިލާފު މުރަނަކަމެއް ހުންނަ، މާ ފޮނި ނޫން އަދި މާ ހުތް ނޫން ބްރޭންޑްއެއް ކަމަށެވެ. މި އާފަލުގެ 'މަސްގަނޑު' ނުވަތަ އާފަލުގަނޑަކީ ފަސޭހައިން ކުލަ ބަދަލުވެ މިލާނެ އެއްޗެއް ނޫންކަމަށާ، ފުރިޖެއްގައި ބަހައްޓާނަމަ ހަލާކު ނުވެ 10-12 ވަރަކަށް މަސް ދުވަހު ފަސޭހަކަމާއެކު ގެންގުޅެވޭނެ ކަމަށެވެ.

'ކޮސްމިކް ކްރިސްޕް' އާފަލު އަޅާ 12 މިލިއަނެއްހާ ގަސް އެމެރިކާގައި މިހާރު އިންދާފައިވާއިރު، މި ބާވަތުގެ އާފަލު ހެއްދެނީ ހާއްސަ ލައިސަންސްއެއް ނައިގެންނެވެ. އަދި އެމެރިކާގެ އެހެން ހިސާބުތަކުގައި މި އާފަލު ހެއްދުންވެސް ވަނީ މަނާކޮށްފައެވެ.

ހަލާކުނުވެ އަހަރެއްހާ ދުވަސްވަންދެން ފުރިޖުގައި ގެންގުޅެވޭނެ ކަމަށް ބުނާ 'ކޮސްމިކް ކްރިސްޕް' އާފަލު/ފޮޓޯ: އެފްއެންޑްޑަބްލިއު މެގަޒިން

މިއީ އާދަޔާ ހިލާފަށް ރަތް އަދި އޮމާން ތޮށިގަނޑެއް އޮންނަ އާފަލެއް ކަމުން، 'ކޮސްމިކް ކްރިސްޕް' އަކީ އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކާ ފިސާރި ގަދައަށް ރަހުމަތްތެރިވާނެ ބްރޭންޑްއެއް ކަމަށް މިހާރު ދަނީ ވަކާލާތު ކުރަމުންނެވެ.

މި އާފަލަށް 'ކޮސްމިކް ކްރިސްޕް'ގެ ނަން ދީފައިވަނީ އާފަލު ތޮށީގެ ބޭރުގައި އެކި ފަރުމާތަކަށް ބުރާފައިވާ ހުދު ތިކިތަކުގެ ސަބަބުން، ރޭގަނޑުގެ އަނދިރި އުޑުގައި ތަރިތައް ވިދާ ބަބުޅާ މަންޒަރަށް ރިއާޔަތްކޮށް ކަމަށް މައުލޫމާތު ލިބެއެވެ.