މިދިޔަ ހުކުރު ދުވަހު ލަންޑަން ބްރިޖު ސަރަހައްދުގައި އުޅުނު މީހަކު ތޫނު އެއްޗަކުން ހަމަލާދީ 2 މީހުން މަރާލައި، އިތުރު ބަޔަކު ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުން ހޫނު ބަހުސްތަކެއް ކުރަން ފަށައިފިއެވެ.
ހުކުރު ދުވަހު ތޫނު އެއްޗެއް ހިފައިގެން ލަންޑަން ބްރިޖު ސަރަހައްދުގައި މީހުންގެ ފުރާނައަށް ނުރައްކާ ކުރަމުންދިޔައީ ޓެރަރިޒަމްއާއި ގުޅުން ހުރި ކުށެއްގައި ޖަލުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ހާއްސަ ލައިސަންސްއެއްގެ ދަށުން ދޫކޮށްލާފައިވާ ހުރި މީހެކެވެ. މި ހާދިސާއާއި ގުޅިގެން ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ކުރިމަތިލުންތަކެއްގައި އެމީހާވެސް ވަނީ މަރުވެފައެވެ.
ކަންމިހެން އޮތްއިރު އިނގިރޭސިވިލާތުގެ ޖަސްޓިސް މިނިސްޓްރީއިން ވަނީ ޓެރަރިޒަމްއާއި ގުޅުންހުރި ކުށްތަކުގައި ޖަލަށް ލާފައިވާ މީހުން، ހާއްސަ ލައިސަންސްއެއްގެ ދަށުން މިނިވަން ކުރުމަށް އޮންނަ އުސޫލު މުރާޖައާ ކުރަން ފަށާފައެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންވަނީ، ޓެރަރިޒަމްގެ ކުށުގައި ޖަލު ހުކުމް ތަންފީޒުކުރަމުންދާ މީހުން ޖަލު ބަންދުން ވީއްލުމަށް އޮންނަ އުސޫލު އުވާލައިފިނަމަ އެފަދަ ހާދިސާއެއް ނުހިނގީސް ކަމަށެވެ.
ޖޯންސަންގެ ވާހަކަފުޅު މިފަދަ ގޮތަކަށް ހުރިއިރު ލޭބާ ޕާޓީގެ ލީޑަރު ޖާމީ ކޯބީން ވިދާޅުވީ، މިފަދަ ހާދިސާއެއް ހިނގުމުގެ ކުރިން އެކަށީގެންވާ ފިޔަވަޅުތަކެއް ދުރާލާ އެޅިފައި ނުވާނީ ބަޖެޓް ކުޑަ ކުރުމަށް ގެންގުޅޭ އުސޫލުތަކުގެ ސަބަބުންކަމަށެވެ.
އިނގިރޭސިވިލާތުގައި ޓެރަރިޒަމްއާއި ގުޅުންހުރި އެކި ކުށްތަކާ ޖަރީމާތަކާ ގުޅިގެން ޖަލަށް ލާފައިވާ މީހުންގެ ތެރެއިން 70 އެއްހާ މީހުން މިހާރު ތިބީ ވަގުތީ ލައިސަންސްއެއްގެ ދަށުން ޖަލު ބަންދުން ވީއްލާފައެވެ. ޖަސްޓިސް މިނިސްޓްރީއިން ގެންދާ މުރާޖައާ މިމީހުންގެ މައްޗަށް އަމާޒުވުންވެސް އެކަށީގެންވެއެވެ.
ހުކުރު ދުވަހުގެ ހަމަލާ ދީފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަން ސްޓޮކް އެކްސްޗޭންޖަށް 2012 ވަނަ އަހަރު ބޮމުގެ ހަމަލާއެއް ދިނުމަށް ރާވަމުންދިޔަ މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވި، އުމުރުން 28 އަހަރުގެ އުސްމާން ހާންއެވެ. 2012 ވަނަ އަހަރުން ފެށިގެން ޖަލު ބަންދުގައި ހުރި އުސްމާން ހާން، ހާއްސަ ލައިސަންސްގެ ދަށުން ވީއްލާފައި ހުރީ 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.