އުރީދޫ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ކަލަރަންގެ ޗެރިޓީ ޕާޓަނަރަށް 50،000 ރުފިޔާ އެ ކުންފުނިން ހަދިޔާކޮށްފިއެވެ.

އުރީދޫ ކަލަރަން 2019 މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވާއިރު އެ ދުވުމުގައި 5000 އަށް ވުރެ ގިނަ ދުުންތެރިން ބައިވެރިވެފައިވާ ކަމަށް އު ކުންފުނިން ބުނެއެވެ. މި ހަރަކާތުގެ ޗެރިޓީ ޕާތްނަރެއްގެ ގޮތުން ބައިވެރިވި ޑެފް އެސޯސިއޭޝަނަށް އުރީދުން ވަނީ 50،000 ރުފިޔާގެ ފައިސާ ހަދިޔާކޮށްފައެވެ. އަދި އެ އެސޯސިއޭޝަންގެ ފަރާތުން އެތައް ކުޑަކުދިންތަކެއް ވަނީ ހަދިޔާކުރި ފައިސާގެ އިނާމު ބަލައިގަތުމަށް ސްޓޭޖަށް އަރާފައެވެ.

ފެން ޖެހުމާއި ކުލަޖެހުމަކީ މިހާރު ދިވެހިންގެ ތެރޭގައި މަޖާކޮށް އުފާ ފާޅުކުރުމަށް ކޮށް އުޅޭ ކަމެކެވެ. އެގޮތުން މިފަދަ ކުޅިވަރުތައް އާންމުކޮށް ދިވެހިންގެ ތެރޭގައި ހިންގަމުންދާ ދުވަސްވަރަކީ އީދު ފާހަގކުރާ ދުވަސްތަކެވެ. ނަމަވެސް މިއަދަކީ އީދު ދުވަހެއް ނޫނެވެ. ނަމަވެސް މިއަދު ގިނަ ބަޔަކު ތިބީ އޫރީދޫގެ ލޯގޯ ޖެހި ޓީޝާތުތައް ލައިގެން އެކި ކުލަތަކުން ފެންވަރައިގެންނެވެ.

އޫރިދޫ ކަލަ ރަންގެ ތެރެއިން / ފޮޓޯ: ފާތިމަތު އަޖުފާން | ދަ ޕްރެސް

އީދެއްހެން ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި މިއަދު ހަވީރު އެތައް ބަޔަކު ކުލަޖަހާ މަޖާކުރަމުން ދިޔައިރު، އެއީ އުރީދޫން އިންތިޒާމްކޮށްގެން ބޭއްވި ކަލަރަން ހަރަކާތުގެ ބައިވެރިންނެވެ. ކޮންމެ އަހަރަކު އުރީދޫން ސިލްސިލާއެއްހެން ބާއްވަމުންދާ ކަލަރަން ވަނީ މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ބާއްވާފައެވެ.

މި ކަލަރަންގައި ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު މަލީހް ޖަމާލުވެސް ވަނީ ބައިވެރިވެވަޑާއިގެންފައެވެ.

އޫރިދޫ ކަލަ ރަންގެ ތެރެއިން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލު އަދި ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހް / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

5000 އަށް ވުރެ ގިނަ މީހުން މި ދުވުމުގައި ވަނީ ބައިވެރިވެފައެވެ. ކުޑަކުދިންނާއި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންވެސް މި ހަރަކާތުގައި ބައިވެރިވިއެވެ. އުރީދޫން އިން ސްކޫލް ބަންދާ ދިމާކޮށް މި ދުވުން ބާއްވާފައިވަނީ ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި ކުޑަކުދިން ބައިވެރިކުރުމުގެ މަގްސަދުގައެވެ.

މި ދުވުން ކުރިއަށް ގެންގޮސްފައި ވަނީ ސެންޓްރަލް ޕާކް ވަށައިގެން ފާހަގަކޮށްފައިވާ މަގުތަކުގައި 5 ކިލޯ މީޓަރުގެ ރާސްތާއެއްގައެވެ. ކޮންމެ އެއް ކިލޯމީޓަރެއް ނިންމާ ސަރަހައްދުގައި ދުވުންތެރިންގެ ގަޔަށް ކުލަޖަހާ ހަދައެވެ. 5 ކިލޯ މީޓަރު ހަމަކުރަން އަންނަ ފިނިޝިންގް ޕޮއިންޓުން ދުވުންތެރިންގެ ގަޔަށް ކުލަޖެހުމަށްފަހު ދުވުން ފުރިހަމަ ކުރުމުން އަޅުވާ މެޑަލް ކަރުގައި އެޅުވިއެވެ.

އޫރިދޫ ކަލަ ރަންގެ މެޑަލް / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

މީގެ އިތުރުން އުރީދޫ ކަލަރަން އިން ވަނީ ބެސްޓް ކޮސްޓިއުމް ހޮވާފައެވެ. މި ކެޓަގަރީއިން އެންމެ ރީތި ކޮސްޓިއުމް އިނާމު ވަނީ ކުޑަކުދިންނާއި ބޮޑެތިމީހުންގެ ތެރެއިން ހޮވާފައެވެ. އަދި އެންމެ ގިނަ ކުލަޖަހާފައިވާ ފަރާތެއްވެސް ވަނީ ހޮވާފައެވެ. ހަމައެއާއެކު ސެލްފީ ނަގާފައި ޕޯސްޓް ކުރާ ފަރާތްތަކުގެ ތެރެއިން ބެސްޓް ސެލްފީ ހޮވުމަށްވެސް ނިންމާފައިވާ އެކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އޫރިދޫ ކަލަ ރަންގެ ތެރެއިން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް
"އާއިލީ ހަވީރެއްގެ ގޮތަށް އެތައް ބަޔަކަށް. މުޅި ފެމިލީއެއްކޮށް އައިސް މަޖާކޮށްލަން ލިބޭތީ ވަރަށް އުފާވޭ. ހުރިހާ އެންމެންވެސް ވަރަށް މަޖާކުރިން. ވަރަށް ފަން. ކޮންމެ އަހަރަކު އަޅުގަނޑާ ދެކުދިން ބައިވެރިވަން. ތޭންކްސް ޓު އޫރީދޫ"
ކަލަރަންގެ ދުވުންތެރިއެއް

މިއަދުގެ ކަލަރަންގެ ބައިވެރިވި ބައެއް ބައިވެރިންނާ ސުވާލުކޮށްލުމުން އެފަރާތުން ވަނީ ސިލްސިލާކޮށް އުރީދޫން ބާއްވާ ކަލަރަންއާ މެދު އެމީހުންގެ ޝުއޫރު ފާޅުކޮށްފައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ދެކުދިންގެ މަންމައެއް ބުނީ، އާއިލާ ހަވީރެއްގެ ގޮތުން ކުދިންވެސް ބައިވެރިކޮށްގެން ދުވުމުގައި ބައިވެރިވެ މިއީ ކޮށްލަން ވަރަށް މަޖާކަމެއް ކަމަށެވެ. އޭނާގެ ދެ ކުސިންވެސް ތިބީ ކަލަރަންގައި ބައިވެރިވެވުނީމާ ވަރަށް އުފަލުން ކަމަށް އޭނާ ބުނެއެވެ.

މީގެ އިތުރުން "ދަ ޕްރެސް" އަށް އުރީދޫ ކަލަރަންގެ ޝުއޫރު ބަންޑުން ކޮށްލި ފަރާތަކުން ބުނީ، މާލޭގައި ގިނައިން މި ތިބެނީ ގޭގައި އަބަދު ކުދިން ގޮވައިގެން ކަމަށެވެ. މިހެން ތިބޭ އިރު މިކަހަލަ މަޖާ ކަމެއް އުރީދޫން ބާއްވާތީ އެކަމަށް ޝުކުރުކުރާ ކަމަށެވެ. ކޮންމެ އަހަރަކުވެސް އުރީދޫ ކަލަރަންގައި ބައިވެރިވާން އިންތިޒާރު ކުރެވޭ ކަމަށާއި އަދިވެސް މި ދުވުން އަހަރަކު ދެފަހަރު ބާއްވާނެ ނަމައޭ ހިތަށް އަރާ ކަމަށްވެސް އެފަރާތުން ބުނެއެވެ.

އޫރިދޫ ކަލަ ރަންގެ ތެރެއިން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް
"ކޮއްކޮއަށް ވަރަށް މަޖާ. ކަލާސްވެސް ރީތި. އެވްރިޑޭ މިހެން ކުޅެލަން ބޭނުން."
ކަލަރަންގައި ބައިވެރިވި ކުޑަކުއްޖެއް

މީގެ އިތުރުން ކުޑަ ކުއްޖަކު ބުނީ، މިއަދަކީ އޭނާއަށް ވަރަށް މަޖާ ދުވަހެއް ކަމަށާއި، ކުލަތައް ވަރަށް ރީތި ކަމަށެވެ. އަދި ކޮންމެދުވަހަކު މިހެން ކުޅެލަން ބޭނުންވާ ކަމަށް އެ ކުއްޖާ ބުނެއެވެ.

އެތައްހާސް ދުވުންތެރިންނެއް ބައިވެރިވި މި އަހަރުގެ ކަލާރަން ނިންމާލާފައި ވަނީ ފޯރިގަދަ ޑީޖޭއަކާއެކުގައެވެ. ޑީޖޭ ޕައިޑޭގެ ޑީޖޭއާއެކު ދުވުންތެރިން ސްޓޭޖް ކައިރީ ފޯރިގަދަކޮށް ނެށުމުގެ ހުނަރުތައްވެސް ދައްކާލާފައި ވެއެވެ. މިއަހަރުގެ އުރީދޫ ކަލަރަން ފޯރިގަދަކޮށް ރީތި އެތައް ކުލަތަކާއެކު ނިންމާލިއިރު އެތައްބަޔަކު ވަނީ އުފަލުން ފޮޅިފައެވެ. ކަސްތަރެއްގެ ގޮތުގައި ދުވުން ފަދަ ކަމެއް ކުރަމުންދާ އެތައް ބަޔަކު އުޅޭ އިރު އުރީދޫން މި ދުވުން ގެންދަނީ ވަރަށް ތަފާތުކޮށެވެ. ކުލަޖެހުމާއި މަޖާކުރުމުގެ ހަރަކާތެއްގެ ގޮތުގައެވެ.

އެންމެންވެސް ކަލަރަން ނިންމާލާފާއި މިއަދު ގެއަށް ދިޔައީ ވަރަށް އުފަލުން ހިތްހަމަޖެހިގެން ހުރެއެވެ. އަންނަ އަހަރުގެ ކަލަރަންގައި ބައިވެރިވާން އަޒުމްކަނޑައަޅައިގެން ހުރެއެވެ. އަދީ އަންނަ އަހަރުގެ ކަލަރަން މިއަށްވުރެވެސް ފޯރިގަދަވެފައި މަޖާވާނެ ކަމަށް ދުވުންތެރިން އުންމީދުކުރެއެވެ.