ލަންޑަން ބްރިޖު ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ 2 މީހުން މަރާލާ، އިތުރު މީހުންތަކެއް ޒަހަމްކޮށްލި މީހަކީ ޓެރަރިޒަމްގެ ކުށުގައި މީގެ ކުރިންވެސް ޖަލަށް ލާފައވިވާ މީހެއް ކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ހާމަކޮށްފިއެވެ.
ޖީއެމްޓީ ގަޑިން މެންދުރުން އަނބުރާ 02:00 ޖެހުމާ ގާތްވެފައިވަނިކޮށް ލަންޑަން ބްރިޖުގެ އުތުރުގައި އޮންނަ ފިޝްމޮންގާޒް ހޯލް ސަރަހައްދުގައި ތޫނު އެއްޗެއް ހިފައިގެން "ޓެރަރިސްޓް" ހަމަލާ ދީ ބައެއްގެ ފުރާނަ ދުއްވާލާފައިވަނީ އުމުރުން 28 އަހަރުގެ، އުސްމާން ހާން ކިއާ މީހެއް ކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިމީހާ ހަމަލާ ދިން ވަގުތަކީ ގައިދީން ރީހެބިލިޓޭޓް ކުރުމާ ބެހޭ ގޮތުން ކޭމްބްރިޖު ޔުނިވާސިޓީގެ ހާއްސަ ކޮންފަރެންސްއެއް އެ ސަރަހައްދުގައި ކުރިއަށް ދިޔަ ވަގުތެއް ކަމަށްވެސް ޚަބަރު ލިބެއެވެ.
އިނގިރޭސިވިލާތުގެ ފުލުހުން މީހުން ބުނީ ހަމަލާ ދިން ވަގުތަކީ، ލައިންސަންސްއެއްގެ ދަށުން އުސްމާން ހާން ޖަލުން ބޭރަށް ނިކުމެ ހުރި ވަގުތެއް ކަމަށެވެ.
ލަންޑަން ބްރިޖު ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާ ދެމުންދިޔަ އުސްމާން ހިފަހައްޓާފައިވަނީ އެ ސަރަހައްދުގައި ތިބި އާންމުންގެ ބަޔަކު ވެގެންނެވެ. އަދި އެސަރަހައްދަށް ކަމާ ބެހޭ ފަރާތްތަކުން ގޮސް ހިންގި އޮޕަރޭޝަންގައި އުސްމާން ވަނީ މަރާލާފައެވެ. އަދި މިއީ "ޓެރަރިސްޓް" ހަމަލާއެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ނިންމާފައެވެ.
ޓެރަރިޒަމްއާއި ގުޅުންހުރި ކުށްތަކެއްގައި އުސްމާން ހާންގެ ޖަލަށް ލީ 2012 ވަނަ އަހަރުގެ ތެރޭގައެވެ.
އިނގިރޭސިވިލާތުގެ މެޓް ޕޮލީސްގެ އެސިސްޓަންޓް ކޮމިޝަނަރެއް ކަމަށްވާ ނީލް ބާސޫ ވިދާޅުވީ، ހާއްސަ ލައިސަންސްއެއްގެ ދަށުން އުސްމާން ހާން ޖަލު ބަންދުން ދޫކޮށްފައި ހުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކަމަށެވެ. އޭނާ ޖަލުން ދޫކޮށްލާފައިވަނީ ފައިގައި އިލެކްޓްރޯނިކް ޓެގް އަޅުވައިގެން އުޅުމަށާ، އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން އޭނާގެ ހުރިހާ ހަރަކާތެއް މޮނިޓާ ކުރަން އެއްބަސްވުމަކަށް އައުމަށް ފަހުގައެވެ. ހަމަލާ ދިން ވަގުތަކީ ކޭމްބްރިޖް ޔުނިވާސިޓީގެ އިވެންޓްގައި ބައިވެރިވުމަށް ބާސޫ އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ވަގުތެކެވެ.
އިނގިރޭސިވިލާތުގެ ފުލުހުން މިހާރު ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އޭނާ ދިރިއުޅެމުންދިޔަ ގެވެސް ބަލާ ފާސްކުރަމުންނެވެ. އަދި ވީ ވަރަކުން ހުރިހާ އެންމެންވެސް ލަންޑަން ބްރިޖު ސަރަހައްދަށް ނުދިއުމަށާ، ދަތުރުފަތުރަށް އެސަރަހައްދު ބޭނުން ނުކުރުމަށް އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ގޮވާލާފައެވެ.
މިމީހުން ނުޖެހޭ ތަހުގީގެއް ހުކުމެއް ކުރާކަށް ވެސް ވަގުތުން މަރާލީމަ ނިމުނީ. ރައްޔިތުން ހިފަހައްޓާފަ ހުރިއްޔާ ދެން ޕޮލިހުންނަށް އޭނާ ހައްޔަރު ނުކުރެވޭނެ ކަމަކަށް ނުފެނޭ. އެކަމަކު ވެސް ހުކުމަކާވެސް ނުލައި މަރާލީ. މިގޮތް ރަނގަޅު މިމީހުން ކުރީމަ. މުސްލިމުން ކުުުުށް ސާބިތުވެގެން ޙުކުމް ކޮށްގެންވެސް ތަންފީޒު ކުރަންޏާ ލާއިންސާނީ ވީ.