މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވިއަންގެ ބައެއް ފްލައިޓްތައް ޑިލޭވެއްޖެއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުންނާއި ދިމާވި ޓެކްނިކަލް މައްސަލަތަކާއި ހެދި އެ ކުންފުނީގެ ބައެއް ބޯޓުތައް ފުރުން ލަސްވަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން ހިދުމަތް ހޯދަމުންދާ ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ސްކޫލްތައް ބަންދުވެ ބޮޑު ޗުއްޓީ ފެށުމާއެކު ގިނަ ބަޔަކު ރަށްރަށަށާއި ރާއްޖޭން ބޭރަށް ދިއުމަށް މަސައްކަތް ކުރަމުންދާ މި ދުވަސްވަރު މޯލްޑިވިއަންގެ ގިނަ ފްލައިޓުތަކުގެ ޖާގަ ވަނީ ފުލްވެފައެވެ.

މި ދުވަސްކޮޅުން ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން މޯލްޑިވިއަންގެ ފްލައިޓުތަައް ޑިލޭވެފައިވާ އިރު ކަނޑުދަތުރު ކުރާ ފެރީތަކާއި ބޯތުތަކާއި ލޯންޗުތަކުގެ ދަތުރުތައްވެސް ވަނީ ޑިލޭކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރު ކުރުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން އުތުރުގެ އަތޮލޫތަކަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ގުގުރުމާއެކު މިއަދު ހެނދުނު 8:00 އިން މެންދުރު 2:00 އާ ދެމެދު، ބޯކޮށް ވާރޭވެހެނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ.

އިއްޔެ މާލެއަށް ކުރި ވިއްސާރާގައި ގިނަ މަގުތަކުގައި ފެން ބޮޑުވިއެވެ.