ދުންފަތުގެ ބާވަތްތައް ވިއްކާއިރު އިންޒާރުގެ ފޮޓޯއާ އެކުގައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިއްކަން ފެށުމުން އެކަމުގެ ސަބަބުން އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާއި ބެހޭ ގަވާއިދުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި އުފައްދާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ހުންނަން ވާނީ ފޮޓޯޖެހި ސިއްހަތުގެ އިންޒާރު ޖެހިފައި ކަމަށެވެ. އެ ނޫން ގޮތަށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މިދިޔަ ޖެނުއަރީ މަހުގެ 31ވަނަ ދުވަހު ގެޒެޓުކުރި އެ ގަވާއިދުގެ ދަށުން މަނާ ކަމެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ އެފަދައިން ދުންފަތުގެ ބާވަތްތައް ވިއްކަން ފެށުމުން ދުންފަތުގެ ނުރައްކަލާއި މެދު އާއްމުކޮށް އެންމެންގެ މެދުގައި ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ. އަމިއްލަ ސިއްހަތާއި މެދު ވިސްނުމަށް ބާރު ލިބި ދުންފަތާއި ދުރަށް މީހުން ދިއުމުގެ ފައިދާއަކީ ވެސް ލިބިގެންދާނެ ފައިދާއެއްކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ދުންފަތުގެ ބާވަތްތައް ވިއްކާއިރު އިންޒާރުގެ ފޮޓޯ ޖަހާފައި ހުރުމުން ކުޑަކުދިންނާއި ޒުވާނުންވެސް ދުންފަތާއި މުޅިން ދުރަށް ދާނެ ކަމަށެވެ.

މި ގަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓު ނުވަތަ ކާޓޫނެއްގައި ސިއްހަތުގެ އިންޒާރުޖެހި ފޮޓޯއާ ލިޔުން އޮންނަންވާނީ އެ ޕެކެޓެއްގެ ނުވަތަ ކާޓޫނެއްގެ ޖުމްލަ ބޮޑު މިނުގެ 90 އިންސައްތައަށްވުރެ ކުޑަނުވާ މިންވަރަކަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. ސިއްހަތުގެ އިންޒާރު ފޮޓޯ ވާންޖެހޭނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ފޮޓޯއާ އެއްގޮތަށް އިންނަ ފޮޓޯއަކަށް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މި ގަވާއިދާއި ހިލާފުވާ ފަރާތްތަކުން 500 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އިންޒާރުގެ ފޮޓޯ ޖަހައިގެން ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ ގޮތަށް އަމަލުކުރަން ފެށީ މެއި 31 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އިންޒާރުގެ ނޯޓިސް (ފޮޓޯ) ނުޖަހައި، މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައިވާ ދުންފަތުގެ ބާވަތްތައް މިމަހުގެ 30 ގެ ނިޔަލަށް ވިއްކޭނެއެވެ.

ދުންފަތާއި ސިނގިރޭޓާއި ދެކޮޅަށް ރާއްޖޭގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން ވަނީ މަނާ ކޮށްފައެވެ. ވަކިން ސިނގިރޭޓު ވިއްކުން ހުއްޓާލުމާއި ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި އިންޒާރުގެ ނޯޓިހެއްގެ އިތުރުން ކުރެހުމެއް ޖަހަން ފެށުމުން އޭގެ އަސަރު ފެންނަން ފަށާފައިވާ ކަމަށް ވިޔަފާރިވެރިން އަންނަނީ ބުނަމުންނެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިއްހަތުގެ އިންޒާރު ޖެހި ފޮޓޯ ހިމެނިފައި ނުވާ ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރީ 2017 ވަނަ އަހަރު އެވެ.