ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ނިންމައިފިއެވެ.

މަނީ ލޯންޑާ ކުރުމުގެ ކުށް ރައީސް ޔާމީނަށް ސާބިތުވެފައިވާއިރު، ދައުލަތުން ވަނީ މަނީ ލޯންޑާ ކުރުމުގެ ކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބު ކަމަށްވާ 5 އަހަރަށް ޖަލަށް ލުމުގެ އަދަބު ރައީސް ޔާމީނަށް ކަނޑައެޅުމަށް އެދިވަޑައިގެންފައެވެ. އަދި ދިފާއުން ވަނީ ކުރިއަށް އޮތީ ހަފްތާ ބަންދަށް ވާތީ އިސްތިއުނާފް ކުރުމުގެ ފުރުސަތު ނުލިބޭނެތީ މައްސަލައިގެ އަބަދު ކަނޑައެޅުން ފަސްކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ރިޔާސަތުން ވަނީ އެ ހުށަހެޅުން ބަލައިނުގެންފައެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، އެެސްއޯފް ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން ޖަމާކޮށްފައިވާ ޖުމްލަ 10 ލައްކަ އެމެރިކާ ޑޮލަރަކީ އެމްއެމްޕީއާރްސީން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުކަތަށް ލިބެން ޖެހޭ ފައިސާ ކަން އެނގިހުރެ، އެ ފައިސާއިން މަންފާ ހޯދުމަށް އެމަނިކުފާނުގެ އިންވެސްޓްމެންޓް އެކައުންޓަށް ޓްރާންސްފާކޮށް، 3 އަހަރު ވަންދެން އެ ފައިސާއިން އިންވެސްޓްކޮށް، ފައިސާގެ އަސްލު އޮޅުވާލައިފައިވާ ކަމަށް ބުނެއެވެ.

މި މައްސަލައިގެ އިބްތިދާއީ މަޖިލީހުގައި، ރައީސް ޔާމީން ވަނީ މި ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް ނމި މައްސަލަ ސާބިތުކުތުމަށް ދައުކަތުން ހުށަހެޅި ހެއްކާއި ގަރީނާއިން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައެވެ. މި ކުށް ސާބިތުވެފައިވަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.