ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި ހުކުމް އިއްވުމުގެ ޝަރީއަތް ފަސްނުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިއެވެ.

ކޯޓުން މިގޮތަށް ނިންމީ، އިޖުރާއީ މައްސަލަތަކެއް ނަގައި، މިއަދު ޝެޑިއުލްކޮށްފައި އޮތް ހުކުމް އިއްވުމުގެ ޝަރީއަތް ފަސްކޮށްދޭން ވަކީލުން އެދިވަޑައިގަތުމުންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޔާމީންގެ ވަކީލުންގެ ޓީމުގެ ވަކީލެއް ކަމަށްވާ އާދަމް ޝަމީމް ވިދާޅުވީ ޔާމީނަށް ހުކުމް އިއްވަން ބާއްވާ ޝަރީއަތް ފަސްނުކުރަން ހުށަހެޅި ހުށަހެޅުމަށް ސުޕްރީމް ކޯޓުން އަޅައިދެވޭނެ ފިޔަވަޅެއް ނެތަކަމަށް އެފަރާތުން ވަނީ ވިދާޅުވެފައި ކަމަށެވެ.

ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކޮށް، ފަނޑިޔާރު އަލީ ރަޝީދާ މައްސަލަ ހަވާލުކުރުމާއި ޝަރީއަތާ ގުޅިގެން އޭނާ ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއާ ގުޅިގެން ސުލޫކީ މައްސަލަތަކެއް ފާހަގަކޮށް ވަކީލުންގެ ޓީމުން އެކަން ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރާ ގުޅޭ ސުލޫކީ މައްސަލައެއް ފާހަގަކުރެވޭ ނަމަ، ފަނޑިޔާރުންނާ ގުޅޭ އެފަދަ ކަންކަން ބަލާ އިދާރާއަކަށް ހުށަހެޅިދާނެ ކަމަށެވެ. އަދި މައްސަލައިގެ ހުކުމަށް ސީދާ އަސަރުކުރާނެ ކަމަށް ގަބޫލުކުރެވޭ ކަންކަން ހުރި ނަމަ ކޯޓުތަކާ ބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެފަދަ ކަންކަން ފާހަގަކުރައްވައި އިސްތިއުނާފް ކުރެވިދާނެ ކަމަށެވެ. ނަމަވެސް، ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ހުކުމަކަށް، އިޖުރާއީ މައްސަލަތަކުން އަސަރުކުރާ ނަމަ ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށެވެ.

ޖަމީލު ހަވާލާ ދެއްވާފައި އެވަނީ ކޯޓުތަކުގެ ގާނޫނުގެ 17 ވަނަ މާއްދާއަށެވެ. އޭގއި ވަނީ ހުކުމް ކުރުމުގެ ކުރިއަށް ނުވަތަ ނިންމުން ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާތިލްކަމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭނީ އެ އިޖުރާއަތުގެ ނުކުތާ އަކީ ހުކުމަށް ސީދާ އަސަރެއްކޮށްފައިވާ ނުކުތާ އަކަށް ވެފައި، މައްސަލަ ބެލި ކޯޓުގައި އެ ނުކުތާއެއް ފާހަގަކުރުމުން އެ ނުކުތާ އަށް ނަޒަރުނުކޮށް ދޫކޮށްލާފައިވާ ނަމައެވެ. ނަމަވެސް ދައުލަތުގެ އާންމު މަސްލަހަތާ ގުޅުން ހުރި މައްސަލަތަކުގައި، އިޖުރާއަތުގެ ނުކުތާ މައްސަލަ ބެލި ކޯޓުގައި ނުނެގި ނަމަވެސް އެ މައްސަލައެއް ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ހުއްދައާ އެކު، ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި ނެގިދާނެ ކަމަށް ކަމށް ވެސް ގާނޫނުގައި ބުނެއެވެ.