ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކެފޭއަކަށް އަމާޒުކޮށް 2016 ވަނަ އަހަރު ދިން ވަރުގަދަ ހަމަލާއާއި ގުޅިގެން، ބަންގްލަދޭޝްގެ އެންޓި-ޓެރަރިޒަމް ކޯޓުން 7 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.

ކޯޓު ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަ ކުރުމަށްފަހު، ހުކުމް އިއްވުމަށް މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި، އެކެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ވަރަށް ކުށް ސާބިތު ނުވާކަމަށް ނިންމާ އޭނާ ވަނީ މިނިވަންކޮށްފައެވެ.

ޑާކާގެ ގުލްޝާން އޭ ކިއުނު ސަރަހައްދުގައި ހުންނަ ހޯލޭ އާޓިސާން ބޭކަރީއ ކެފޭއަށް އަމާޒުކޮށް 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާގައި 21 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މި ހާދިސާގައި 17 ބިދޭސީއެއްގެ ފުރާނަ ގެއްލިފައިވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި މި ހަމަލާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިވެސް ކޮށްފައެވެ.

ބަންގްލަދޭޝްގެ ޕަބްލިކް ޕްރޮސެކިއުޓާ ގޯލަމް ޝަރުއާރުވަނީ މަރުގެ ހުކުމް އިއްވުމަށް ކޯޓުން ނިންމި ހުކުމަށް މަރުހަބާ ވިދާޅުވެފައެވެ.

ޖަމާއަތުލް މުޖާހިދީން ޖަމާއަތަށް ނިސްބަތްވާ 8 މީހަކާ ދެކޮޅަށް ހިންގި ޝަރިއަތް ނިންމާ މަރަން ހުކުމް ކުރި 7 މީހުންނަކީ ހަދީސުއް ރަހްމާން، ރާކިބުލް ހަސަން ރިގާން، އަސްލަމް ހުސައިން ރަޝް، މުހައްމަދު އަބްދުސޮބްރު ހާން، ޝަރީފުލް އިސްލާމް ޚާލިދު، މަމުނޫރު ރާޝިދު ރިޕާން އަދި ޖަހަންގީރު ހުސައިންއެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު މުޙައްމަދު މަޖީބުއް ރަހުމާންގެ ހުކުމުގައި ވާ ގޮތުން، މި 7 މީހުން މަރަން އޮތީ ދަންޖައްސައިގެންނެވެ.