ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް އަވަހަށް ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގަންނަވާނެ ކަމަށާއި، އެގޮތަށް އެކަން ވުމުން ޖާބިރަށް ބޮޑުވަޒީރުގެ ނައިބުކަން ދެއްވަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ދިވެހިރާއްޖެއަށް ވަރަށް އަވަހަށް ބަރުލަމާނީ ނިޒާމެއް ގެންނަވަން މަޖިލިސް މެދުވެރިކޮށްގެން ގަރާރެއް ހުށަހަޅުއްވާނެ ކަމަށެވެ.

އަދި ޖާބިރު ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ބަރުލަމާނީ ނިޒާމް ގެންނަވާނެ ކަމަށާއި އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެއްވެސް އިތުރު ކަމެއް ބޭނުންނުވާ ކަމަށެވެ. ހަމައެކަނި ބޭނުންވަނީ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަން (ބޮޑުވަޒީރުގެ ނައިބުކަން) ކަމަށް ޖާބިރު ވިދާޅުވިއެވެ.

މަނިކުފާނު ޕްރައިމް މިނިސްޓަރަކަށް އައީމަ، އަޅުގަނޑު ބޭނުންވޭ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަން. އެއީ އަޅުގަނޑުގެ ކޮންޑިޝަނަކީ، ކޯލިޝަނެއް މިވަގުތު ނެތް. ގާނޫނު އަސާސީގައި ނެތް ކޯލިޝަން އޮންނަން ޖެހޭ ވާހަކައެއް
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

މީގެ އިތުރުން ޖާބިރު ވިދާޅުވީ ގާނޫނު އަސާސީގައި ކޯލިޝަން އޮންނަން ޖެހޭ ވާހަކަ ނެތް ކަމަށާއި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުންވަނީ ރައްކާތެރި، ހަރަދުކުޑަ ސަރުކާރެއް އެކުލަވާލުމުގެ މަގްސަދުގައި ކަމަށެވެ. ޖާބިރު ވިދާޅުވީ ދިވެހިރާއްޖެ ރަނގަޅު ކުރުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގަންނަވަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.