މުޅި އިންޑިއާއަށް މިއަދަކީ ހިތާމައިގެ ދުވަހެކެވެ. މީގެ 11 އަހަރު ކުރިން އިންޑިއާއާއި މުޅި ދެކުނު އޭޝިއާ ސިއްސުވާލި ވަރުގަދަ ޓެރަރިސްޓް ހަމަލާގައި މަރުވެ ދިޔަ މީހުންގެ ހަނދާން އާ ކުރަމުންދާއިރު، އެއީ އިއްޔެ ހިނގި ފަދައިން އެ ހާދިސާގެ ހަނދާން އާ ކުރާ މީހުން މަދެއް ނޫނެވެ.

ހަމަލާތައް ފެށިގެން އައީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ބިރުވެރިކަމާ ނަމާންކަމުން ފުރިގެންވި އެ ހަމަލާތައް 4 ދުވަހަށް ދިގުލާ ދިޔައިރު 166 މީހެއްގެ ފުރާނަ ގެއްލި، އިތުރު 300 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ.

އިންޑިއާގެ ނައިބު ރައީސް އެމް ވެންކައްޔަ ނައިދޫ ވަނީ މުމްބާއީ ހަމަލާގެ ޝިކާރައަކަށް ވީ މީހުންގެ ހަނދާން އާ ކުރައްވާފައެވެ. ގައުމީ ސަލާމަތީ ބާރުތަކުން އެދުވަހު ދެއްކި ގަދަ ހިތްވަރު ފާހަގަކުރައްވަ އަސްކަރީ ސިފައިންނަށް ސެލިއުޓްވެސް އަރުވާފައެވެ.

އެމެރިކާ ހާރިޖިއްޔާގެ ތަރުޖަމާނު މޯގަން އޯޓަގަސް ވިދާޅުވީ 11 އަހަރު ކުރިން އިންޑިއާ ދުށީ ޓެރަރިޒަމްގެ ޖާހިލިއްޔަ ހަމަލާއެއް ކަމަށެވެ. އެ ހަމަލާގައި އެމެރިކާ 6 މީހެއްގެ ފުރާނަ ގެއްލިފައެވެ. މި ހަމަލާގެ ފަހަތުގައި ތިބި ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާ، އެކަމަށް ވަކާލާތު ކުރަމުންދާ އާއިލާތަކާއެކު އެމެރިކާ އޮތް ކަމަށްވެސް އެމެރިކާ ހާރިޖިއްޔާގެ ތަރުމާނު ވަނީ ވިދާޅުވެފައެވެ.

ސައްބީސް-އެގާރަ ހަމަލާ

ހަމަލާތައް ފެށިގެން އައި ދުވަހަށް އިޝާރާތްކޮށް ސައްބީސް އެގާރައިގެ ގޮތުގައި ނަންދެވިފައި މިހާދިސާ ފެށިގެން އައި ލަޝްކަރޭ ތޮއިބާ ޖަމާއަތުގެ ޓެރަރިސްޓުން ޕާކިސްތާނު މަގުން އިންޑިއާގެ މުމްބާއީއަށް އެތެތވި ހިސާބުންނެވެ. ދުރާލާ ރާވައިގެން މުޅި މުމްބާއީ ސިޓީގެ ހުރިހާ ހިސާބަކަށް ފަތުރާލިއެވެ.

ރޭގަނޑުގެ ކަނު އަނދިރީގައި މުމްބާއީއަށް އެތެރެވި ޓެރަރިސްޓުންގެ ހަމަލާތައް އަމާޒުކުރަމުންދިޔައީ މުމްބާއީއިން ފާހަގަކޮށްލެވޭ ބިނާތަކާ މަރުކަޒުތަކަށެވެ. ފުރަތަމަ ހަމަލާވެސް އަމާޒުކުރީ ރޭލު ސްޓޭޝަންއަށެވެ. ރޭލު ސްޓޭޝަނަށް ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވީ އަޖުމަލް އަމީރު ކަސަބާއި އިސްމައީލު ހާންއެވެ. މި ހަމަލާގައި އެކަނިވެސް 58 މީހުން މަރާލާފައިވާ 100 އަށްވުރެ ގިނަ މީހުން ވަނި ޒަހަމްވެފައެވެ.

ކަސަބާއި ހާން ދެން ވަނީ ކާމާ ހޮސްޕިޓަލަށެވެ. ނަމަވެސް ހޮސްޕިޓަލުގެ މުވައްޒަފުންގެ ހުށިޔާރުކަމާއެކު އެމީހުންނަށް އެތަނުގައި މާ ބޮޑު ކާމިޔާބެއް ނުލިބުނެއެވެ. އެކަމަކު އެތަނުގައި ފުލުހުންގެ 6 އޮފިސަރެއް ގެ ފުރާނަ ގެއްލިދިޔައެވެ. މީގެ ތެރޭގައި މުމްބާއީގެ އެންޓިޓެރަރިޒަމް ސްކޮޑްގައި ހިމާންތް ކަރުކަރޭ ހިމެނެއެވެ. އޭނާ މަރާލާފައިވަނީ ހޮސްޕިޓަލު ދޫކޮށްދިޔަ ވަގުތެއްގައެވެ.

ޓެރަރިސްޓުންގެ ހަމަލާ ދެން އަމާޒުކުރީ އާންމުން ދިރިއުޅެމުންދިޔަ ކޮމްޕްލެކްސްއަކަށެވެ. މި ތަނުގައިވެސް 6 މީހެއްގެ ފުރާޏަ ދުއްވާލިއެވެ. މީގެ ތެރޭގައި އިސްރާއީލަށް ނިސްބަތްވާ 5 މީހަކު ހިމެނެއެވެ.

ހަމަލާ ދެން އަމާޒުވީ ނިއޯޕޯލްޑް ކެފޭއަށެވެ. އެއަށްފަހު ތާޖު މަހަލް ހޮޓަލާ ޓަވަރަށެވެ. ތާޖު ހޮޓެލްގައި 31 މީހަކު މަރާލިއެވެ. އަދި 3 ދުވަހަށް ދެމިގެންދިޔަ ހަމަލާތައް މި ހޮޓަލުގައި ކުރިއަށްދިޔައެވެ. މި ހޮޓަލަށް ހަނގުރާމަވެރިން ވަތް ވަގުތާ ދިމާކޮށް، އޮބެރޯއީ ޓްރައިޑެންޓް ހޮޓެލަށްވެސް ހަނގުރާމަވެރިން ވަނެވެ. މި ހޮޓެލްގެ ހަމަލާ ބަދަލު ކުރުންތައް ނިމުމަކަށް ގެނެވުނީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އެއިރު 30 މީހެއްގެ ފުރާނަ ގެއްލިއްޖެއެވެ.

ލަޝްކަރޭ ތޮއިބާގެ ޓެރަރިސްޓުންގެ ހަމަލާތަކުގެ ގެއްލުން އެނގޭ ވަރުވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ ގާޑުންގެ ބާރުގެ ދަށަށް ތާޖު މަހަލް ޕެލަސް ހޮޓެލް ގެންދެވުނު ހިސާބުންނެވެ.

ޓެރަރިސްޓުން މުމްބާއީއަށް އެރި ގޮތްވެސް ސާފުވީ އެހާ ހިސާބުންނެވެ. ޕާކިސްތާނުގެ ބަނދަރު މަތީ ސިޓީއިން ފުރި 10 ޓެރަރިސްޓުން މުމްބާއީއަށް ކުރި ދަތުރުގައި މަސް ބޯޓެއް ހައިޖެކް ކުރިއެވެ. އެ ބޯޓުގެ ކުރޫއިންގެ ގޮތުގައި ތިބި 5 މީހުންގެ ތެރެއިން 4 މީހަކު މަރާލިއެވެ. ބާކީ 1 ބަހައްޓާފައި ހުރީ މުމްބާއީއަށް ހަމައަށް ޓެރަރިސްޓުން ގެންގޮސްދިނުމަށެވެ.

ޓެރަރިސްޓުން މަރުވުން

ސައްބީސް އެގާރައިގެ ވަރުގަދަ ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި 9 ޓެރަރިސްޓަކު މަރުވިއެވެ. ބާކީ ހުރީ އަޖުމަލް އާމިރު ކަސަބު އެކަންޏެވެ. އޭނާ ހިފާ ހައްޔަރުކޮށް ޕޫނާގެ ޖަލެއްގައި ހައްޔަރުކޮށް، ކަސަބުގެ މައްޗަށް މަރުގެ ހުކުމް އިއްވީ 2012 ވަނަ އަހަރުގެ ތެރޭގައެވެ.

މުމްބާއީ ހަމަލާތަކުގެ ފަހަތުގައި ހުރި 'މޭސްތިރި'އަކީ ހާފިޒް ސައީދުއެވެ. އިންޑިއާއާއި ޕާކިސްތާނުގެ ހަނގުރާމައިގެ ސިލްސިލާއަށް މި ބޮޅުވެސް އިތުރުވިއެވެ. ހާފިޒު ސައީދަށް ޕާކިސްތާނުން ހިމާޔަތް ދޭ ކަމުގެ ޝަކުވާ އިންޑިއާއިން އުފަލައެވެ. މި ދައުވާގައި ބައިނަލްއަގުވާމީ މުޖުތަމައުވެސް އަރަނީ އިންޑިއާ ކޮޅަށެވެ. މީގެ ތެރޭގައި އެމެރިކާއިން ފެށިގެން ގޮސް އަފްގާނިސްތާނުވެސް ހިމެނެއެވެ.

މުމްބާއީ ހަމަލާގެ މައްސަލައަށްފަހު އިންޑިއާއާއި ޕާކިސްތާނުގެ ހީނަރު ގުޅުން އަދިވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް ހީނަރުވަމުންނެވެ. އަދި ހަނގުރާމައިގެ ތެރޭގައި ފިކުރީ ގޮތުން އެހެން ގައުމުތައްވެސް ދަނީ ނުސީދާ ގޮތުން ޝާމިލުވަމުންނެވެ.