ޖަމްއިއްޔަތުއްސަލަފް އުވާލުމަށް ގޮވާލުމާ އެކު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔޫތް މިނިސްޓަރީން މިމަހު 5 ވަނަ ދުވަހު އެމްޑީއެން އުވާލަން ނިންމާފައިވީ ނަމަވެސް، އެމްޑީއެން އިން ދަނީ ހިޔާލު ފާޅުކުރުމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން އެމްޑީއެން އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ސަލަފް އުވާލުމަށް ގޮވާލައި އަޑު ގަދަ ވެފައިވާ ކަމަށާއި، އެއީ އެމްޑީއެން އިން ކަންބޮޑުވާ ކަމެއް ކަމަށް ބުނެއެވެ.

އެމްޑީއެން އިން ބުނީ، ސަލަފް ޖަމްއިއްޔާއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ހިންގާފައިވާ އަދި ހިންގަމުންދާ ހަރަކާތްތަކަކީ ޓެރަރިޒަމަށް ބާރުދޭ ހަރަކާތެއް ކަމަށް ބުނެ ތުހުމަތު ކުރުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެމްޑީއެން އިން ނެރުނު، ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ވެސް ސަލަފްގެ ވާހަކަ ފާހަގަކޮށްފައިވާ ކަމަށް ބުނެ އެމްޑީއެން އިން ވަނީ އެ މައްސަލަ ތަހުގީގުނުކޮށް ދިގުލައިގެން ދިއުމަކީ މައްސަލަ އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށް ބުނެފައެވެ. އެމްޑީއެން އިން ވަނީ ސަލަފްގެ މައްސަލަ ތަހުގީގުކޮށް ގާނޫނުތަކާއި އެއްގޮތަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

އެމްޑީއެން އިން ނެރުނު ނޫސްބަޔާނުގައި ބުނީ، ޖަމްއިއްޔާއަކާ ބެހޭގޮތުން ކުރެވޭ ތުހުމަތެއްގެ ސަބަބުން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި ޖަމްއިއްޔާ އުވާލުމަކީ ޑިމޮކްރެސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ޖަމްއިއްޔާތައް ހިންގުމުގެ ގާނޫނީ އޮނިގަނޑަކީ، އޭގައި ވަރަށް ގިނަ މައްސަލަތައް ހުރި އޮނިގަނޑެއް ކަމަށާއި، ޖަމްއިއްޔާތައް އުފެއްދުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ އެމްޑީއެން އިން ވަނީ ސަރުކާރު ފެއިލް ވެފައިވާ ކަމަށް ބުނެފައެވެ. އެމްޑީއެން އިން ބުނީ ސަރުކާރަށް އެއް އަހަރު ވެގެން ދިޔައިރު، ޖަމްއިއްޔާތަކުގެ ގާނޫނު އިސްލާހުކުރެފައި ނުވާކަމަށާއި، ޔޫތް މިނިސްޓްރީން ދަނީ ގާނޫނާ ހިލާފަށް ޖަމްއިއްޔާތަކަށް ފިޔަވަޅު އަޅަމުން ކަމަށެވެ. އަދި މިކަމުގައި ޔޫތް މިނިސްޓްރީ ޖަވާބުދާރީ ކުރުވުމަށް ވެސް އެމްޑީއެން އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.

މީގެ އިތުރުން އެމްޑީއެން އިން ވަނީ ޖަމްއިއްޔާތަކަށް ހުރަސްނާޅާ، މައްސަލައެއް ދިމާވުމުން، މައްސަލަ ހައްލުކޮށް އިސްލާހު ކުރުމުގެ މަގު ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

މިމަހު ކުރީކޮޅު އެމްޑީއެން އުވާލުމަށް ނިންމާފައިވަނީ އެ ޖަމްއިއްޔާއިން އިސްލާމް ދީނާއި ރަސޫލާއަށް ތައުހީނުކޮށް ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން، އެ ޖަމްއިއްޔާ އުވާލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޑު އުފުލަމުންދާތާ މަހެއް ވެފައިވަނިކޮށެވެ.

އެޖަމްއިއްޔާގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ހުރި ކަންކަން ކުށްވެރިކޮށް 140 އެއްހާ ކައުންސިލަކުން ބަޔާން ނެރެފައި ވާއިރު، ރައްޔިތުން ވަނީ އިހުތިޖާޖު ކުރުމުގެ ހިނގާލުންތައް ބާއްވާ، އެމްޑީއެންގެ އެ އަމަލު ކުށްވެރި ކުރުމުގެ ޝުއޫރު ފާޅުކޮށްފައިވެއެވެ. އަދި އެ ރިޕޯޓު ލިޔުނު މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމާއެކު އެ ޖަމްއިއްޔާ އުވާލުމަށް ވެސް އާންމުން ވަނީ އަޑުއުފުލާފައެވެ.

މޯލްޑިވިއަން ޑިޓެއިނީ ނެޓްވޯކްގެ ނަމުގައި 2004 ވަނަ އަހަރު ވުޖޫދަށް އައި އެ ހަރަކާތް 2010 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގެ ނަމަށް ބަދަލުކޮށް މަސައްކަތްތައް ފުޅާކުރިއެވެ. ޑިޓެއިނީން ނުވަތަ ބަންދުގައި ތިބޭ މީހުންގެ ހައްގުގައި ވަކާލާތު ކުރަން އުފަންވި ހަރަކާތުގެ މަސައްކަތް ފުޅާކޮށް އެކިއެކި ދާއިރާތަކަށް އަމާޒުކޮށް ރިޕޯޓުތައް ލިޔެ ޝާއިއު ކުރަމުން ދިޔައެވެ.