2000 ކިލޯގްރާމަށްވުރެ ގިނަ އަދަދަކަށް ކޮކެއިން ބަރުކޮށްގެން އެ ގައުމަށް އެތެރެ ކުރަން އުޅުނު ސަބްމެރީން ހިފަހައްޓާފައިވާކަމަށް ސްޕެއިންވިލާތުގެ ފުލުހުންގެ މަސްދަރުތަކުން ހާމަކޮށްފިއެވެ.

ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ސްޕެއިންވިލާތުގެ ހުޅަނގު އުތުރު އައްސޭރި ފަށުގެ ސަރަހައްދަށް މި އުޅަނދު ބީހުމާއެކު، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް 2 މީހަކު ވަނީ ގެންގޮސްފައެވެ. އެ 2 މީހުންނަކީ އެކުއެޑޯއަށް ނިސްބަތްވާ 2 މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ސްޕެއިންވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުންނަމަ މި ސަބްމެރީންއަކީ ކޮލަމްބިއާގެ ސަބްމެރީންއެވެ. އަދި މިއީ މަސްތުވާތަކެތި ބަރުކޮށްގެން ސީދާ ސައުތް އެމެރިކާއިން ފުރި ސަބްމެރީންއެއް ތޯ ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ޚަބަރު ލިބެއެވެ.

ލެޓިން އެމެރިކާ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން އެމެރިކާއަށް ދަތުރުކުރަނީ ނާކޯ-ސަބްމެރީންތަކެވެ. އަދި މީހަކާ ނުލާ ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ސަބްމެރީން ބޭނުންކޮށްގެން ޕެސިފިކް ކަނޑުގެ ސަރަހައްދުގައި މަސްތުވާތެކެތި އުފުލާ ކަންވެސް މީގެ ކުރިން އޮތީ ހާމަވެފައެވެ.

މަސްތުވާތެކެތީގެ ވިޔަފާރިއަކީ ދުނިޔޭގެ އެކި ހިސާބުތަކަށް، ހީނުކުރާ ގޮތްގޮތަށް ފެތުރިފައިވާ ނުރައްކާތެރި ވިޔަފާރިއެކެވެ. ރާއްޖެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ، ހާލުގައި ޖެހޭ ކަނޑުމަތީ އުޅަނދުތައް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެންނަމުންދާ މައްސަލައަކީ މިފަހަކަށް އައިސް އާންމުކޮށް ފެންމަތިވަމުންދާ މައްސަލައެކެވެ.