އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ހުދުމުހުތާރު ޔަހޫދީ ލީޑަރު ބެންޖަމީން ނަތަންޔާހޫ، ބޮޑުވަޒީރު ކަމުގެ މަގާމުން އެއް ފަރާތް ކުރުމަށް ހުށަހަޅާފައިވާ މައްސަލައާއިގެން ކުރިއަށް ދިއުމަށް އިންކާރުކޮށް، އެކަމަށް ހުށަހަޅާފައިވާ ޕެޓިޝަން ބޭރުކުރުމަށް އިސްރާއިލުގެ އެންމެ މަތީ ކޯޓުން ނިންމައިފިއެވެ.

އިސްރާއީލުގެ ލީޑާޝިޕުން ނަތަންޔާހޫ އެއް ފަރާތް ކުރުމުގެ މަސައްކަތަށް ބާރުދޭ ޕެޓިޝަނަކީ، އޭނާއާއި ދެކޮޅަށް ފެންމަތިކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ދައުވާ ކޯޓަށް ބަލައިގަތުމަށް ނިންމުމާއެކު ހުށަހެޅި ޕެޓިޝަނެކެވެ.

އިސްރާއީލުގެ ލީޑާޝިޕުން ނަތަންޔާހޫ އެއްފަރާތް ކުރުމަށް އޭނާގެ ލީކުޑް ޕާޓީ ތެރޭގައިވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ނަތަންޔާހޫ ފަރުވާލެއް ނުދޭކަމަށް އިސްރާއީލުގެ މަސްރަހުން ލިބޭ ޚަބަރުތައް ބުނެއެވެ. އެގޮތުން އާދައިގެން މަތިން އިސްރާއީލުގެ ތެރޭގައި ނަތަންޔާހޫ ކުރާ ދަތުރުތަކައިގެން އޭނާ އަދިވެސް ދަނީ ކުރިއަށް ކަމަށާ، އީރާނަށް ދެމުންދާ އިންޒާރުތައް ގަވައިދުން ދެމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އެންމެ ބޮޑު ވާދަވެރިޔާ ބެނީ ގަންޓްޒްގެ ކެމްޕޭން ޕޯސްޓަރެއް ހަރުކުރަނީ/ފޮޓޯ: އައްމާރު އަވާދު

ނަތަންޔާހޫއާއި ދެކޮޅަށް އިސްރާއީލުގައި ސިޔާސީ ފެންވަރުގެ މަސައްކަތްތަކެއް ކުރަމުންދާ މިދަނޑިވަޅަކީ، މިއަހަރު ތެރޭގައި އިސްރާއީލުގައި 2 ވަނަ ފަހަރަށް ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ވޯޓަށްފަހުވެސް އާ ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫއާއި އޭނާގެ ސިޔާސީ ވާދަވެރިޔާ ބެނީ ގަންޓްސްވެސް ފެއިލްވެފައިވާ ދަނޑިވަޅެކެވެ.

ރިޝްވަރު ހިފުމާ، ހިޔާނާތް ހިންގުމާ، އިތުރުބާރު ގެއްލޭ ފަދަ އަމަލުތަކެއް ހިންގިކަމުގެ ދައުވާ ނަތަންޔާހޫއާއި ދެކޮޅަށް އުފުލާފައިވާއިރު އޭނާ ދަނީ މިހުރިހާ ކަމަކަށް އިންކާރު ކުރަމުންނެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި އަދިވެސް ދެމި ހުންނާނީ އޭނާ ކަމަށް ބުނެ ނަތަންޔާހޫ ވަނީ ގޮންޖަހާފައެވެ.

ކަންމިހެން އޮތްއިރު ނަތަންޔާހޫގެ ލީކުޑް ޕާޓީ ތެރޭގައި އޭނާއާއި އެންމެ ގާތުން ވާދަކުރާ ގިޑޯން ސާ ވަނީ ނަތަންޔާހޫއަށް އިތުރު އިންތިހާބެއްގައި ކުރި ނުލިބޭނެ ކަމަށް ބުނެ، ލީކުޑް ޕާޓީ ތެރޭގައި ލީޑަރަކު ހޮވުމަށް އިންތިހާބެއް ކުރިއަށް ގެންދިއުމަށް ގޮވާލާ، ނަތަންޔާހޫއަށް ގޮންޖަހާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ (ކ) އަދި އިސްރާއީލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އަވީވް ކޯޗާވީ/ފޮޓޯ: އާބިރު ސުލްތޯން

ސިޔާސީ ލީޑާޝިޕުން ނަތަންޔާހޫ އެއް ފަރާތް ކުރުމަށް ގޮވާލާ، އިސްރާއީލުގެ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވަނީ، އިސްރާއީލުގައި "ފެންވަރުގެ" ސަރުކާރެއް އެކުކަވާލުމުގެ ނަމުގައި ހިންގާ ހަރަކާތަކުންނެވެ. އެ ހަރަކާތުން ބުނާ ގޮތުގައި ނަތަންޔާހޫ ވަނީ ރަތްރޮނގުގެ އިން ފަހަނައަޅާ ހުރަސްކޮށްފައެވެ. އަދި އާންމުންގެ މެދުގައި ނަތަންޔާހޫއަށް އޮތް އިތުރުބާރުވެސް މިހާރު ގެއްލިފައިވާކަމަށް އެ ހަރަކާތުން ބުނެއެވެ.

ކަންމިހެން އޮތްއިރު، ނަތަންޔާހޫގެ ސިޔާސީ އެޖެންޑާގައި މިދުވަސްވަރު އެންމެ ކުރީގައި އޮތީ ގޯލާންގެ އުސްބިންތަކުގެ މައްސަލަކަން ފާހަގަކުރަންޖެހެއެވެ.