އީރާނުގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއިއެކު އެގައުމުގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކާ، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ބޭރުގެ "ހަނގުރާމަވެރިން"ނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ، ވަރުގަދަ އަދަބުތަކެއް ދޭނެ ކަމަށް އީރާނުން ވައުދުވެއްޖެއެވެ.
ފާއިތުވީ ހަފުތާތަކުގައި އީރާނުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ތެރޭގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ލިބޭ ގޮތަށް ހުކުމް އިއްވައިދިނުމަށް އީރާނު އަސްކަރިއްޔާގެ އެންމެ މަތީ ގޮފިތަކުގެ ތެރޭގައި ހިމެނޭ އިންގިލާބީ އަސްކަރިއްޔާ (އައިއާރްޖީސީ)ގެ އިސް ކޮމާންޑަރަކުގެ ވަނީ އީރާނުގެ ޝަރުއީ ކޯޓުތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.
އައިއާރްޖީސީގެ ޑެޕިއުޓީ ކޮމާންޑަރު ރިއާ އެޑްމިރަލް އަލޯ ފަދާވީ ވިދާޅުވީ، މުޒާހަރާގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި މީހުންގެ ތެރޭގައި ބޭރުގެ ބާރުތަކުގެ ނުފޫޒާއިއެކު ހަރަކާތްތެރިވަމުންދިޔަ މީހުން ހިމެނުނު ކަމަށާ، އެހުރިހާ އެންމެންވެސް އެކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި ޝަރުއީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް އެމީހުންނަށް ދޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އީރާނުގެ ތަންފީޒީ ބަރުތަކުގެ އޮފިޝަލުންނާ ހަވާލާދީ ފާޒް ނިއުސް އޭޖެންސީއިން ރިޕޯޓްކުރި ގޮތުގައި މުޒާހަރާތަކުގެ ތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި 180އެއްހާ "ލީޑަރުން" ވަނީ ހައްޔަރުކޮށްފައެވެ.
އީރާނުގެ ލީޑާޝިޕުން "ގޭންގްސްޓާރުން" ގެ ސިފަކުރަމުން އަންނަ މި މީހުންނަކީ އީރާނުގެ ހާރިޖީ އަދުއްވުންގެ ގޮތުގައި އެގައުމުން ދެކެމުން އަންނަ އެމެރިކާ، އިސްރާއީލު އަދި ސައުދީ އަރަބިއްޔާއާއި ގުޅުން އޮންނަ މީހުންނެވެ. އަދި އެމީހުންގެ އަމާޒަކީ އީރާނުގައި ހަމަނުޖެހުން އުފެއްދުން ކަމަށްވެސް އީރާނުގެ ލީޑާޝިޕުން ތުހުމަތުކުރެއެވެ.
ފަދާވީ ވިދާޅުވީ އީރާނުގެ ވަށައިގެން ޣައިރު-މުސްލިމު ގައުމުތަކެއް ނެތް ކަމަށާ، ނަމަވެސް އީރާނުގައި ހަމަނުޖެހުން އުފެއްދި މީހުން އެކަން ކޮށްފައިވަނީ އިސްލާމްދީނާ އަވަށްޓެރިކަމުގެ ގުޅުމާއިވެސް ހިލާފަށް ކަމަށެވެ. އަދި މިކަމަށް އެންމެ އެކަށީގެންވާ ރައްދު އީރާނުން ދޭނެކަމުގެ އިންޒާރުވެސް ފަދާވީ ވަނީ ދެއްވާފައެވެ.
ޕެޓްރޯލް އަގު ބޮޑު ކުރުމާއެކު ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އީރާނުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށިފަހުން ހިންގި އެކި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ސައްހަ އަދަދެއް ނޫންކަމަށާ، ހަމަނުޖެހުންތަކުގައި މަރުވީ އެއަށްވުރެ މަދު އަދަދެއްގެ މީހުން ކަމަށް އީރާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް އީރާނުގެ ކަމާ ބެހޭ ފަރާތްތަކުން އަދި މިހާތަނަށް ރަސްމީ ތަފާސް ހިސާބުތައް ހާމަކޮށްފައެއް ނުވެއެވެ.