ކޮންމެ ދިމާލަކަށް އެނބުރުނަސް މިހާރު އިވެނީ އެއް އަޑެކެވެ. އެއް ވާހަކައެކެވެ. ސޯޝަލް މީޑިއާ ކަމުގައިވީ ނަމަވެސް އެވާހަކައެވެ. ކޮފީ މޭޒުގައި ވެސް އެވާހަކައެވެ. ގޭތެރޭގައި ވެސް އެވާހަކައެވެ. މީހުން އެއްވެ އުޅޭ ކޮންމެ ދިމާލެއްގައި ވެސް އެވާހަކައެވެ. ޖިންސީ ފުރައްސާރައިގެ ވާހަކައެވެ. ގެވެށި އަނިޔާގެ ވާހަކައެވެ. ރޭޕްގެ ވާހަކައެވެ. ބްލެކްމެއިލް ކުރުމުގެ ވާހަކައެވެ. ދިވެހިންގެ ތެރޭގައި އަނިޔާވެރިކަން ފެތުރިފައިވާ ވާހަކައެވެ. ކުށްތަކުގެ ވާހަކައެވެ.

މިމފަދަ ކުށްތަކުގެ ތަފާސްހިސާބުތަކަށް ބަލާލިއަސް މީހަކު ހައިރާންވެ އަންތަރީސް ވާވަރެވެ. އެހާ ގިނައެވެ. އަންހެނުންނަށް ކުރާ އަނިޔާއެވެ. ފިރިހެނުންނަށް ކުރާ އަނިޔާއެވެ. ކުށްތަކަށް އަރައިގަތުމެވެ. މިއީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގެ ހާލަތެވެ.

އަންހެނުންނަށް ކުރާ އަނިޔާ:

ނުކުޅުދުންތެރިކަން ހުންނަ އަންހެނުންނަށް ކުރާ އަނިޔާ

ނުކުޅުދުންތެރިކަން ހުންނަ އަންހެނުންނަށް ކުރާ އަނިޔާވެސް މިވަނީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުގެ ތެރޭގައި ގިނަ ވެގެން ގޮސްފައެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2016 ވަނަ އަހަރު ނުކުޅުދުންތެރިކަން ހުންނަ އަންހެނުންނަށް އަނިޔާކޮށްގެން ފުލުހުންނަށް ހުށަހަޅާފައިވަނީ 7 މައްސަލައެވެ. މި އަދަދު 2017 ވަނަ އަހަރު 5 އަށް ވެއްޓިފައި ވާއިރު 2018 ވަނަ އަހަރު މި އަދަދު ވަނީ 9 އަކަށް އިތުރު ވެފައެވެ. އަދި ނުކުޅުދުންތެރިކަން ހުންނަ އަންހެނުންނަށް އަނިޔާކޮށްގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި ހަމައަށް 9 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

އަނިޔާއަށް މީހަކު ނޫނެކޭ ބުނަން އުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް / ފޮޓޯ: ބީބީސީ

ނުކުޅުދުންތެރިކަން ހުންނަ އަންހެނުންނަށް އަނިޔާކޮށްގެން ވޭތުވެދިޔަ ހަތަރު އަހަރު ޖުމްލަ 30 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާއިރު، ފުލުހުން ފައިލް ކޮށްފައިވަނީ 31 މައްސަލައެވެ. އަދި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މީގެ ތެރެއިން އެންމެ 13 މައްސަލައެވެ.

ބިދޭސީ އަންހެނުންނަށް ކުރާ އަނިޔާ

ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ރާއްޖެއިން ބޭރުގެ އަންހެނުންނަށް ވެސް އަޅުގަނޑުމެންގެ މި މުޖުތަމައުގެ ތެރެއިން ދަނީ އަނިޔާ ލިބެމުންނެވެ. ބައެއް ފަހަރު މި މީހުންނަށް އަނިޔާ ލިބެނީ ދިވެހިންގެ ފަރާތުންނެވެ. އަނެއްބައި ފަހަރު ނުދަންނަ މީހެއްގެ ފަރާތުންނެވެ. ނުވަތަ އެމީހުން ރާއްޖެ އަންނަ މީހެއްގެ ފަރާތުންނެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، 2016 ވަނަ އަހަރު ބިދޭސީ އަންހެނުންނަށް އަނިޔާކޮށްގެން ފުލުހުންނަށް ހުށަހަޅާފައިވަނީ 15 މައްސަލައެވެ. 2017 ވަނަ އަހަރު މި އަދަދު 25 އަށް އިތުރުވެގެން ދިޔައިރު 2018 ވަނަ އަހަރު މި އަދަދު ވަނީ 18 އަށް ދަށް ވެފައެވެ. އަދި ބިދޭސީ އަންހެނުންނަށް އަނިޔާ ކޮށްގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 10 މައްސަލައެެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ބިދޭސީ އަންހެނުންނަށް އަނިޔާ ކޮށްގެން ވޭތުވެދިޔަ ހަތަރު އަހަރު ޖުމްލަ 68 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާއިރު، ފުލުހުން ފައިލް ކޮށްފައިވަނީ 66 މައްސަލައެވެ. އަދި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މީގެ ތެރެއިން އެންމެ 7 މައްސަލައެވެ.

ގެވެށި އަނިޔާ

ގިނަ ފަހަރަށް އަންހެނުންނަށް އަނިޔާ ލިބެނީ އޭނާ ދިރިއުޅޭ ގޭތެރެއިންނެވެ. އާއިލާ މީހެއްގެ ފަރާތުން ނުވަތަ ހުދު އޭނާގެ ފިރިމީހާގެ ފަރާތުންނެވެ. މީހަކަށް އަނިޔާ ލިބެނީ އެމީހަކު ކުރާ ކަމަކުންނޭ، ނުވަތަ ދާ ތަނަކުންނޭ ނުބުނެވޭނެއެވެ. ގޭގައި އޮތަސް ސަލާމަތެއް ނެތީއެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، 2016 ވަނަ އަހަރު ގެވެށި އަނިޔާކޮށްގެން ފުލުހުންނަށް ހުށަހަޅާފައިވަނީ 117 މައްސަލައެވެ. 2017 ވަނަ އަހަރު މި އަދަދު 107 އަށް ދަށްވެގެން ދިޔައިރު 2018 ވަނަ އަހަރު މި އަދަދު ވަނީ 96 އަށް ދަށް ވެފައެވެ. އަދި ގެވެށި އަނިޔާ ކޮށްގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 60 މައްސަލައެެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ރޭޕް ކުރާ މަންޒަރު ރަމްޒުކޮށްދިނުމަށް ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: ޑެއިލީ މެއިލް

އަންހެނުންނަށް ކުރާ ގެވެށި އަނިޔާ، ވޭތުވެދިޔަ ހަތަރު އަހަރުގެ 380 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުން ފައިލް ކޮށްފައިވަނީ 372 މައްސަލައެވެ. އަދި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މީގެ ތެރެއިން އެންމެ 35 މައްސަލައެވެ.

ރޭޕް

ރޭޕްގެ މައްސަލަތަކަކީ ވަރަށް ނިސްބަތުން ބަލާއިރު ވަރަށް މަދުން ރިޕޯޓް ކުރާ ބާވަތުގެ މައްސަލައެކެވެ. އެންމެ އެކަށީގެންވާ ވަރަށް މީހުން ހޭލުންތެރިވެފައި ނުވަނީ ކަމަށް ވެސް ވެދާނެއެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، 2016 ވަނަ އަހަރު ރޭޕް ކޮށްގެން ފުލުހުންނަށް ހުށަހަޅާފައިވަނީ 4 މައްސަލައެވެ. 2017 ވަނަ އަހަރުވެސް 4 މައްސަލަ ހުށަހަޅާފައިވާއިރު 2018 ވަނަ އަހަރުވެސް ހުށަހަޅާފައިވަނީ 4 މައްސަލައެވެ. އަދި 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ވެސް ރޭޕް ކުރުމުގެ 4 މައްސަލައެެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ރޭޕް ކޮށްގެން ވޭތުވެދިޔަ ހަތަރު އަހަރު ޖުމްލަ 16 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާއިރު، ފުލުހުން ފައިލް ކޮށްފައިވަނީ 14 މައްސަލައެވެ. އަދި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މީގެ ތެރެއިން އެންމެ 4 މައްސަލައެވެ.

ބްލެކްމެއިލް ކުރުމާއި އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުން

ބްލެކްމެއިލް ކުރުމާއި އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. ޒުވާން، ފުރާވަރުގެ ކުދިންގެ މެދުގައި މިއީ ވަރަށް ގިނައިން ފެންނަ ކަމެކޭ ވެސް ބުނެވިދާނެއެވެ. ނަމަވެސް ނިސްބަތުން ބަލާއިރު މިއީ ވަރަށް މަދުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ބާވަތުގެ މައްސަލައެކެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، 2016 ވަނަ އަހަރު ބްލެކްމެއިލް ކުރުމާއި އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކޮށްގެން ފުލުހުންނަށް ހުށަހަޅާފައިވަނީ 12 މައްސަލައެވެ. 2017 ވަނަ އަހަރު މި އަދަދު 31 އަށް އިތުރުވެގެން ދިޔައިރު 2018 ވަނަ އަހަރު މި އަދަދު ވަނީ 34 އަށް އަރާފައެވެ. އަދި ބްލެކްމެއިލް ކުރުމާއި އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކޮށްގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 17 މައްސަލައެެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ބްލެކްމެއިލް ކުރުމާއި އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކޮށްގެން ވޭތުވެދިޔަ ހަތަރު އަހަރު ޖުމްލަ 94 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާއިރު، ފުލުހުން ފައިލް ކޮށްފައިވަނީ 87 މައްސަލައެވެ. އަދި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މީގެ ތެރެއިން އެންމެ 15 މައްސަލައެވެ.

ޖިންސީ ފުރައްސާރަ

ޖިންސީ ފުރައްސައިރައިގެ މައްސަލަތަކަކީ ގިނަ ފަހަރަށް މީހުން އޮތްބާލައިގެން ތިބޭ މައްސަލައެކެވެ. ނަމަވެސް، މިއަދު ކުޑަކުޑަ ވަގުތު ކޮޅަކަށް ނަމަވެސް މަގުމައްޗަށް ނިކުމެލާފައި، އަނބުރާ ގެއަށް ވަންނަ އިރު، ބޭރުގައި އެހޭދަވާ ކުޑަކުޑަ ވަގުތު ކޮޅަކީ ވެސް އޭނައަށް މީހަކު ޖިންސީ ފުރައްސާރަ ނުކުރާ ވަގުތުކޮޅެކޭ ބުނަން ދަތިއެވެ. އަނގައިން ބުނެލާ ބަހަކުން ވެސް ކުރެވެނީ ފުރައްސާރައެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، 2016 ވަނަ އަހަރު ޖިންސީ ފުރައްސާރަ ކޮށްގެން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި ނުވާއިރު، 2017 ވަނަ އަހަރު 9 މައްސަލަ އަދި 2018 ވަނަ އަހަރު 18 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ޖިންސީ ފުރައްސާރަ ކޮށްގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 8 މައްސަލައެެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ޖިންސީ ފުރައްސާރަ ކޮށްގެން ވޭތުވެދިޔަ ހަތަރު އަހަރު ޖުމްލަ 35 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުން ފައިލް ކޮށްފައިވަނީ 33 މައްސަލައެވެ. އަދި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މީގެ ތެރެއިން އެންމެ މައްސަލައެކެވެ.

ފިރިހެނުންނަށް ކުރާ އަނިޔާ:

ގެވެށި އަނިޔާ

އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަކީ ވެސް އަނިޔާ ތަހައްމަލު ކުރާ ބައެކެވެ. އަންހެނުންނަށް ކުރާ އަނިޔާގެ ވާހަކަ ދެކެވޭލެއް ގިނަ ވިޔަސް ފިރިހެނުންނަށް ކުރާ އަނިިޔާގެ ވާހަކައަކީ ވެސް ހަނދާން ނައްތާލަން ޖެހޭ ވާހަކައެއް ނޫނެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، 2016 ވަނަ އަހަރު ގެވެށި އަނިޔާކޮށްގެން ފުލުހުންނަށް ހުށަހަޅާފައިވަނީ 7 މައްސަލައެވެ. 2017 ވަނަ އަހަރު މި އަދަދު 6 އަށް ދަށްވެގެން ދިޔައިރު 2018 ވަނަ އަހަރު ވެސް ރިޕޯޓް ކޮށްފައިވަނީ 6 މައްސަލައެވެ. އަދި ބިދޭސީ އަންހެނުންނަށް އަނިޔާ ކޮށްގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 5 މައްސަލައެެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ފިރިހެނުންނަށް ކުރާ ގެވެށި އަނިޔާގެ، ވޭތުވެދިޔަ ހަތަރު އަހަރު ޖުމްލަ 24 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުން ފައިލް ކޮށްފައިވަނީ 22 މައްސަލައެވެ. އަދި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މީގެ ތެރެއިން އެންމެ މައްސަލައެކެވެ.

ބްލެކްމެއިލް ކުރުމާއި އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުން

ބްލެކްމެއިލް ކުރުމާއި އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. ޒުވާން، ފުރާވަރުގެ ކުދިންގެ މެދުގައި މިއީ ވަރަށް ގިނައިން ފެންނަ ކަމެކޭ ވެސް ބުނެވިދާނެއެވެ. ނަމަވެސް ނިސްބަތުން ބަލާއިރު މިއީ ވަރަށް މަދުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ބާވަތުގެ މައްސަލައެކެވެ. އަންހެނުންގެ އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރާ ފަދައިން ފިރިހެނުންގެ ވެސް އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރެއެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، 2016 ވަނަ އަހަރު ބްލެކްމެއިލް ކުރުމާއި އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކޮށްގެން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި ނުވާއިރު، 2017 ވަނަ އަހަރު 3 މައްސަލަ، 2018 ވަނަ އަހަރު 6 މައްސަލަ ހުށަހަޅާފައި ވާއިރު 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ވެސް ބްލެކްމެއިލް ކުރުމާއި އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލައެެއް ފުލުހުންނަށް ހުށަހަޅާފައެއް ނުވެއެވެ.

ފިރިހެނަކު މާޔޫސްވެފައިވާ މަންޒަރު ރަމްޒުކޮށްދޭ ފޮޓޯއެއް / ފޮޓޯ: ދަ އައިރިޝް ޓައިމްސް

ފިރިހެނުން ބްލެކްމެއިލް ކުރުމާއި އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކޮށްގެން ވޭތުވެދިޔަ ހަތަރު އަހަރު ޖުމްލަ 9 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުން ފައިލް ކޮށްފައިވަނީ 7 މައްސަލައެވެ. އަދި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މީގެ ތެރެއިން އެންމެ 4 މައްސަލައެވެ.

ރޭޕް އަދި ޖިންސީ ފުރައްސާރަ

ފިރިހެނުން ރޭޕް ކުރުމާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ އާންމުގޮތެގައި ފުލުހުންނަށް ހުށަނާޅާ މައްސަލައެވެ. ނަމަވެސް، މައްސަލަ ރިޕޯޓް ނުކުރުމަކީ އެކަން ނުވުމެއް ނޫނެވެ. ފަހަރެއްގައި މީހުންގެ ވިސްނުން ހުންނަ ގޮތުން މި ފަދަ މައްސަލަތައް ހުށަނާޅަނީއެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފިރިހެނަކު ރޭޕް ކޮށްގެން މައްސަލައެއް ހުށަހަޅާފައިނުވާއިރު، ފިރިހެނަކަށް ޖިންސީ ފުރައްސާރަކޮށްގެން ހުށަހަޅާފައިވަނީ އެންމެ މައްސަލައެކެވެ. އެއީ މިއަހަރު ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ ފުލުހުން ފައިލް ކޮށްފައިވެސް ނުވާއިރު، އަދި މިހާތަނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވެސް ފޮނުވާފައެއް ނުވެއެވެ.

މިފަދަ ކުށްތަށް މަދުކުރުމަށް ކުރެވޭނީ ކޮންކަމެއް؟

މިފަދަ ކުށްތައް މަދު ކުރެވޭނީ އަމިއްލަ ފަރުދުން މަސައްކަތް ކޮށްގެންނެވެ، ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން މިފަދަ ކުށްތަކާއި ދެކޮޅަށް މަސައްކަތް ކުރާނެ ހަރުދަނާ ވަސީލަތްތައް ގާއިމްކޮށްގެންނެވެ. ރާއްޖެއަކީ އަމާންތަނަކަށް ހަދައިގެންނެވެ. ތިމާ އަމިއްލައަށް ތިމާގެ ފަރާތުން އެހެން މީހަކަށް އަނިޔާއެއް ނުދޭވޭ ކަން ޔަގީންކޮށްގެންނެވެ. ޒުވާން ޖީލުތަކަށް އެކަށީގެންވާ ތައުލީމާތި ތަރުބިއްޔަތު ދީގެންނެވެ. ގިނަ ކަންތަކަކީ ކުދިން އެކުދިންގެ މައިންބަފައިންގެ ފަރާތުން ދަސްކުރާ ކަންތައްތަކެވެ. ދަރިންނަށް ހެޔޮ ތަރުބިއްޔަތުދީ، ހެޔޮ ގޮތުގައި، އަނިޔާވެރިކަމާއި ދުރުގައި ބޮޑެތިވާ ދަރިން ކަމުގައި ހެދުމަކީ ވެސް މިއީ މިފަދަ ކުށްތަކާއި ދުރުހެލިވެވިދާނެ ގޮތެކެވެ.

މިގެނެސްދިން ތަފާސްހިސާބުތަކަކީ ދިވެހިންގެ ތެރޭގައި އަނިޔާވެރިކަން އޮތް މިންވަރެއް ނޫނެވެ. އެއާ ގާތް ކުރާ މިންވަރެއް ވެސް ނޫންވެ. ހަމަ ކުޑަކުޑަ އިންސައްތައެކެވެ. މި އިންސައްތަ ވެސް ވީހާ މަދު ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުން ސަޅި ހެއްޔެވެ؟