އާމަންޑް ބަދަނަކީ އޭގެ ސިއްހީ ފައިދާތަކުގެ ތެރޭގައި ކޮލަސްޓްރޯލްއާއި ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ދަށްކޮށްދިނުން ހިމެނެއެވެ. އާމަންޑްސްގެ ފައިދާ މިހާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. އާމަންޑްސްއަކީ ސިކުނޑިއަށް ދެވޭ އެންމެ ފައިދާކުރަނިވި އެއް ކާނާއެވެ. ހަމަ މިފަދައިން އާމަންޑްސްއަކީ ހަމުގައިޖެހޭ ރޫތަކަށްވެސް ދެވޭ ފަރުވާއެއް ކަމުގައި ފާހަގަކުރަންޖެހެއެވެ. ނަމަވެސް ގިނަ މީހުންނަށް މިކަން އޮންނަނީ ނޭނގިފައެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާގައި ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތައް ބުނާ ގޮތުގައި އިއްދައިން ކެނޑިފައިވާ އަންހެނުންގެ ގައިގެ ހަމުގައިޖެހޭ ރޫތަށް ކޮންޓްރޯލް ކުރުމަށް ގަވައިދުން އާމަންޑްސް ކެއުން މުހިންމެނެވެ.

ޒުވާންކަމުގައި ދެމި ހުރުމުގެ ސިއްރަކީވެސް އާމަންޑްސް

އިންޑިއާގެ ހަމުގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ ޝުބާ ސުދީޕު ބުނާ ގޮތުގައި ގިނަ ދުވަހު ޒުވާންކަމުގައި ދެމި ހުރުމުގެ ސިއްރު ގުޅިފައިވަނީ އާމަންޑްސްއާއިއެވެ. އާމަންޑްސް މުއްސަނދިވެފައިވަނީ ފައިބަރާ ޕްރޮޓީންސްގެ އިތުރުން އޮމެގާ 3 އަދި 6 ފެޓީ އެސިޑްއާއި ޒިންކު، ކެލްސިއަމް އަދި މެގްނީޒިއަމްއާއި ވިޓަމިން އީގެ މާއްދާއިންނެވެ. މީގެ އިތުރުން އާމަންޑްސްގައި އެކުލެވޭ އެންޓިއޮކްސިޑަންޓްސްއަކީ ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ޓޮކްސިންތައް ފިލުވާލަދެއެވެ.

އިއްދައިން ކެނޑިފައިވާ އަންހެނުންނަށް ފައިދާތަކެއް

އިންޓަގްރޭޓީވް ޑާމަޓޮލޮޖިސްޓެއް ކަމަށްވާ ޑރ ރާޖާ ސިވާމަނީ ބުނާ ގޮތުގައި ސިއްހީ ދުޅަހެޔޮކަމުގައި ދޮށީ އުމުރުގެ ދުވަސްތަކާ ހިސާބަށް ދިއުމަށްޓަކައި، ފައިދާ ކުރަނިވި ކާބޯޓަކެތި ބޭނުން ކުރުންވެސް އިންތިހާއަށް މުހިންމެވެ. މިއީ ސައިންސްގެ ރޮނގުން ދިރާސަތައް ފުޅާވަމުންދާ ދާއިރާއެއްގައި ފާހަގަކުރަމުން ޑރ ސިވާމަނީ ބުނީ އާމަންޑްސްއަކީ ހަށިގަނޑަށް ބޭނުންވާ މާއްދަތައް ހޯދުމަށް ބޭނުންވާ މުހިންމު މަސްދަރެއް ކަމަށެވެ. ވަކިން ހާއްސަކޮށް، އިއްދައިން ކެނޑިފައިވާ އަންހެނުންގެ ކެއުމުގައި އާމަންޑްސް ގަވައިދުން ހިމެނުން މުހިންމު ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އާމަންޑްސް ބަދަން/ފޮޓޯ: ގުޑްފޮން

ހަންގަނޑު ހަލާކުވުމުން މަރާމާތުކުރޭ

ޑރ ޝުބާ ބުނާ ގޮތުގައި އާމަންޑްސްއަކީ ހަންގަނޑުގެ އެތެރެއަށް ލިބޭ ގެއްލުންތަކަށް އޮތް ފަރުވާއެކެވެ. އާމަންޑްސްގެ ސަބަބުން، އާ ސެލްތައް އުފެއްދުމަށް ފުރުސަތު ފަހިވެއެވެ. މިއާއެކު ހަންގަނޑުގެ އުމުރާ، އޮމާންކަމަށް އެދެވޭ ބަދަލުތަކެއް އަންނަކަން އޭނާ ފާހަގަކުރިއެވެ. އާމަންޑްސްގައި ހިމެނޭ އޮމެގާ 3 ފޭޓީ އެސިޑްތަކަކީ، ހަންގަނޑުގެ ވާންކަން ދެމަހައްޓަން އެހީވާ މާއްދައެކެވެ.

އާމަންޑްސް ކާނީ ކިހިނެއް؟

އާމަންޑްސްއަކީ ހަށިގަނޑަށް އިންތިހާ ފައިދާ ލިބެނިވި، ބަނޑަށް ލުއި ބަދަނެކެވެ. އެހެނޭ ބުނެ، ހަކުރާ އެނޫންވެސް ތައްޔާރީ ބާވަތްތަކާ މަސްހުނިކޮށްގެން އާމަންޑްސް ކެއުން ބުއްދިވެރިއެއް ނޫނެވެ. އެންމެ ރަނގަޅީ އެއްވެސް އެއްޗެއް ނާޅާ، ކުޑަކޮށް ހަނާކޮށްފައި ހުންނަ އާމަންޑްސް ކެއުމެވެ. އަބަދުވެސް އަތްދަބަހުގައި އާމަންޑްސް ފުޅިއެއް ގެންގުޅެވިދާނެއެވެ. ކެއުމަށްފަހު ދުފުމުގެ ބަދަލުގައި އާމަންޑްސް ކޮޅަކުން ފުއްދާލާށެވެ. ނުވަތަ އެނޫންވެސް ވަގުތެއްގައި ކޫސަނި އެއްޗިހި ކާ ހިތްވާނަމަ އަވަހަށް އާމަންޑްސް ފުޅިއާއި ދިމާލަށް މިސްރާބު ބަދަލުކޮށްލާށެވެ. ނަތީޖާ ފެންނާނެއެވެ.