ހިނގަމުން ދާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާ، ރައްޔިތުން ބޭނުންވަނީ ސިމެންތި ތަރައްގީކަން އެނގިވަޑައިގެންފި ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ޔާމީނު ވިދާޅުވީ، ރައްޔިތުން ކޮންކްރީޓް ތަރައްގީ ބޭނުން ނުވާކަމަށް ހިނގަމުންދާ ސަރުކާރުން ބުނި ނަމަވެސް، ރައްޔިތުން ބޭނުންވަނީ ސިމެންތިން ސިމެންތިން ކުރާ ތަރައްގީކަން މިއަދު ޔަގީންވެ ވަޑައިގެންފި ކަމަށެވެ.

"ހިބަރު ވަދު" ގެ ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި، ވަކި ވަކި ފަރުދުންގެ ޖީބަށް ކިހާ ވަރެއް އިތުރު ކޮށްދެވުނުތޯއާއި، ބޮލަކަށް ޖެހޭ ނިސްބަތް އިތުރު ކޮށްދެވުނީ ކިހާވަރަކަށްތޯ އައްސަވާ ޔާމީނު ވަނީ ސަރުކާރަށް ގިނަ ސުވާލުތަކެއްވެސް ކުރިމަތި ކުރައްވާފައެވެ. ޔާމީނު އެވާހަކަ ވިދާޅުވި އިރު، މި ސަރުކާރުގެ ޕްރޮޖެކްޓްތައް ނުހިނގާ ކަމަށާއި މަސައްކަތެއް ނެތް ވާހަކަ އަކީ އާންމުން ދައްކަމުން އަންނަ ވާހަކަތަކެކެވެ.

އަދި ވެރިކަމުގެ އެއް އަހަރު ނިމިގެން ދިޔަ އިރު އެންމެ ފްލެޓެއްވެސް އެޅިއްޖެތޯ އައްސަވާ، މި ސަރުކާރުގެ ގެދޮރުވެރި ކުމުގެ މަޝްރޫއަށްވެސް ޔާމީނު ވަނީ ފާޑު ވިދާޅުވެފައެވެ.

ޔާމީނު އެވާހަކަ ވިދާޅުވި އިރު، ޔާމީނުގެ ސަރުކާރުގައި އަޅާފައި ހުރި 7000 ފްލެޓާ މެދު މިސަރުކާރަށް ގޮތެއް ނިންމުނީ އިހަށްދުވަހުއެވެ. ނަމަވެސް އެތަންތަނަށް މީހުންނަށް ވަދެވޭ ވަރު ވާނެ ދުވަހެއް އަދި ނޭނގެއެވެ.

ޔާމީނު ވަނީ ސަރުކާރުގެ ވަޒީފާތަކުގައި މީހުން ތިބި އަދަދުގެ ގިނަ ކަން ފާހަގަ ކުރައްވަމުން، ޕްރައިވެޓް ސެކްޓާގައި ކިތައް ވަޒީފާ އުފެއްދުނުތޯވެސް އައްސަވާފައެވެ. މީގެ އިތުރުން، މި ސަރުކާރުގެ ސިޔާސީ ވަޒީފާތައް، ރައީސް ޔާމީނުގެ ސަރުކާރަށް ވުރެ 70 ޕަސެންޓް އިތުރު ކަމަށް ވިދާޅުވެ، އެކަމަށްވެސް ވަނީ ފާޑު ވިދާޅުވެފައެވެ. މި ސަރުކާރުގައި 700 އަށް ވުރެ ގިނަ ވަޒީފާ އޮތް އިރު އެ ވަޒީފާތަކުގައި ތިބި މީހުންގެ މުސާރައަށް 330 މިލިއަނަށްވުރެ ބޮޑު އަދަދެއް ހޭދަވެއެވެ.

މީގެ އިތުރުން އަސާސީ ހިދުމަތްތަކުންވެސް އަގު ހެޔޮ ވެފައި ނެތް ކަމަށާއި، ކަރަންޓާ، ކާޑާ އެނޫންވެސް ބާވަތްތަކުން ހެޔޮވީ ކޮންއެއްޗެއްތޯ އައްސަވާ ވަނީ ސުވާލު އުފައްދަވާފައެވެ.

ޔާމީނު ވިދާޅުވީ، ސަރުކާރަށް މިވީ ކުރު މުއްދަތުގައި ހަޒާނާ ކައި ހުސްކޮށްލައިފި ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދަކީ ހަލުވި އިގުތިސާދެއް ނަމަވެސް މިހާރު އޮތީ މަޑުމަޑުން ފިރުކިލަ ފިރުކިލާ ކަމަށެވެ. އެގޮތުން މި ވީ އަހަރު ދުވަހުގެ ތެރޭގައި ބޮޑު އެއްވެސް އިންވެސްޓްމަންޓެއް ރާއްޖެ ނާންނަކަމަށް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިކަން ފާހަގަ ކުރެވެއެވެ.