ހިތާމައާއިއެކު ފާހަގަކުރަންޖެހޭ ކަމަކީ ދިވެހިންނަކީ ބަނޑުގެ އެކި ބަލިތަކުން އަރައިނުގަނެވިގެން އުޅެންޖެހޭ ބައެއް ކަމެވެ. މީގެ ތެރެއިންވެސް އެންމެ އާންމުކޮށް ދިމާވާ އެއް ސަމަލައަކީ ބަނޑުހިކުން ނުވަތަ ބޮޑުކަމު ދާން އުނދަގޫވުމާ، ބޮޑުކަމު ނުދެވިގެން އުޅޭ މައްސަލައެވެ. މިއީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ކޮންމެވެސް ދުވަސްވަރެއްގައި ހަމަ ކޮންމެ މީހަކުމެހެން ތަހައްމަލުކޮށްފައިވާނެ ތަކުލީފެކެވެ. ނުވަތަ މިހާރުވެސް އެވޭނެއް އުފުލަމުންދާ ތަކުލީފެކެވެ.

ބަނޑުހިކެން މެދުވެރިވާ އެންމެ އާންމު އެއް ސަބަބަކީ ހަޖަމް ކުރުމުގެ ނިޒާމް މިނަށްވުރެ މަޑުޖެހުމެވެ. މިއާއެކު ބޮޑުކަމު ދިއުމުގެ ހަރަކާތަށް ބުރޫއަރާ، ވޭންތަކާ ކުރިމަތިވެއެވެ. ބޮޑުކަމު ދާން އުނދަގޫވާ އިތުރު ސަބަބުތަކުގެ ތެރޭގައި ފައިބަރު ހުންނަ މާއްދާ ބޭނުންކުރެވޭ މިންވަރު މަދުވުމާ، ޖިސްމާނީ ހެލިފެލިވުން މަދުވުމާ، ފެން ބޮވޭލެއް މަދުވުން ފަދަ ސަބަބުތައްވެސް ހިމެނެއެވެ.

ހަޖަމު ކުރުމާ ބަނޑާ ގޮހޮރުގެ ސިއްހީ މައްސަލަ ރަމްޒުކޮށް ދިނުމަށް ބޭނުންކޮށްފައިވާ ސީޖީއައި ތަސްވީރެއް/ފޮޓޯ: ނޭޗާސްގްރީންގްރޯސާ

ބޮޑުކަމުދާން އުނދަގޫވެ، އެކަމުގެ ތަކުލީފުން އަރައި ނުގަނެވިގެން އުޅޭ ގިނަ މީހުން ބަރޯސާވަނީ ކޮންމެވެސް ބޭހަކަށެވެ. މިއީ ވަގުތީ ހައްލެއް ހޯދާ ދޭ ކަމެއް ނަމަވެސް، ދިގު މުއްދަތުގެ ގެއްލުން އިންތިހާއަށް ބޮޑު ކަމެކެވެ. ގުދުރަތީ ތާސީރުންވެސް މިކަމަށް ހައްލު ހޯދިދާނެއެވެ.

ޕްރޫން ޖޫސް

ތާޒާ ޕްރޫންސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޖޫސް ތަށްޓެއް/ފޮޓޯ: ޓުބީސްޓްރޯންގާ

އިތުރު މަސްނޫއީ މާއްދާތަކާ އެއް ނުކޮށް ތައްޔާރުކުރާ ޕްރޫން ޖޫހަކީ ފައިބަރާ ސޯބިޓޯލްއިން މުއްސަނދިވެފައިވާ ބުއިމެކެވެ. ޕްރޫންސްއަކީ ހަށިގަނޑު ތެރޭގައި ހުރި ބޮޑުކަމުދާ ނަޖިސް ހަށިގަނޑު ފަސޭހަކަމާއެކު ބޭރުކޮށްދޭ އެއްޗެކެވެ. ހަމަ މިއާއެކު ޕްރޫންސްއަކީ ވިޓަމިން ސީއާއި ދަގަނޑުގެ މާއްދާއިން މުއްސަނދިވެފައިވާ އެއްޗެއްވެސްމެއެވެ.

އަލަނާސި ޖޫސް

ތާޒާ އަލަނާސި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޖޫސް ތަށްޓެއް/ފޮޓޯ: ޔޫޓިއުބް

އަލަނާސިއަކީ ބްރޯމަލައިން މާއްދާގެ މުއްސަނދިކަން ލިބިފައިވާ އަނގަޔަށް މީރު މޭވާއެކެވެ. މި މާއްދާއަކީ ބަނޑުހިކުމުން ދުރުކޮށްދީ، ބަނޑު ފުއްޕުމާ، ކުށްލި ކުށްލިއަށް ބަނޑަށް އަރާ ރިހުންތަކާވެސް ދުރުކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން އަލަނާސި ޖޫހަކީ ހަށިގަނޑަށް ފެނުގެ ތާޒާކަންވެސް ގެނެސްދޭ ޖޫހެކެވެ. އަލަނާސި ޖޫސްވެސް ތައްޔާރުކުރާނީ މަސްނޫއީ އުފެއްދުންތަކާ އެއް ނުކޮށެވެ.

ލުނބޯހުތު ފަނި

ތާޒާ ލުނބޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޖޫސް ތަށްޓެއް/ފޮޓޯ: ދަސްޕްރޫސްއީޓްސް

މިއީ ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ ބޭހެކެވެ. ޖޫސްތައްޓެއްހެން ހީވި ނަމަވެސް، ކޮންމެ ކަމަކަށްވެސް މި ފަނި ފުދެއެވެ. ކާބޯތަކެތީގެ އެސިޑް އާއިލާއަށް ނިސްބަތްވާ ލުނބޮޔަކީ ވިޓަމިން ސީއާއި އެންޓިއޮކްސިޑަންޓްސް އިން ފުރިބާރުވެފައިވާ ބާވަތެކެވެ. މިއީ ހަޖަމްކުރުމުގެ ނިޒާމުގައި ހުރި ވިހަ ނުވަތަ ޓޮކްސިންތައް ބޭރުކޮށްދޭން އެހީވާނެ، ލުއި ބުއިމެކެވެ. ބައެއް މީހުންނަކީ ބަނޑަށް އުނދަގޫ ނުވި ކަމުގައި ވީ ނަމަވެސް، ކައި ނިމިގެން ލުނބޯ ފެން ގަވައިދުން ބޯ މީހުންނެވެ.

އޮރެންޖު ޖޫސް

މިއީވެސް ތައްޔާރުކޮށްލަން ފަސޭހަ، އަދި ހަށިގަނޑަށްވެސް ނުހަނު ފައިދާ ކުރަނިވި ބުއިމެކެވެ. އޮރެންޖު ޖޫހުގެ ސަބަބުން ހަޖަމް ކުރުމުގެ ނިޒާމުގެ ހަރަކާތްތެރިކަން އަވަސްކޮށްދީ ލުއި ފަސޭހަކަން ގެނެސްދެއެވެ. އޮރެންޖުގައި އެކުލެވޭ ނެރިންޖެރިން މާއްދައަކީ ބަނޑުހިކުމުގެ ތަކިލީފަށް ވަގުތުން ވަގުތަށް ހައްލު ހޯދާދޭ މާއްދާއެއް ކަމަށް ބުނެވެއެވެ.

ޕެއާޒް ޖޫސް

ތާޒާ ޕެއާޒް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޖޫސް ތަށްޓެއް/ފޮޓޯ: ސާވިންގްޖޯއީ

މިއީ ދިވެހިންނަށް މާ އާންމު ޖޫހަކަށް ނުވެދާނެއެވެ. ދިވެހިން އާންމުކޮށް ޕެއާޒް ބޭނުން ކުރަނީ މޭވާއެއްހެން ކާލުމަށެވެ. ނަމަވެސް ބަނޑުހިކުމުގެ އެއް ސަބަބަކީ އެކަށީގެންވާ މިންވަރަށް ވުރެ ހަށިގަނޑުގައި ފެނުގެ މާއްދާ މަދުވުން ކަމަށްވާއިރު، ފެން ބޭނުންކޮށްގެން ތައްޔާރުކުރާ ޕެއާޒް ޖޫހުގެ ފައިދާ ބޮޑު ކަމުގައި ދަންނަވަންޖެހެއެވެ. ބަނޑުހިކުމުގެ މައްސަލަ ދިމާވާ ކުޑަކުދިންނަށްވެސް އެންމެ އެކަށީގެންވާ ޖޫހަކީ ތާޒާ ޕެއާޒްގައި ތައްޔާރުކުރާ ޖޫހެވެ.

މިއީ ގޭގައި ހޯދިދާނެ ފަރުވާތަކެއް ނަމަވެސް، ބަނޑުހިކުމާ ބަނޑުގެ އުނދަގޫތަކުގައި ދުވަސްތައް ދިގުލާ ދާންދެން މަޑު ނުކޮށް، އެކަށީގެންވާ ސިއްހީ ތަޖުރިބާ ކާރެއްގެ އިރުޝާދާ ލަފާ ހޯދަންވާނެއެވެ.