ލަނޑާ ނަގަން ނުކުމެ އުޅުނު ދޯންޏެގައި ހިނގި މާރާ މާރީއެއްގައި އެ ދޯނީގައި ހުރި މީގެއްގެ ގައިގައި ވަޅި އަޅާ ކަނޑަށް އެއްލާލި މައްސަލައެއް، ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ޒަހަމްވި މީހާގެ ހާލު ސީރިއަށް ކަމުން މިހާރު މާލެ ގެނެސް އައިޖީއެމްއެޗަށް ގެންގޮސްފައި ވާ ކަމަށެވެ. ކޯސްޓް ގާޑުން ބުނީ މާލެ ގެނައީ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށާ އޭނާ ވަނީ ހެނދުނު މާލެ ގެނެސްފައި ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ، އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 3:06 ހާއިރު ކަމަށާ، ފުލުހުންނަށް ރިޕޯޓު ކުރީ ޒަހަމްތަކަކާއެކު އޮތް މީހަކަށް އއ މާޅޮހު ހެލްތް ސެންޓަރުގައި ފަރުވާ ދެމުން ދާ ކަމަށެވެ. އަދި އޭނާ ޒަހަމްވެފައިވަނީ، ލަނޑާ ނަގަން އުޅުމުގެ ތެރޭގައި އެދޯނީގައި ހިނގި މާރާ މާރީއެއްގައި އޭނާގެ ގައިގާ ވަޅި އެޅުމުގެ ސަބަބުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ޒަހަމްވި މީހާ އއ މާޅޮހަށް އެރީ ފަތާފައި ކަމަށް ފުލުހުން ބުނެއެވެ.

ރޭ ހިނގި އެނހާދިސާގައި ލަނޑާ ނަގަން އުޅުނީ ރ މަޑުއްވަރީ ދޯންޏެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް ދޯނީގައި ތިބި މީހުންގެ އަދަދާއި، އެ މާރާ މާރީ ހިނގަން މެދުވެރިގޮތް އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނީ، އެމައްސަލައާ ގުޅުން ހުރި ފަރާތްތަކާ ސުވާލު ކޮށް މިހާރު ތަހުގީގު ކުރަމުން ދާ ކަމަށެވެ.