މަސްތުވާތަކެއްޗާ އެކު މާލެއިން ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެއިން 5 ފިރިހެނުން ހައްޔަރު ކޮށްފައިވަނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި މިމަހުގެ 19 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައިި ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 21 އަަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ.

މި ފަސް މީހުންގެ ތެރެއިން 18 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ސިނާއީ ސަރަހައްދުން ހައްޔަރުކޮށް، އެވަގުތު އެމީހުން ތިބި ކާރު ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ފުޅި ފެނިފައިވެއެވެ.

19 އަހަރުގެ މީހާއާއި 21 އަހަރުގެ މީހާ އަދި 22 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ހެންވޭރު ގެއަކުންނެވެ. ކޯޓު އަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 133 ސެލޯފިންކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅަކާއި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 39 ފުޅިއާއި، ބަނގުރާ ކަަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 395 ދަޅާއި، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައި ވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް، 18 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި 19 އަހަރުގެ މީހާއާއި 21 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި ދެ މައްސަލަ ވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް މިހާރު އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ގެސްޓް ހައުސަކުން 11 ފިރިހެނުންނާއި އަންހެނަކު މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ވަނީ ހައްޔަރުކޮށްފައެވެ.