މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދީފައިވާ ރަށްތަކުގެ މުއާމަލާތްތަށް މަޑުޖައްސާލާފައި ވީ ނަމަވެސް ކުރިއެކޭ އެއްގޮތަށް އަނެއްކާ ވެސް މުއާމަލާތްތައް ކުރިއަށް ގެންދަން ހުއްދަދީފިއެވެ.

ސަރުކާރުން މިގޮތަށް ހުއްދަދޭން ނިންމާފައި ވަނީ އިކޮނޮމިކް ކައުންސިލުން އެގޮތަށް ނިންމުމާ ގުޅިގެން، މިދިޔަ ޖުލައި މަހުގައެވެެ.

އަލުން ހުއްދަ މި ދިނީ، މިދިޔަ މެއި މަހު އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ 55 ރަށުގެ ހެޑް ލީޒް ކުރުމާއި ސަބް ލީޒްގެ ކުރުމުގެ މުއާމަލާތްތައް މެދުކަނޑާލުމަށް އެދިފައި ވަނިކޮށެވެ.

ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކުގެ މުއާމަލާތްތައް މަޑުޖައްސާލަން ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެންގުމާ އެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެކަން އިއުލާނު ކުރެއްވީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

އޭރު އެގޮތަށް ނިންމާފައި ވަނީ ސީރިއަސް ތަހުގީގެއް ހިންގަނިކޮށް، އެ ރަށްތަކުގެ ހިއްސާ ބަދަލުވެއްޖެ ނަމަ ތަހުގީގުތަކަށް ހުރަސް އެޅިދާނެ ކަމަށެވެ. މިކަން މިހެން އެންގުމަށް ފަހު ޖުލައި މަހު އެސެޓް ރިވަރީ ކޮމިޝަނުން ވަނީ އެމްއެމްޕީއާރްސީގެ ރަށްތަކާ މެދު އަމަލު ކުރުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީ އަށް ހާއްސަ އެންގުމެއް އަންގައިފައެވެ.

މި އެންގުމުގައިވާ ގޮތުން ސަބްލީޒް ކުރުމާއި ރިސޯޓް މެނޭޖްމެންޓް އެގްރީމެންޓް އެކުލަވާލުމާއި މޯގޭޖު ކުރުމާއި ޝެއާ ބަދަލު ކުރުމުގެ މަސައްކަތް ކުރެވޭނީ، ސަރުކާރުން ރަށްތަކުގެ މައްސަލަ ބެލުމަށްފަހު އަތުލަން ނިންމާ ހާލަތެއްގައި އެއްވެސް ބަދަލަކާ ނުލާ ރަށް ހަވާލު ކުރަން އިއުތިރާޒެއް ނެތް ހާލަތެއްގައި ކަމަށް ބުނެފައި ވެއެވެ. އަދި އެކަން އެގޮތަށް ކުރުމަށް ލިޔުމެއްގައި ސޮއި ކުރުމަށްފަހު ރަށުގެ މުއާމަލާތްތައް ހިންގިދާނެ ކަމަށް އަންގައި، އެ ކޮމިޝަނުން ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުގެ މި އެންގުމާ ގުޅިގެން ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު، ޓޫރިޒަމް މިނިސްޓްރީން ވަނީ ރައީސްގެ ލަފަޔަކަށް އެދިފައެވެ. އެއާ އެކު އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރުމަށްފަހު އިންވެސްޓަރުންނަށް ލިބިދާނެ ގެއްލުމެއްގެ އިތުރުން އެސެޓް ރިވަރީ ކޮމިޝަނުން ނިންމި ނިންމުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުރުބާރު ގެއްލިދާނެތީ، އެމްއެމްޕީއާރްސީން ދީފައިވާ ރަށްތަކާ ގުޅޭ މުއާމަލާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވެއެވެ.

މިގޮތަށް ނިންމި ނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަކި ރަށަކާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ، އެ ރަށެއްގެ މުއާމަލާތްތައް ހުއްޓާލުމަށް އެންގިދާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ލިބުނުގެ ގެއްލުން، މިހާރު ހޯދިފައިވާ ހޯދުންތަކުން 3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.