ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ، އެގައުމުގެ 24 ވަނަ ބޮޑުވަޒީރުގެ ގޮތުގައި ދާދި ދެންމެއަކު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް މަހިންދަ ރާޖަޕަކްސަ އިއްޔެގެ ވަގުތެއްގައި ހަމަޖެއްސެވީ، މިދިޔަ ހޮނިހިރު ދުވަހު ސްރީލަންކާގައި ކުރިއަށް ދިޔަ ރިޔާސީ އިންތިހާބު ސާފު އަގުލަބިއްޔަތުން ކާމިޔާބުކުރައްވާ، ސްރީލަންކާގެ ރިޔާސީ ހުވާ ހޯމަ ދުވަހު ކުރެއްވި ގޮތަބާޔާ ރާޖަޕަކްސައެވެ.

ގޮތަބާޔާ ރާޖަޕަކްސަގެ ކުރިފުޅުމަތީގައި މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވީ ސްރީލަންކާގެ ރައީސް އޮފީހުގެ ސެކްރެޓޭރިއަޓްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. ސްރީލަންކާގެ ފެއިބި ސަރުކާރުގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާއި އޭނާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަގެ އިތުރުން ސްރީލަންކާގެ ސިޔާސީ މަސްރަހުގެ އިސް ސަފުން ފެނިގެންދިޔަ ގިނަ ލީޑަރުންތަކެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބޮޑު ވަޒީރުގެ ހައިސިއްޔަތުން މަހިންދަ ރާޖަޕަކްސަ ރަސްމީ މަސައްކަތް ފައްޓަވާނީ ލަންކާ ގަޑިން މިއަދު މެންދުރު ފަހު 03:00 ގައެވެ.

މިއީ މި ދެބެން އެއް ސަރުކާރެއްގައި އެކުގައި މަސައްކަތް ކުރައްވާ ފުރަތަމަ ފަހަރެއް ނޫނެވެ. މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި، ސްރީލަންކާގެ ދިފާއީ ވަޒީރެއްގެ ގޮތުގައި ހުންނެވި ގޮތަބާޔާއެވެ. ނަމަވެސް މިއީ ސްރީލަންކާ ސަރުކާރުގެ އެންމެ މަތީ 2 މަގާމުން މި ދެބެން ފެންނަ ފުރަތަމަ ފަހަރެވެ.