ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށް ގެންދިޔަ ޓެކްސްޓާސް ސްޓާޓްއަޕް ވީކެންޑްގެ އެއްވަނަ "ބިގް ފިޝް" ހޯދައިފިއެވެ.

ސްޓާޓްއަޕް ވީކެންޑް މި މަހުގެ 17 ވަނަ ދުވަހު ނިންމާލާފައިވާއިރު، މި ހަރަކާތުން އެއްވަނަ ހޯދި "ބިގް ފިޝް" އަކީ މަސްވެރިންނަށް ހާއްސަ އޮންލައިން މާކެޓެކެވެ. މި އޮންލައިން މާކެޓަކީ މަސްވެރިކަމުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ އިތުރުން މުދާ ގަންނަ ފަރާތްތަކަށް ވެސް ބޭނުން ހިފޭ ގޮތަށް ތައްޔާރުކޮށްފައިވާ މާކެޓެކެވެ. ހަމައެއާއެކު ފަހުރުވެރި އެއްވަނަ ހޯދި މި ޓީމުގެ މަސައްކަތް ސްރީލަންކާގައި ބާއްވާ ޑިސްރަޕްޓް އޭޝިއާގައި ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ހަރާކާތުގައި ބައިވެރިވި ބައިވެރިންގެ ތެރެއިން ދެވަނަ ކާމިޔާބު ކޮށްފައި ވަނީ "ދަ ސިޓާޒް ކްލަބް" އެވެ. މިއީ ބެލެނިވެރިންނާއި، ކުދިން ބަލަހައްޓާ ބޭބީސިޓަރުން ގުޅުވައިދޭ ސްޓާޓްއަޕެކެވެ. އަދި ތިންވަނަ ހޯދީ "އަމްޕަޔާ" ކިޔާ ސްޓާޓްއަޕް އެކެވެ.

މި އަހަރުގެ މި ސްޓާޓްއަޕްގެ ފަނޑިޔާރުންގެ ޕެނަލްގައި ތިއްބެވީ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރްޔަމް ވިސާމް، ދިރާގުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ޑިރެކްޓަރު މުހައްމަދު މުސާދު، އިނަ މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގިޔާސް އަދި ޓެކް ޕްރޮފެޝަނަލްގެ ހާމިދު ޝަފީއުއެވެ.

ވަނަތައް ހޯދި ތިން ޓީމަށް ވެސް ދިރާގު އިންޓަނެޓް ފޯ ބިޒްނަސް ލިބިގެންދާއިރު އަންނަ އަހަރު ސްޕާކްހަބްގެ ފަރާތުން ބާއްވާ ސްޓާޓްއަޕް ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މި ހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ޒުވާނުންގެ މެދުގައި ސްޓާޓްޕް ކަލްޗާ އެއް ބިނާ ކޮށް، އެ މީހުންގެ ފުރިހަމަ ހުނަރު ދަސްކުރުމާއި، އުފެއްދުމާއި އަމަލުން ދެއްކުމުގެ މަގުފަހި ކޮށްދިނުން ކަމަށް ވެސް ދިރާގުން ބުނެއެވެ.

މި ސްޓާޓްއަޕް ވީކެންޑް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 561 ބައިވެރިންނާ އެކީގައެވެ. މިހަރަކާތް ބޭއްވި މީ ދެވަނަ އަހަރަށް ވީއިރު، މި އަހަރު މި ހަރަކާތުގައި ބައިވެރި ފަރާތްތަކުން 30 ހިޔާލު ވަނީ ހުށަހަޅާފައެވެ. އޭގެތެރެއިން 11 ސްޓާޓްއަޕް ހިޔާލެއް ހޮވާ ގްރޫޕްތަކަށް ބަހާލުމަށްފަހު، އެ ގްރޫޕުތަކަށް ވަނީ ޝެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ޝެޝަންތަކުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ވިސްނުންތައް ހަގީގަތަކަށް ގެންނާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާކޮށް ބިޒްނަސް މޮޑެލް ތައްޔާރުކޮށް ހުށަހަޅާނެ ގޮތް ބައިވެރިންނަށް ކިޔައިދީފައި ވެއެވެ.

ޓެކްސްޓާޒް ސްޓާޓްއަޕް ވީކެންޑަކީ ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުތަކުގައި ބާއްވަމުން އަންނަ ހަރަކާތެކެވެ. މިހާތަނަށް 193،000 ބައިވެރިންނާއެކު 2،900 އަށް ވުރެ ގިނަ އިވެންޓު ބާއްވާފައި ވާއިރު މިއީ ދުނިޔޭގައި ހިންގާ މިފަދަ އެންމެ ބޮޑު އެއް ސްޓާޓްއަޕް ހަރަކާތެވެ.