ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތި މަރާމާތު ކުރަން 1.9 މިލިއަން ރުފިޔާގެ އެހީ އިންޑިއާ ސަރުކާރުން ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މަޝްރޫއުގެ ދަށުން އިމާރާތުގެ ސެކިއުރިޓީ ތަރައްގީ ކުރުމާއި އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރުމާއި ކުދިންގެ އާންމު ބޭނުންތަކަށް ބޭނުން ކުރާނެ ޖާގަ ތައްޔާރު ކުރުން ހިމެނޭ ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ފަޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ގާއިމު ވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިންޑިއާ އިން ދިން އެހީ އަކީ ކުރީގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު މިއަހަރުގެ މާޗު މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، އިޖްތިމާއީ އަދި އިގްތިސޯދީ ދާއިރާއިން ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް ރާއްޖެއަށް ދޭން ނިންމި އެހީގެ ބައެކެވެ.

ފިޔަވަތީގައި ތިބެނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން 13 އަހަރުން ދަށުގެ ކުދިންނެވެ.