ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަން އިލެކްޝަން ކޮމިޝަން (އީސީ) އިން ހުއްދަ ދީފިއެވެ.

އީސީ އިން ބުނީ ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އެކޮމިޝަނުން ދީފައިވާ ކަމަށެވެ.

އާ ޕާޓީއެއް އުފައްދަން އީސީ އިން ހުއްދަ ދީފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ރަޖިސްޓާ ކުރަން ވަނީ ނިންމާފައެވެ.

އެޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ވަނީ ބާއްވައިފައެވެ. 300 މީހުންނާއެކު ބާއްވަން ޖެހޭ ފުރަތަމަ ޖަލްސާގައި، ޕާޓީގެ ލޯގޯ ފާސް ކުރުމާއި، އަސާސީ ގަވާއިދު ފާސް ކުރުމުގެ އިތުރުން އިންތިގާލީ މަގާމުތަކަށް މީހުން އައްޔަން ކުރުން އޮތެވެ.

އެޖަލްސާގައި އިންތިގާލީ 5 މަގާމަކަށް މީހުން އިންތިހާބު ކުރިއެވެ. ޕާޓީގެ ރައީސް ކަމަށް ހޮވިވަޑައިގަތީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. މައުމޫން އެމަގާމަށް ހޮވިވަޑައިގަތީ އެ ޖަލްސާގައި ބައިވެރިވި މީހުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އަދި އެގްޒެކެޓިވް ކޮމިޓީއަށް 20 މެންބަރުންނާއި ޒުވާނުންގެ ކައުންސިލްގެ 30 މެންބަރުންނާއި އަންހެނުންގެ ކައުންސިލްގެ 20 އަންހެން މެންބަރުން ވަނީ ހޮވާފައެވެ.