ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން އަނބުރާ ރާއްޖެ ގެންނަ ދިވެހިން ރިހެބިލިޓޭޓް ކުރާނެ މަރުކަޒެއް ކ. ހިންމަފުށީގައި އެޅުމުގެ މަސައްކަތް ފަށައިފައި ވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ނަޒީރު ވިދާޅުވީ އެ އިމާރާތް އަޅަން ހަވާލުކޮށްފައި ވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) އާ ކަމަށާއި މި މަސައްކަތަކީ 49 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އިމާރާތެެއްކަމަށެވެ. އަދި ހަމަ އެހެންމެ މި އިމާރާތުގެ މަސައްކަތް ފެށިތާ 50 ވަރަކަށް ދުވަސްވެފައި ވެފައި ވާ ކަމަށާއި ކުރިއަށް އޮތް މަހެއްގެ ތެރޭގައި ރިހެބިލިޓޭޝަން ސެންޓަރު ހަދާ އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓާ ވިދާޅުވިއެވެ.

ހަނގުރާމަ އަށް ދިއުމަށް ފަހު އަންނަ މީހުން ރިހެބިލިޓޭޓްކުރާ މަރުކަޒު ހަދަން މަސައްކަތް ފެށާފައިވާއިރު، ޓެރަރިޒަމްގެ ގާނޫނަށް ފަހުން ގެނައި އިސްލާހުގައި އެފަދަ މަރުކަޒެއް ހުރުން ލާޒިމްކުރެއެވެ. ނަމަވެސް އެ އިސްލާހު ފާސްކުރުމުގެ ކުރިން އެ މަސައްކަތްތައް ހޯމް މިނިސްޓްރީން ވަނީ ފަށައިފައެވެ.

ހަނގުރާމަކުރުމަށް ކަމަށް ބުނެ ގިނަ މީހުން ދަނީ ސީރިއާއަށެވެ. އެ ގައުމުގެ އެކި ކޭމްޕްތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނި ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ސީރިޔާ އަށް ދިޔަ ގިނަ ދިވެހި އަންހެނުންނާއި ކުޑަކުދިންގެ ތެރޭގައި މަޖުބޫރުން ގެންދިޔަ މީހުން ވެސް ހިމެނޭ ކަމަށާއި އެ މީހުން އަނބުރާ ގެންނަން ޖެހޭ ކަމަށެވެ.

ހަނގުރާމައިގައި ސީރިއާ ސަރުކާރަށް ކުރި ލިބިފައި ވާއިރު، ދިވެހިންގެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ. މަރު ނުވެ ތިބި ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިން މިހާރު ތިބީ ރެފިއުޖީ ކޭމްޕުތަކުގައެވެ. ކޭމްޕުތަކުގައި ތިބި މީހުން އެނބުރި ރާއްޖެ އައުމަށް ސަރުކާރުގައި އެދިފައި ވާއިރު އެކަމާ ގުޅިގެން ސަރުކާރުން ވަނީ އެ މީހުން ރާއްޖެ ގެނައުމަށް ނިންމާފައެވެ. ސީރިއާގެ ހަނގުރާމައިގައި ގިނަ އަދަދެއްގެ ދިވެހިން މަރުވެފައިވާއިރު ސައްހަ އަދަދެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވެސް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.