ތިލަަފުށި ފަޅަށް މީގެ އެތައް އަހަރެއް ކުރިއްސުރެ "އެއްލާލާފައި" އޮތް އެމްވީ ސީހޯމް ސަފަޔާ ބޯޓުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގެ މެންބަރުން ކަންބޮޑުވެވަޑައިގެންފިއެވެ.
މި ބޯޓަކީ 2011ވަނަ އަހަރު ބަންގްލަދޭޝްގެ ޗިޓަގޮން ބަނދަރުން ރާއްޖެ އައި ބޯޓެކެވެ. އެ ބޯޓު ރާއްޖެއިން ފުރުން ސިވިލް ކޯޓުން މަނާކުރިއެވެ. އެގޮތަށް ސިވިލް ކޯޓުން މަނާ ކުރީ ބޯޓުގެ ވެރިފަރާތާ ދެކޮޅަށް އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށް ކަސްޓަމްސް އިން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ކުރިން އޮތީ އަންގައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ބޯޓުގެ މައްސަލައާ ގުޅިގެން މެންބަރުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހުށަހަޅާފައެވެ. އެގޮތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ އެ މައްސަލާގައި ސަރުކާރަށް ތުހުމަތުތަކެއް އަމާޒުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ސަރުކާރަށް އަމާޒުވާ ތުހުމަތުތަކުގެ ހަގީގަތް ބަލަންޖެހޭ ކަމަށާއި އެކަންކަން ނުބަލައިފި ކަމަށްވާނަމަ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ސުވާލު ކުރާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.
މި މައްސަލާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ވިދާޅުވީ މި ބޯޓަކީ މިހާރު ބޯޓެއް ނޫން ކަމަށެވެ. އެގޮތުން މިއީ ބާ ދަގަނޑު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބޯޓަށް ގާނޫނީ ގޮތުން ކުރަންޖެހޭ އެއްވެސް ކަމެއް އެ ބޯޓުގެ ވެރިފަރާތުން ކޮށްފައި ނުވާ ކަމަށް ހުސައިން ޝަމީމް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އެހެންވީމާ ސްކްރެޕެއްގެ ގޮތުގައި މީގެ ރަޖިސްޓްރީއެއް ސެޓްފިކެޓެއް އިންޝުއަރެންސެއް، އެއްވެސް ސީ ވޯތިނަސް އެއް އެއްޗެއް އޮތް އެއްޗެއް ނޫން. އެހެންވީމާ މިޔަކަށް ބޯޓެކޭ ނުކިޔޭނެ،" ހުސައިން ޝަމީމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މައްސަލާގައި ކޮމެޓީގައި ވާހަކަދައްކަވަމުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ މި ބޯޓުގެ މައްސަލާގައި އޮތް ހަމައެކަނި ކަންބޮޑުވުމަކީ ބޯޓުގެ ސަބަބުން ދިވެހި ދައުލަތަށް އަނެއްކާވެސް ބޮޑު ބުރައެއް އުފުލަންޖެހުމުގެ ބިރު ކަމަށެވެ. ނަމަވެސް އެފަދަ ބުރައެއް ދިވެހި ދައުލަތަށް އުފުލަން ނުޖެހޭނެ ކަމުގެ ޔަގީންކަން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ދެއްވާފައިވާކަން އޭނާ ވިދާޅުވިއެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ އެ ބޯޓް މިހާރު ބާއްވާފައި އޮތްތަނަށް ކުލީގެ ގޮތުގައި ދުވާލަކަށް 3000 ޑޮލަރުގެ ހޯދަން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ބިލު ފޮނުވަމުންދާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން އެކަމުން ދިވެހި ދައުލަތް ސަލާމަތް ކުރަން ޖެހިފައިވުމަކީ މުހިއްމު ކަމެއް ކަމަށް ނާޝިޒު ވިދާޅުވިއެވެ.