އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިއްހަތުގެ އިންޒާރު ޖެހި ފޮޓޯ ހިމެނިފައި ނުވާ ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އިންޒާރުގެ ފޮޓޯ ޖަހައިގެން ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ ގޮތަށް އަމަލުކުރަން ފެށީ މެއި 31 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އިންޒާރުގެ ނޯޓިސް (ފޮޓޯ) ނުޖަހައި، މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައިވާ ދުންފަތުގެ ބާވަތްތައް މިމަހުގެ 30 ގެ ނިޔަލަށް ވިއްކޭނެއެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ފަހުން ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ހިމެނިފައި ނުވާ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ވިއްކުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ.

ދުންފަތާއި ސިނގިރޭޓާއި ދެކޮޅަށް ރާއްޖޭގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން ވަނީ މަނާ ކޮށްފައެވެ. ވަކިން ސިނގިރޭޓު ވިއްކުން ހުއްޓާލުމާއި ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި އިންޒާރުގެ ނޯޓިހެއްގެ އިތުރުން ކުރެހުމެއް ޖަހަން ފެށުމުން އޭގެ އަސަރު ފެންނަން ފަށާފައިވާ ކަމަށް ވިޔަފާރިވެރިން އަންނަނީ ބުނަމުންނެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިއްހަތުގެ އިންޒާރު ޖެހި ފޮޓޯ ހިމެނިފައި ނުވާ ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރީ 2017 ވަނަ އަހަރު އެވެ.