އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކުރުމަށް މިއަދު މަޖިލީހުގައި ނަގާ ވޯޓުގައި ދެ ބޭފުޅުންވެސް މަގާމުން ވަކި ކުރުމަށް ސަރުކާރުން ހިންގާ މައިޕާޓީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ.
މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލައެކެވެ. މި މައްސަލަ ދިރާސާ ކުރުމަށްފަހު ޖުޑީޝަރީ ކޮމެޓީން ވެސް ވަނީ މ ދެބޭފުޅުން ވަކި ކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ނިންމާފައެވެ.
ޖޭއެސްސީން ބުނީ މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ، އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އެ ދެ ބޭފުޅުން ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ފެންނާތީ ކަމަށެވެ.
އަދި އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ކަންކަމަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކަމަށް ވާތީ މި ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމަށް ނިންމުމުން އެ ކޯޓުގެ ހިންގުން މިހާރު ހަވާލު ކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ އަރީފްއާއެވެ.
ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ނަގާ ވޯޓު އޮންނާނީ މިއަދު މެންދުރު 1:30ގައެވެ.