ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދި ކޮމިޝަނުން ކޮށްފައިވާ ތަހުގީގީ ރިޕޯޓު ރައީސް އޮފީހުން އާއްމުކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ 2012ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ އަނިޔާވެރިކަމާއެކު ޑރ. އަފްރާޝީމް އަވަހާރަ ކޮށްލާފައި ވާތީވެ، އެކަން ރޭވި މީހުންނާއި އެކަން އެ ބަޔަކު ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ހަރަދުކުރި ފަރާތް ހޯދުމުގެ މަސައްކަތް ހަވާލުކުރެއްވުމާއި ގުޅިގެން ރައީސް ސޯލިހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގައި އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން އެމައްސަލަ ބެލުމަށްފަހު ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށެވެ.
އެމައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓު ސަރުކާރުންވަނީ ނޫސްބަޔާނަކާއެކު އާންމުކޮށްފައެވެ.
އެ ރިޕޯޓުގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގަނީ މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އަދި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ވަނީ ބުނެފައެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.
މި މީހުންގެ ތެރެއިން މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދަކީ މީގެކުރިން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލާގައިވެސް މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ދެ ނަމެކެވެ. ރިޟްވާން މަރާލާފައި ވަނީ ވެސް ހަރުކަށި ފިކުރުގެ ޖަމާއަތަށް ނިސްބަތްވާ ބަޔަކު ކަމަށާއި އެގޮތުން ރިޟްވާން މަރާލުމުގައި ހަރަކާތްތެރިވި ޖަމާއަތުގެ އިސް ލީޑަރުންގެ ގޮތުގައިވެސް ތިބީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ކަމަށްވެސް މަރު ކޮމިޝަނުން މީގެކުރިން ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވަނީ އެ ކޮމިޝަނުން ކޮށްފައިވާ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބަލާއިއިރު ޑރ އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގެ މަސައްކަތުގައި ހ. ހިލްޓަން އަޒްލިފް ރައޫފްއާއި، ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި، ހ. ހިކޯސްޓް އަލީ ޝާން އާއި 18 އަހަރުނުފުރޭ ކުޑަކުއްޖެއްގެ އިތުރުން އެހެން ބަޔަކު އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ކަމުގައި އަމަލީ ގޮތުން ދެން ބައިވެރި ފަރާތް ޑރ. އަފްރާޝީމްގެ އަވަހާރަވުމަށް ފަހު ރާއްޖޭން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.
މި ރިޕޯޓުގައި ޑރ. އަފްރާޝީމް އަވަހާރަ ކޮށްލާފައި ވަނީ ވަކި ހާއްސަ ވާހަކަތަކެއް ދައްކާތީ ކަމަށް ބަޔާންކޮށްފައި ވެެއެވެ. އެވާހަކަތަކުގެ ތެރޭގައި ދީނީ އިލްމުވެރިއެއްގެ ދެމެދުގައި ކަމަކާ މެދު ހިޔާލުތަފާތުވުން އުފެދިއްޖެ ނަމަ އެއީ ކަނޑައެޅިގެން ވާޖިބު ބިދުއަ އަދި ކަނޑައެޅިގެން ދީނުން ބޭރުވާ ވަރުގެ މައްސަލައެއްގެ ގޮތުގައި ކަނޑަނޭޅޭނޭ ކަމަށާއި އެފަދަ މައްސަލަތަކަކީ ކަނޑައަޅައިގެން ވަކިގޮތެއް ނިންމޭނޭ މައްސަލަތަކެއް ނޫން ކަމަށް ޑރ. އަފްރާޝީމް ވިދާޅުވެފައިވާ ކަމަށް ބުނާ ވާހަކަ ހިމެނެއެވެ.
އެފަދަ މައްސަލަކުގައި މުސްލިމު އަހުން އެއްބަޔަކު އަނެއް ބަޔަކަށް ޖަދަލުކޮށް އެއްޗެހި ގޮވާ ހެދުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ޑރ. އަފްރާޝީމް ވިދާޅުވި ވާހަކަވެސް ހިމެނޭ ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ޑރ އަފްރާޝީމާ ގުޅޭގޮތުން މީހުންގެ މެދުގައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރާ ގިނަ ބައެއްގެ ވާހަކަ ތަހުގީގު ރިޕޯޓުގައި ހިމަނާފައިވެ އެވެ. އޭގެތެރޭގައި ސަލަފް ޖަމާއަތުގެ ވާހަކަ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
ސަލަފަކީ ޖިހާދީ ފިކުރުގެ ޖަމާއަތެއްގެ ގޮތުގައި ސިފަކޮށް ރިޕޯޓުގައި އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތް ހަމަ ނުޖެހުންތައް ހުރީ ކީއްވެގެންކަންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެން މީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތަކީ އިލްމުވެރިންގެ މެދުގައި ހިތްހަމަ ނުޖެހުން އޮތް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ބުނެފައެވެ.
އަފްރާޝީމްގެ ރިޕޯޓު ސަރުކާރުން އާންމު ކޮށްފައި ވާއިރު މިއަދުގެ ރައްޔިތުން މަޖިލިސް ޖަލްސާގައިވެސް ވަނީ މި ރިޕޯޓުގެ ހުލާސާއެއް އާއްމު ކޮށްފައެވެ.