ސްރީލަންކާގައި އިއްޔެ ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ސާފު އަގުލަބިއްޔަތުން ކުރި ހޯއްދަވައިގެން ކުރިއަށް އޮތް ރިޔާސީ ދައުރު ކަށަވަރު ކުރެއްވި ގޮތަބަޔާ ރާޖަޕަކްސައަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ރިޔަސީ އިންތިހާބުގައި ކާމިޔާބުވެއްޖެކަން ގޮތަބަޔާ އިއުލާން ކުރެއްވުމާއެކު ރައީސް ސޯލިހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އިއްޔެގެ އިންތިހާބުގައި ގޮތަބަޔާ ހޯއްދެވި ކާމިޔާބީއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށާ، ގޮތަބަޔާގެ ސަރުކާރުގައި، މިހާރުވެސް ގާތް އަޚުވަންތަ ގުޅުމެއް އޮންނަ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހުގެ އިތުރުން ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ލީޑަރު މައުމޫން ޢަބްދުލްޤައްޔޫމުވެސް ވަނީ ގޮތަބަޔާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ގޮތަބަޔާގެ ވެރިކަމަށް ކާމިޔާބީ އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ސްރީލަންކާގެ ރައީސް ކަމުގެ މަގާމާ ގޮތަބަޔާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައި ކަމަށް ޚަބަރު ލިބެއެވެ.