ހިންދު ކަނޑުގެ މުތީތަކެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ދިވެހިރާއްޖޭގެ މިލްކިއްޔާތުގައިވާ ހިކިފަސް ބިމުގެ ސަރަހައްދުގެ މިން، 115 އަކަ މޭލަށްވުރެ ބޮޑެށް ނުވާނެއެވެ. 4 ލައްކާއެއްހާ މީހުންގެ އާބާދީއެއް މި ފަސްގަނޑުގައި އޮތްއިރު، މީގެ ބޮޑު ބައި ތޮއްޖެހިފައި އޮތީ ވެރިކަން ކުރާ މާލޭ ސިޓީގައެވެ.

ބޮޑު މިނުގައި 10 ކިލޯމީޓަރު ހަމަނުވާ މާލޭ ސިޓީއާއި މި ސިޓީއާ ގުޅިފައިވާ ގްރޭޓާ މާލޭ ސަހައްދުގައި ދިރިއުޅެމުންދާ މީހުންގެ އަދަދު ދޮޅު ލައްކައާއި ގާތްކުރާ އިރު، މާލޭގައި ރަށުގައި ވަޒަންވެރި ވެ މަސައްކަތް ކުރާ ބިދޭސީންނާއި، މާލެ ބާލާލަން ޒިޔާރަތްކުރާ ފަތުރުންވެރިންނާއެކު މުޅި ސިޓީ އޮތީ ތޮއްޖެހި، ފިތި ބާރުވެފައެވެ.

މާލެ މަތިން ފެންނަ ގޮތް

ހުރަހަކާ ކުރިމަތި ނުވެއްޖެނަމަ އެއްކޮޅުން އަނެއް ކޮޅަށް ހިނގާލަންވެސް 30 މިނެޓް ބޭނުން ނުވާ މި ކުޑަކުޑަ މާލޭގެ މަގުތައް މިއަދު ތޮއްޖެހިފައިވަނީ އެއްގަމު އުޅަނދުތަކުންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ދުވާރެއްގެ މަތިން ހިނގާނަމަ ގޯޅި ނިމޭއިރުވެސް ނިކުންނާނެ 'އެއްގަމު ނެރެއް' ނުފެނި އެތައް ވަގުތެއް ބޭކާރު ވެގެން ދާއިރު، ކޮންމެ މީހަކަށްވެސް ލުއި ފަސޭހައަކަށޭ ހިތާ ބަރޯސާ ވެވެނީ އަމިއްލަ އުޅަނދަކަށެވެ.

އާންމު އެއްގަމު ދަތުރުފަތުރުގެ ހިދުމަތަށް ބޭނުންކުރާ ޓެކްސީއަށް އިތުބާރު ކުރާ މީހަކު ނެތެވެ. ސެންޓަރަށް ގުޅައިގެން އަތުޖެހޭ ޓެކްސީއަކަށް ވުރެ މަގަށް ނިކުމެ އަތް ހޫރައިގެން ޓެކްސީ ހޯދަން މާ ފަސޭހައެވެ. އެއީ ވެސް މުޅިން އާންމު ހިދުމަތެކޭ ދެންނެވޭކަށް ނެތެވެ. ފީ އެހާ ބޮޑުއިރު ވިއްސާރައަށް ބިރުން ފިލަނީވެސް މަދު ޓެކްސީއެއް ނޫނެވެ. ދެން ޖެހެނީ ޕްރައިވެޓް ހަޔާއަކަށް ބަރޯސާވާން ނޫންހެއްޔެވެ.

މާލޭ މަގުމަތިން ޓެކްސީއެއް ދުއްވާފައި ދަނީ / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ދެން އޮތީ ސައިކަލުތަކުގެ ވާހަކައެވެ. ކޮންމެ ގޭބިސީއެއްގައި ތިން ހަތަރު ސައިކަލު ހުއްޓެއް ކަމަކު ދޫނި ފަތެއް ޖައްސާލާނެ ތަންކޮޅުވެސް އެ ގޭބިސީގައި ނޯވެއެވެ. ނަތީޖާއަކަށް ވަނީ ދުއްވާ ސައިކަލާއި، ޕާކުކުރާ ސައިކަލުތައްވެސް މަގުމަތިވުމެވެ. އަނެއްކާވެސް އަނެއް ތަކުލީފެވެ. ސައިލެއްގެ މަޑިމަތީގައި އިށީނދެގެން، ދެފައިން ކަނބަމުން ދުއްވަންޖެހެނީވެސް މަގުތައް ތޮއްޖެހިގެންނެވެ.

މިހުރިހާ ޝަކުވާއެއްގެ ހައްލެއް އެބައޮތެވެ. އެއީ ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމު ހަރުދަނާ ކުރުމެވެ. ހަރުދަނާ ކުރުމޭ މިދަންނަވަނީ ފީ އަކާ ނުލައި، ފުޅާދާއިރާއެއްގައި ހިދުމަތް ދޭން ފެށުމަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މިކަން ތަޖުރިބާ ކުރަމުން ދާއިރު، މިއީ ވަރަށް ދިގުކޮށް ވާހަކަ ދެއްކި ދާނެ ދާއިރެއެކެވެ. އެހެންނަމެވެސް، ހުލާސާކޮށްލެވޭތޯ ބަލާނަމެވެ.

އެއްގަމު އުޅަނދުތަކުގެ އަދަދު މަދުވުން

ދުނިޔެ ހޫނުވުމުގެ މައްސަލައަކީ، ބޮޑު ރާޅު އެރި ޒަމާނުއްސުރެ ފެށިގެން ދިވެހިންގެ ދޫތަކަށް ފަރިތަ އެކަމަކު އަމަލުން އެކަމަށް އެދެވޭ ސަމާލުކަމެއް ނުދެވި އޮތް ބޮޑު މައްސަލައެކެވެ. ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތަށް ނަގާ ފީ ކަނޑާލައިފިނަމަ ހަމަ ޔަގީނުންވެސް އެއަށް ބަރޯސާ ވާ މީހުންގެ އަދަދު އިތުރުވާނެއެވެ. 15 މީހުންގެ ޖާގައިގެ ބަހެއް ގެނައި ކަމުގައި ވީ ނަމަވެސް މަގުމަތިން 7 ސައިކަލު ނުބަތަ ދެތިން ކާރު މަދުވާނެތާއެވެ. ރަނގަޅު ފެންވަރެއްގައި، ގަޑިން ގަޑިއަށް އިތުބާރު ހިފޭ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތެއް ދޭނަމަ އަމިއްލަ އުޅަނދެއް ހޯދަން އުޅޭ މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި މަދުވެގެންދާނެއެވެ.

ސަރުކާރުން ފޯރުކޮށްދޭ ހިދުމަތުގެ ބޭނުން ހިފުން

ހިލޭ ސާބަހަށް ފޯރުކޮށްދޭ ޕަބްލިކް ޓްރާންޕޯޓްގެ ހިދުމަތަކީ އޭގެ ފައިދާ އެންމެނަށްވެސް ކުރާނެ ހިދުމަތެކެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް ހައިސިއްޔަތަކުން ޓެކްސް ދައްކާ މީހެކެވެ. މި ފައިސާ ދަނީ ސިއްހީ ހިދުމަތާ، ތައުލީމާ އެފަދަ ޒަރޫރީ ބޭނުންތަކަށް ކަމަށް ވާއިރު، އެ ފައިސާއިން ދަތުރުފަތުރުގެ އިންތިޒާމުތައްވެސް ހަމަނުޖެހެންވީ ކީއްވެ ހެއްޔެވެ؟

ވަޒީފާގެ ފުރުސަތުތައް ފަހިވުން

އެކަށީގެންވާ ގޮތެއްގައި ޒަމާންވީ ފެންވަރަށް ތަރައްގީ ކޮށްގެން، ފީއަކާ ނުލާ ދޭ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތަކަށް އޮންނަ ޑިމާންޑް ބޮޑުވާނެއެވެ. މި ޑިމާންޑަށް ކޭޓާ ކުރުމަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ދަތުރުފަތުރުގެ ސިނާއަތުން ހުޅުވާލުމަށް ސަރުކާރަށް މަޖުބޫރު ވާނެއެވެ. މިއާއެކު އިތުރު ބަޔަކަށް ވަޒީފާގެ ނަސީބުވެސް ލިބުނީއެވެ.

ހުޅުމާލޭގައި ދުއްވާ އެމްޓީސީސީ ބަހެއް އެކްސިޑެންޓްވެފައި / ފައިލް ފޮޓޯ

ހިދުމަތުގެ ފެންވަރު ރަނގަޅުވުން

އާންމު ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފުޅާވަމުންދާ ވަރަކަށް އިސް މަގާމުތަކާ ޒިންމާދާރު އިސް ވެރިންވެސް މި ހިދުމަތަށް ބަރޯސާވުން އޮންނާނީ ދުރަކު ނޫނެވެ. މިއާއެކު، ހިދުމަތުގެ ފެންވަރަށްވެސް ބަދަލުތަކެއް އަންނާނެކަން ޔަގީނެވެ. ސީދާ ގެއިން އޮފީހަށް ވަޑައިގަތުމުގެ ބަދަލުގައި، ދަތުރުފަތުރުގެ ނެޓްވާކް ތަޖުރިބާ ކުރައްވަން އެ ބޭފުޅުންނަށްވެސް މަޖުބޫރުވާނެއެވެ.

ޖީބަށް ލުއިވުން

ވެހިކަލެއް ގެންގުޅުމަކީ އަތުން ބޮޑެތި ހޭދަތަކެއް ހިނގާ ކަމެކެވެ. ދައްކަންޖެހޭ ފީތަކުގެ ވާހަކަ އެއްފަރާތް ކުރުމަށް ފަހު ސައިކަލެއް ނަމަ ލޯގަނޑު ގެއްލިގެން، ކާރެއް ނަމަ ބިއްލޫރުގަނޑެއް ތަޅައިގެން ދިއުން ފަދަ ކަމެއް ދިމާވެގެން އަތުން ކުރަންޖެހޭ ހޭދައަށް ހުއްޓުން އަންނަ ތަނެއް ނުފެނެއެވެ. މީގެ ބަދަލުގައި، ފީއަކާ ނުލައި ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ފޯރުކޮށްދޭނަމަ ޒުވާނުންގެ މެދުގައިވެސް މި ހިދުމަތް މަގުބޫލު ވެގެންދާނެ ކަން ޔަގީނެވެ.

ޕާކު ކުރާނެ ތަންކޮޅެއް ނެތިގެން ގެއާއި ފަސް ހަ ބްލޮކް ދުރުގައި ޕާކު ކުރަން ޖެހުމާ، ތަންދޮރު ނޭނގޭ ވަރަށް ބޯކޮށް ވާރޭ ވެހުނަސް ހަނިގޯޅިތަކަށް ޓެކްސީ ނުވަތަ ކާރު ނުވެއްދި، ތެމި ފޯވެގެން ކުޑަގަނޑަކާ ހަނގުރާމަ ކުރަން، އަތުން ބޮޑު ޚަރަދެއް ކުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ.

މިހާރުވެސް ގިނަ ބަޔަކު ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ބޭނުން ކުރަން ޝަކުވާ ކުރަމުން ދަނީ ދައްކަންޖެހޭ ފީ އާ އެކަށީގެންވާ މިންވަރަކަށް ހިދުމަތް ފޯރުކޮށްދެމުން ނުދާތީއެވެ. އެހެންކަމުން އެއްވެސް ޝަކުވާއަކާ ނުލައި މި ހިދުމަތް ފޯރުކޮށްދޭނަމަ ޝަކުވާ ކުރާނެ ފުރުސަތެއްވެސް ނޯންނާނެއެވެ.

ސްކޫލް ބަހުގެ ވާހަކަ

ސްކޫލް ބަހުގެ ހިދުމަތަކީ އެއް ދުވަސްވަރެއްގައި ރާއްޖޭގެ އެކި ހިސާބުތަކުން ފެނުނު ހިދުމަތެކެވެ. މާލޭގައިވެސް މިކަން ކުރި ޒަމާނެއް މާޒީ ދެކުނެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުދަކޮށް، އެކުލަވާލެވޭ ހަރުދަނާ އުސޫލެއްގެ ދަށުން ސްކޫލް ބަހުގެ ހިދުމަތްތައް ފޯރުކޮށް ދިނުމަކީވެސް މާލޭގެ މަގުތަކަށް މިއަދު ކުރިމަތިވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުވާނެ އެންމެ ބޮޑު އެއް ސަބަބެވެ.

ވެމްކޯގެ ކުނި އުފުލާ ވެހިކަލް / ފޮޓޯ: ދަ ޕްރެސް

ބައެއް މައިންބަފައިން ސައިކަލް ނުވަތަ އެނޫންވެސް އުޅަނދެއް ގަންނަނީ، ދަރިފުޅުގެ ސްކޫލް ގަޑިތަކާ، އިތުރު ހަރަކާތްތައް ތާވަލު ކުރެވިފައި އޮންނަ ގޮތުން އެ ކުރަންޖެހޭ ދަތުރުތަކަށް ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމަށެވެ. ގިނަ މީހުންނަކީ ޓައީ އެޅި އޮފީހެއްގައި ނޫޅުނަސް ކޮންމެވެސް ވަޒީފާއެއް އަދާކުރާ މީހެކެވެ. ނުވަތަ ގޭތެރޭގެ އަގު ނުކުރެވޭ ބުރަ މަސައްކަތުގައި ޝާމިލުވެ އުޅެންޖެހޭ ބައެކެވެ. ވީއިރު ސްކޫލްތަކަށް ހާއްސަކޮށްގެން، ދަރިވަރުންނަށް ބަހުގެ ހިދުމަތް ދިނުމަކީ ހައްލަކަށް ނުވާނެހެއްޔެވެ. ސްކޫލް ފެށޭ ގަޑިއާއި ނިމޭ ގަޑިތައް ނުވަތަ އެނޫންވެސް އިތުރު ހަރަކާތްތައް އޮންނަ ވަގުތުތަކުގައި ސްކޫލަކާ ވީ ހިސާބަށްވެސް އެއްގަމު އުޅަނދަކަށް ނޭރި އެއް ބްލޮކެއް ވަށައިގެން ބުރު ޖަހާލަ ޖާހަލާ ތިބެން ޖެހޭ ތިބުމަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަން ޔަގީނެވެ.

ހަމަ މިއުސޫލުން، އެކި އޮފީސްތަކާ ޕްރޮފެޝަންތަކަށް ހާއްސަ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ތައާރަފު ކުރެވިދާނެއެވެ. މިއީ މުވައްޒަފުންނަށް ކުންފުންނިން ކޮށްދޭ ހިދުމަތެއްގެ ގޮތުގައި އޮތުމީ އެކުންފުންޏަކަށް ހާޒިރުވާ މުވައްޒަފުންގެ ސުލޫކަށްވެސް ބަދަލު ގެނުވާނެ ކަމެކެވެ.

އުއްމީދު އެބައޮތް؟

މިދަންނަވީ އެމީހެއްގެ ގޭ ދޮރުމަތިން ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ލިބޭނެ ވާހަކައެއް ނޫނެވެ. ކޮންމެ ގެއަކީ ބޮޑު މަގަކާ ގުޅިފައިވާ ގެއަކަށް ނުވެދާނެއެވެ. ނަމަވެސް ތަންކޮޅަކަށް ފައިމަގުގައި ހިނގާލުމަކީ ހަށިގަނޑަށް ކޮށްދެވޭ ހެޔޮ ކަމަކަށް ނުވާނެހެއްޔެވެ. ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރެ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވިސްނަގައިގެންވެސް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހިލޭ ސަބާހަށް ފޯރުކޮށް ދިނުމަކީ ނުވާނެ ކަމެއް ނޫނެވެ.

މިއީ ފިސާރި ދިގުކޮށް ބަހުސް ކުރެވިދާނެ މައުޟޫއެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މިކަން ކުރަމުން އަންނަ ގޮތަށް ބަލައިގެން އިބުރަތް ހާސިލުކުރުން ބުއްދިވެރިއެވެ. މީގެ 50 އަހަރު ކުރިން އުޅެދިޔަ މާމަ ކާފަމެންނަކީ ހިލޭ ސާބަހަށް ބޭސްފަރުވާގެ ހިދުމަތް މި ފަސްގަނޑުން ލިބިދާނެ ކަމަށް ހުވަފެނަކުން ދުށް ބަޔަކަށް ނުވެދާނެއެވެ. ނަމަވެސް، މިއަދު އެ ހިދުމަތްވެސް މި އަންނަނީ ފުޅާވެ ތަނަވަސް ވަމުންނެވެ. ވީއިރު، ހިލޭ ސާބަހަށް ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމުވެގެން ދިއުމަކީ ނުވާނެ ކަމެކޭ ނުދަންނަވާނަމެވެ.