ބަންގްލާދޭޝްގައި ކިޔަވަން ހުއްޓާ މަރުވި ހަބަރު އާންމުވި، ދިވެހި މޮޑެލް ރައުދާ އާތިފުގެ މަރާ ގުޅޭ ގޮތުން މަރު ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓު އާއިލާއިން ގަބޫލު ނުކުރާ ކަމަށް ބުނެފިއެވެ.

އޭނާގެ ބައްޕަ މުހައްމަދު އާތިފު އޭނާގެ ފޭސްބްކްގައި ބުނެފައިވަނީ، ރައުދާގެ މަރާ ގުޅެ ގޮތުން މަރު ކޮމިޝަނުން ތައްޔާރު ކުރި ކަމަށް މީޑިއާގައި ބުނާ ރިޕޯޓް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

އޭނާ ވަނީ، ރައުދާގެ މަރާ ގުޅޭގޮތުން ގިނަ ސުވާލުތައްވެސް ފެންމަތި ކޮށްފައެވެ. އެ ގޮތުން ރައުދާގެ މަރާ ގުޅެ ގޮތުން ބަންގްލާދޭޝްގެ ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ތައްޔާރު ކުރި ރިޕޯޓުގައި، ރައުދާ މަރުވީ އަމިއްލައަށްކަން ގަބޫލު ކުރާނެ އެއްވެސް ހަމައެއް ނެތް ކަމަށް އެ ގައުމުގެ އެޓާނީއެއް ކަމުގައިވާ ކަމްނުލް މުންނާރު ވިދާޅުވާ ކަމަށް ބުނެއެވެ. އަދި އެ ރިޕޯޓު ރަޖްޝާހީ ކޯޓަށް ފުލުހުން ހުށަހެޅީވެސް ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެއެވެ.

https://web.facebook.com/DrMohamedAthif/posts/10162378539095398

ރައުދާގެ ކަރުގައި ހުރި ނިޝާންތަކުގެ ފޮޓޯއާއެކު އޭނާ އިތުރަށް ބުނީ، އޮސްޓްރޭލިއާގެ ސިޑްނީ ޔުނިވާސިޓީގެ ފޮރެންސިކް ވެރިޔާ ޖޯ ޑޫ ފްލޯ ވިދާޅުވަނީ ރައުދާ ދަންޖެހުމަށް ބޭނުން ކުރި ކަމަށް ބުނާ ފޮތިގަނޑުގެ ފާހަގަ އާއި ކަރުގައި ހުރި ފާހަގަ ދިމާ ނުވާ ކަމަށެވެ.

އާތިފު ވަނީ ދިވެހި ފުލުހުންގެ އިސް ވެރިއެއް ކަމުގައިވާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒަށްވެސް ތުހުމަތުތަކެއް ކޮށްފައެވެ. އޭނާ ވަނީ ރައުދާގެ މަރުގެ ހެކިތައް ނައްތާލުމަށް ރިޔާޒު މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކޮށްފައެވެ.

އުމުރުން 21 އަހަރުގެ ރައުދާގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި، ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބުނެފައިވާކަން މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ބަންގްލަދޭޝްގެ ފުލުހުންނާ ހަވާލާދީ ކުރިން އާންމުވެފައި ވަނީ އޭނާ މަރުވީ ލޯބިވެރިޔާއާ މައްސަލަތަކެއް ޖެހިގެން ކަމަށެވެ.