އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ދިނުމަށް ދައްކާނެ އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށް އދގެ ހާއްސަ ކޯޑިނޭޓަރު ނިކޯލޭއީ މްލަޑަނޯފް ވިދާޅުވެއްޖެއެވެ.

އދގެ ހާއްސަ ކޯޑިނޭޓަރު ވިދާޅުވީ، އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ދިނުމަށް ދައްކާނެ އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށާއި، ސަރަހައްދީ އިން ހުރަސްކޮށް އިސްރާއީލާ ފަލަސްޠީނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށެވެ.

ފަލަސްތީނިއަން އިސްލާމިކް ޖިހާދުގެ މެމްބަރުންނާ އިސްރާއީލު އަސްކަރިއްޔާއާއި ދެމެދު ގައްޒާ ސަރަހައްދުގައި ބަދަލުކުރަމުންދާ ހަމަލާތައް ވަރުގަދަވަމުންދާއިރު، ވަކި މީހަކަށް ބެލުމެއްނެތި ހަމަލާ ދެމުންދާ ދިއުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އދގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ އުދުވާންތަކުގައި ޝަހީދުވި އުމުރުން އެންމެ 20 އަހަރުގެ މުޙައްމަދު އަތިއްޔާ ހަމޫދާގެ ހަށިގަނޑު ކައިރީގައި އޭނާގެ އާއިލާއިން ހިތާމަފަޅުކުރަނީ/ފޮޓޯ: ރަމީޒު ހައްބޫބު

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށިފަހުން ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 23 އަށް އަރާފައިވާކަމަށް ގައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް އދއިން ވަނީ ރިޕޯޓްކޮށްފައެވެ.

އިސްރާއީލާ ފަލަސްތީނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފަށާފައި މިވަނީ، ފަލަސްތީނިއަން އިސްލާމިކް ޖިހާދުގެ ކޮމާންޑަރާ އޭނާގެ އާއިލާ ޝަހީދުކޮށްލި ހިސާބުންނެވެ.

މްލަޑަނޯފް ވިދާޅުވީ އިސްރާއީލާ ގައްޒާއާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓުމަކަށް ގެނައުމަށް އެޖަމިއްޔާއިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.