ސުޕްރީމް ކޯޓު ކޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑުޔާރު އަބްދުﷲ އަރީފްއާ ހަވާލުކޮށްފިއެވެ.
އަރީފާއި ސުޕްރީމް ކޯޓުގެ ހިންގުން ހަވާލުކޮށްފައި މިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ނިންމާ، މި ދެ ބޭފުޅުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފައި ވަނިކޮށެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަގުތީ ގޮތުން ފަނޑިޔާރު ކަމުން ދުރުކުރުމަށް ނިންމާފައިވަނީ އެ ދެބޭފުޅުންނާއި ބެހޭ ގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މި ދެބޭފުޅުން 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާ، މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.
ޖޭއެސްސީން ބުނީ، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމް މުހައްމަދާއި ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް މި ދެބޭފުޅުން ކޮށްފައިވާ ކަމަށް އެ މައްސަލަތަކުގެ ތަހުގީގު ކޮމިޓީއަށް ފެންނަ ކަމަށެވެ. އެ ކޮމިޝަނުން ބުނީ، މި ދެ ބޭފުޅުންގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ސ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުކަމުގެ މަގާމް އެކަށީގެން ނުވާފަދަ އަމަލުތަކެއް ކަމަށެވެ.
ފަނޑިޔާރު އަރީފާ ސުޕްރީމް ކޯޓުން ހިންގުން ހަވާލު ކުރެއްވިއިރު، އޭނާ މިއަދު ވަނީ ޖޭއެސްސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރެވެ.