ބުޅަލުގެ ޖަރާސީމުން ޖެހޭ "ލާވާ މައިންރޭންސް" ފެތުރޭތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ ބުނީ މި ބައްޔަކީ ރާއްޖެއިން އަބަދުވެސް ފެންނަ ބައްޔެއް ކަމަށާއި ނަމަވެސް މިހާރު މި ބަލި ފެންނަ މިންވަރު އިތުރުވެފައި ވާ ކަމަށެވެ. މި ބަލިން ރައްކާތެރި ވުމަށް އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި މި ބަލި ޖެހިފައިވާ ކަން އެނގިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ސިއްހީ އެހީތެރި އެއްގެ އެހީތެރިކަން ހޯދުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

ލާވާ މައިގްރަންސް އަކީ ބުޅަލުގެ ޖަރާސީމުގެ ސަބަބުން ޖެހޭ ބައްޔަކަށް ވާއިރު، މިއީ ބުޅަލުގެ ނަޖިހާއި ވެލީގެ ޒަރިއާއިން ފެތުރޭ ބައްޔެކެވެ. މި ބަލި ޖެހެނީ ގައިގެ ހަންގަނޑަށެވެ. އަދި މި ބައްޔަކީ އަވަހަށް ފަރުވާ ހޯދައިފި ނަމަ ފަސޭހައިން ރަނގަޅު ކުރެވޭ ބައްޔެއް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ހަމަ އެހެންމެ ބުޅަލުގެ ސަބަބުން ޖެހޭ އެންމެ ނުރައްކާ ބައްޔަކީ ޓޮކްސޮޕްލާސްމޯސިސް އެވެ. އެއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޓޮކްސޮޕްލާސްމޯސިސް ގޮންޑައި ކިޔާ ޕެރެސައިޓަކުން ޖެހޭ ބައްޔެކެވެ. މި ޕެރެސައިޓާ ހުރެ ބައެއް މީހުންގެ ލޯ އަނދިރިވެއެވެ. ދެން ބުލަލުގެ ޒަރީއާއިން ޖެހޭ ނުރައްކާތެރި ބައްޔަކީ "ކެޓް-ސްކްރެޗް ޑިޒީޒް" އެވެ. މިއީ ބުޅާ ވަކި އެޅީމާ ލޭ ނާރަށް ފޯރާ ބާޓޮނެއްލާ ހެންސޮލޭ ކިޔާ ބެކްޓީރިއާ އަކުން ޖެހިދާނެ ބައްޔެކެވެ. މި ބެކްޓީރިއާ ބުޅަލާ ހަމައަށް ފޯރަނީ އުކުނުގެ ސަބަބުންނެވެ. "ކެޓް ސްކްރެޗް ޑިޒީޒް" ޖެހިގެން ބޮޑު ވަރު ވަނީ ދިފާއީ ނިޒާމް ބަލިކަށި މީހުންނަށާއި ދިފާއީ ނިޒާމް ބަލިކަށިކޮށްލާ ބަލިތައް ޖެހިފައިވާ މީހުންނަށެވެ. ކޮންމެ ބާވަތެއްގެ ޖަނަވާރެއް އޮޅުކޮށްގެން ގެންގުޅުނަސް، އެއީ ޖަނަވާރަކަށް ވާތީ، ރައްކާތެރި ފިޔަވަޅުތައް އަޅައިގެން އުޅުން ބުއްދި ވެރިއެވެ.